އެސްއެމްއީ ޑިޖިޓަލްގެ މާލީ އެހީ 4000 އަށްވުރެ ގިނަ ވިޔަފާރިއަށް

ފާއިތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއްޖެއެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްގެން 2019 ގައި ޤާއިމްކޮށްފައިވާ ތަނެކެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާއެވެ. އެ ކުންފުނިން ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
2019ވަނަ އަހަރު 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފެށި މި މުއައްސަސާއިން މިހާރު ވަނީ، ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
• އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން
• ހިނގަމުންދާ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ޚާއްޞަ މާލީ އެހީތެރިކަން
• ފަތުރުވެރިކަމާއި ގެސްޓްހައުސް ދާއިރާ އިތުރަށް ފުޅާކުރުން
• ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރި ކުރުމަށް ހިންގާ ތަފާތު ސްކީމްތައް
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގ ފުރުޞަތުތަކުގެ އެހީގައި އާ ޚިޔާލުތައް ވަނީ އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެފައެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިޤްތިސާދީ ގޮތުން ބާރުވެރި ކުރުމަށް، އެސްއެމްއީ ޑިޖިޓަލްއިން ވަނީ މާލީ މިނިވަންކަން ކަށަވަރު ކޮށްދޭނެ ޚާއްޞަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައެވެ.
އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ބައްޓަން ކޮށްފައިވަނީ، ހުރިހާ ސިނާޢަތްތައް ހިމެނޭހެން ކަމުން އެކި ދާއިރާތަކަށް ބޭނުންވާ ފަދަ މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށެވެ. އެހެންކަމުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދު ފަހަރާއި، މުދާ އުފުލާ ބޯޓުފަހަރު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއެވެ.
ކުރިއަރަމުން އަންނަ ޑިޖިޓަލް އިޤްތިސާދަށް ބަލާއިރު، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފޮޓޯގްރާފަރުން އަދި ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި، ޓެކްނޮލޮޖީ ހޯދުމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ދަނީ ފައިނޭންސިންގ ފޯރުކޮށްދެމުންނެވެ.
ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމުގައިވާއިރު، މިދާއިރާގައި ގެސްޓްހައުސްތައް އިމާރާތް ކުރުމަށާއި، މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ދާދިފަހުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުންވެސް ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރި ކުރުވުމާއި، އަންހެންނުން އިސްވެ ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް ތަފާތު އެކި ގޮތްގޮތުން މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައިއެވެ.
އެސްއެއްމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްގެ މާލީ އެހީއާއެކު ގިނަ ދާއިރާތަކަކުން އައު ވިޔަފާރީތަކެއް ފަށާފައިވާ ކަމަށެވެ. ޒުވާނުން ވިޔަފާރީގައި ހަރަކާތްތެރިވުމާއި، އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ އިތުރުން އަންހެނުންނަށް ޚާއްޞަ ކޮށްގެން ދޭ މާލީ އެހީތެރިކަމުގެ ސަބަބުން އަންހެނުންނަށް މާލީގޮތުން މިނިވަންކަން ލިބި އާއިލާތަކަށް ގަދަރުވެރި ދިރިއުޅުމެއް އުޅޭވޭނެ މަގު ތަނަވަސްކޮށްދެވިފައިވާ ކަމަށެވެ.
"ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް ދިމާވި ގޮންޖެހުންތަކަށް ޙައްލު ހޯދައިދީ ރާއްޖޭގެ އިޤްތިސާދުގައި ކުދި ވިޔަފާރީގެ ޙިއްސާ ކުރިއަށް ވުރެ ބޮޑަށް އިތުރު ކޮށްދެވިއްޖެ." ބަދުރުއްދީން ވިދާޅުވިއެވެ.
ކުންފުނީގެ މިހާރުގެ އަމާޒަކީ، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް އަމަލު ކުރާ އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސިންގގެ ޚިދުމަތް ދޭ މުއައްސަސާއަކަށް ބަދަލުވުން ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ދަށުން ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި އިދާރާގެ ހުރިހާ ޚިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކެއް ތަޢާރަފުކޮށްފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މީގެއިތުރުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިން ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެސްއެއްމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ