ނިއުކްލިއާ ސިޔާސަތު ބަދަލެއް ނުވާނެ؛ ހޮރްމުޒް ކަނޑުއޮޅިއަށް އާ ގޮތްތަކެއް ބޭނުންވޭ: އީރާން

އީރާނުގެ ލީޑަޝިޕަށް ފަހަކަށް އައިސް ބަދަލުތަކެއް އައި ނަމަވެސް، ނިއުކްލިއާ ހަތިޔާރާ މެދު އެ ގައުމުން ގެންގުޅޭ ސިޔާސަތަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.
ނަމަވެސް، އެ ގައުމުގެ އާ ރޫހާނީ ލީޑަރުގެ ވިސްނުން އަދި ރަސްމީކޮށް ހާމަކުރައްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ، ކުރީގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ ނިއުކްލިއާ ހަތިޔާރާ ދެކޮޅަށް ނެރުއްވާފައިވާ ދީނީ ފަތުވާއާ އެއްގޮތަށް، ފަނާކުރަނިވި ހަތިޔާރާ އީރާނުން އަދިވެސް ދެކޮޅު ހަދާ ކަމަށެވެ.
އަރާގްޗީ އިތުރަށް ވިދާޅުވީ، އީރާނުގެ އާ ލީޑަރު މުޖުތަބާ ހާމަނާއީގެ ނިންމެވުން އަދި ކަނޑައަޅަން ނޭނގޭ ކަމަށާއި އެފަދަ ފަތުވާތައް ބިނާވެފައި އޮންނަނީ އެ ފަތުވާއެއް ނެރުއްވާ ބޭފުޅެއްގެ މައްޗަށް ކަމަށެވެ.
ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ހޮރްމުޒް ކަނޑުއޮޅިއާ މެދު ގެންގުޅޭ އުސޫލަށް ބަދަލެއް އަތުވެދާނެ ކަމުގެ އިޝާރާތެއް އީރާނުން ވަނީ ދީފަ އެވެ. އެގޮތުން، ހަނގުރާމައަށް ފަހު އާ އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ހުށަހަޅާފަ އެވެ.
އަރާގްޗީ ވިދާޅުވީ ސަރަހައްދީ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން މުދާ އުފުލުމުގެ ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުމަށް ގަލްފުގެ ގައުމުތަކުން ޕްރޮޓޮކޯލެއް އެކުލަވާލަންޖެހޭ ކަމަށެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށް، އެމެރިކާ، އިޒްރޭލު އަދި އެ ގައުމުތަކުގެ ބައިވެރިންނަށް "އެއް ލީޓަރުގެ ތެޔޮ ވެސް" ގެންދިޔަ ނުދޭނެ ކަމަށް ބުނެފަ އެވެ.
އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދޭ ކަމަށް ބުނެ ކުރެވޭ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަރާގްޗީ ވިދާޅުވީ، އީރާނުގެ ފައުޖުތަކުން އަމާޒުކުރީ އެމެރިކާގެ މަރުކަޒުތަކަށް ކަމަށާއި އެ ތަންތަން ހުރީ ސިޓީތަކާ ކައިރީގައި ކަމަށެވެ.
"އެމެރިކާގެ ސިފައިން ތިބި ކޮންމެ ތަނަކަށް ހަމަލާދިން. އޭގެ ތެރެއިން ބައެއް ތަންތަނަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައި ހުރި ތަންތަނަށް ވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ގައުމުތަކަށް މީގެ އަސަރުކޮށްފައިވާކަން ގަބޫލުކުރައްވަމުން އަރާގްޗީ ވަނީ މި ހަމަނުޖެހުމުގެ ޒިންމާ ވޮޝިންޓަނުގެ ބޮލުގައި އަޅުވާފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ މަހުގެ 28ގައި ހަނގުރާމަ ފެށުމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާ ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ހައްލެއް ލިބޭނީ ވެސް ދާއިމީކޮށް ހަމަލާތައް ހުއްޓާލައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ