މި މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލާ އިސްލާހު ބަލައިގަނެފި

މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ކުރުކޮށް، ދެން ބާއްވާ މަޖިލިސް އިންތިހާބުތަކާއި ރިޔާސީ އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން މިއަދު ގާނޫނުއަސާސީއަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި އެވެ.ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ.މި ބިލްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.މި ބިލް ބަލައިގަންނަން ފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން މިިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.އިސްލާހުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށްވެސް އިސްލާހުގައިވެ އެވެ. އިސްލާހުގައިވާ ގޮތުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ޑިސެމްބަރު 1، 2028 އަށް ހަަމަވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން ވަނީ ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ