ރާއްޖެއާއި ލަންކާގެ 20 އަހަރުން ދަށުގެ އެންމެ ފަހުގެ ކުރިމަތިލުންތައް

ރާއްޖޭގެ އުންމީދީ ޓީމު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2026 އާއި ކުރިމަތިލަނީ މުބާރާތުގެ ތަށި ހޯދުމުގެ ވަރުގަދަ އަޒުމާ އެކުގައެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އެންމެ ފުރަތަމަ ނިކުންނާނީ އަވައްޓެރި ސްރީލަންކާއާއި ދެކޮޅަށެވެ. އެއީ މުބާރާތް ހުޅުވާ މެޗުގައި 23 ވަނަ ދުވަހުގެ ރެއެވެ.
ގަލޮޅު ދަނޑަށް މި ދެޓީމު ނިކުތުމުގެ ކުރިން މީގެ ކުރިން ކުޅުނު ބައެއް މެޗުތަކަށް ބަލާއިރު ދެ ޓީމަށްވެސް މާބޮޑު ކާމިޔާބީތަކެއް ފާއިތުވި ދެ ތިން އަހަރުވެސް ހޯދިފައެއް ނެތެވެ. ރާއްޖެއާއި ލަންކާގެ 20 އަހަރުން ދަށުގެ ޓީމު އެންމެ ފަހުން ކުޅެފައިވާ މެޗުތަކަށް ނަޒަރު ހިންގާލާއިރު ރާއްޖެއަށް ވަނީ އެއް މޮޅު ލިބިފައެވެ. ލަންކާ ވަނީ އެއް މެޗުން އެއްވަރުވެފައެވެ.
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު އެންމެ ފަހުން ކުޅެފައިވަނީ އެކުވެރިކަމުގެ ދެ މެޗެކެވެ.
އެއީ 8 މާރިޗު އަދި 11 މާރިޗުގައި ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ކުޅުނު ދެމެޗެވެ. އެގޮތުން 8 މާރިޗުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 3-4 ން މޮޅުވެފައެވެ. އަދި 11 މާރިޗުގައި ކުޅުނު މެޗުން 6-2 ރާއްޖެ ބަލިވީއެވެ.
އޭގެ ކުރިން 2024 ވަނަ އަހަރުގެ ސެމްޕެޓްބަރު 29 ގައި އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެ ޓިމޯ ލެސްޓޭއާއި ދެކޮޅަށް މެޗެއް ކުޅުނެވެ. އެ މެޗު 4-1 ން ކާމިޔާބުކުރީ ޓިމޯ ލެސްޓޭ އެވެ.
2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ގައި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ވަނީ ޔަމަނާއި ދެކޮޅަށްވެސް ކުޅެފައެވެ. އެ މެޗުން ޔަމަނުގެ 20 އަހަރުން ދަށުގެ ޓީމު އަތުން 0-3 ން ރާއްޖެ ވަނީ ބަލިވެފައެވެ.
އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައި ރާއްޖެ ވަނީ އިންޑޮނީޝިއާ އާއި ދެކޮޅަސްވެސް ކުޅެފައެވެ. އެ މެޗުން ރާއްޖެ ވަނީ 4-0 ން ބަލިވެފައެވެ.
އެންމެ ފަހުގެ 20 އަހަރުން ދަށުގެ ސާފް މުބާރާތުގައި 2024 ވަނަ އަހަރު ރާއްޖެ ހިމެނުނީ ޕާކިސްތާން، އިންޑިއާ އަދި ބޫޓާނާއެކު ގުރޫޕް ބީގައެވެ. އެހެންނަމަވެސް އެ މުބާރާތުން ޕާކިސްތާނު ވަކިވުމުން ރާއްޖެއަށް ގުރޫޕް ސްޓޭޖުގައި ކުޅެން ޖެހުނީ އިންޑިއާއި އަދި ބޫޓާނާއި ދެކޮޅަށެވެ.
އެ މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅުނީ އޮގަސްޓް 08 ގައި އިންޑިއާއި ދެކޮޅަށެވެ. އެ މެޗުގައި އިންޑިއާ ވަނީ 1-0 ރާއްޖޭގެ މައްޗަށް ކުރި ހޯދާފައެވެ. ބޫޓާނާއި ދެކޮޅަށް ރާއްޖެ ނިކުތީ އޮގަސްޓް 21 ގައެވެ. އެ މެޗު 1-2 ން ކާމިޔާބުކުރީ ބޫޓާނުންނެވެ.
ސްރީލަންކާގެ 20 އަހަރުން ދަށުގެ ޓީމު އެންމެ ފަހުން ކުޅެފައިވާ މެޗުތަކަށް ބަލާއިރު އެޓީމު ވަނީ އޭޝިއަންކަޕް ކޮލިފައިންގައި 2024 ވަނަ އަހަރު ސެޕްޓެމްބަރު 29 ގައި މެލޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 1-1 ން އެއްވަރުވެފައެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންގެ 20 އަހަރުގެ ދަށުގެ ޓީމާއެކު ސެޕްޓެމްބަރު 25 ގައި ލަންކާ ކުޅުނު މެޗުން ވަނީ 5-0 ން ބަލިވެފައެވެ. އަދި ސެޕްޓެމްބަރު 23 ގައި ތަޖިކިސްތާނާއި ދެކޮޅަށް ކުޅުނު ކޮލިފައިން މެޗުން ލަންކާވަނީ 0-3 ން ބަލިވެފައެވެ.
އަދި ނޯތު ކޮރެއާ އަތުން ސެޕްޓެމްބަރު 21 ގައި ވަނީ 4:0 ން ވަނީ ބަލިވެފައެވެ.
އަދި އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި 2024 ވަނަ އަހަރު އޮގަސްޓް 20 ގައި ސްރީލަންކާ ވަނީ ބަނގްލަދޭޝް އަތުން 2-0 ން ބަލިވެފައެވެ. އަދި 1-0 ން ނޭޕާލް އަތުންވެސް ވަނީ ބަލިވެފައެވެ.
މި ނަތީޖާތަކާއެކު ރާއްޖެ އާއި ލަންކާއިން ބައިނަލްއަގްވާމީ ބޮޑު މުބާރާތަކަށް ނިކުންނައިރު ދެ ޓީމުން ވަނީ ހެޑް ކޯޗުންގެ މަގާމަށް ތަޖުރިބާކާރު ކޯޗުން ގެނެސްފައެވެ. އެގޮތުން ލަންކާ ޓީމުން ވަނީ ހެޑް ކޯޗުގެ މަގާމަށް އަހުމަދު އަލް މަންނައި ހަމަޖައްސާ ޓީމަށް ލަންކާއަށް ނިސްބަތްވާ އެހެނިހެން ގައުމުތަކުގައި އުޅޭ މޮޅު ކުޅުންތެރިން ހޯދާފައެވެ.
ބޭރު ގައުމުތަކުގައި އުޅޭ ކުޅުންތެރިންނަށް ފޯކަސް ބަހައްޓައިގެން 250 ކުޅުންތެރިންނާއެކު ބޭއްވި ޓްރަޔަލްސްއަށްފަހު އެކުލަވާލި ސްކޮޑުގެ 31 ކުޅުންތެރިންވަނީ ޓްރޭނިން ކޭމްޕުގައިވެސް ހިމަނާފައެވެ.
ރާއްޖޭން ވަނީ 20 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތައް ހޯދައިދީފައިވާ ހަންގޭރީގެ އިސްޓަވާން އުރުބާނީ ހަމަޖައްސާފައެވެ. ރާއްޖޭން ޓީމު އެކުލަވާލުމަށް ބޭއްވި ޓްރަޔަލްގައި 156 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ