މިއަދު ހެނދުނު ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ އިރިކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާކަން ސީސީޓީވީ ފުޓޭޖުން އެނގިއްޖެ އެވެ. އަދި އެ ގޭގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގީ އޭނާ އެ ގެއަށް ވަދެ ކުރި ކަމެއްގެ ސަބަބުންނެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 11 ހާއިރު ރޯވެފައި ވަނީ ދެ ފަންގިފިލާއަށް ހުންނަ ގ. ހިޔާރޯދި ގޭގަ އެވެ. މި ގެއަކީ މީހުން ދިިރިނޫޅޭ، ކަރަންޓު ވެސް ނުހުންނަ ގެއެކެވެ. އެ ގޭގެ ސީސީޓީވީ ފުޓޭޖް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
ތަފްސީލު - އެ ގެއަށް ނިސްބަތްވާ ބައެއް މީހުންނާއި އަވަށްޓެރިންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ހިޔާރޯދި ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫނެވެ. ނަމަވެސް އެ ގެ ސާފު ކުރުމަށް އޮތީ ބަޔަކާ ހަވާލުކޮށްފަ އެވެ.
"އެހެންވެ މިއަދު ހެނދުނު 9 އިން ފެށިގެން ބިދޭސީ މަސައްކަތްތެރިން އުޅުނު އެ ގޭގައި ހުރި ތަކެތި ނެރުމުގައި،" އަވަށްޓެރިއަކު ބުންޏެވެ.
އެ ގެ ސާފު ކުރުމުގެ ގޮތުން ގެއިން ނެރެފައި ހުރި ބައެއް ބާ މުދާތައް މަގަށް ނެރެފައިވެ އެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އަލިފާން ރޯވުމުގެ ހަތް މިނިޓެއްހާއިރު ކުރިން ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް ޕާކަށް ޖަހައި، އެ ގެއަށް ވަދެ އެވެ. އޭރު ބިދޭސީ ބައެއް މަސައްކަތްތެރެއިން ތިބީ ދެވަނަ ފަންގިފިލާގަ އެވެ. ގެއަށް ވަތް މީހާ ގާތްގަނޑަކަށް ހަތް މިނެޓު އެ ގޭގައި ހޭދަ ކުރެ އެވެ. ބެލެވޭ ގޮތުގައި އޭނާ އެރީ އެއް ވަނަ ފަންގިފިލާއަށް ކަމަށް ބިދޭސީން އަދި އެ ގެއަށް ނިސްބަތްވާ މީހުން ބުނެ އެވެ.
"އެ ވަގުތު ގޭ ތެރޭގައި ތިބި އެއްވެސް ބިދޭސީއަކަށް ނުފެނޭ އޭނާ ވަތް ތަނެއް. ބިދޭސީން ތިބީ އޭރު ދެ ވަނަ ފަންގިފިލާގައި. ފުރަތަމަ ދުން އަރަން ފެށީ ވެސް ފުރަތަމަ ފަންގިފިލާއިން،" އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެެ.
އެ މީހާ އެ ގެއިން ނުކުމެގެން ސައިކަލަށް އެރުމުގެ ކުރިން، ފަސް އެނބުރި އިމާރާތަށް ބަލާ ތަން ވެސް ފެނެ އެވެ. އަދި އަލިފާން ރޯވެ، ދުން އަރަން ފެށީ އެ ފިރިން މީހާ އެ ގެއިން ނުކުތްތާ މި މިނިޓެއްހާއިރު ފަހުންނެވެ.
ޓައިމްލައިން:
10:33 - އެ މީހާ އެ ގެއަށް ވަނުން
10:39 - އެ މީހާ އެ ގެއިން ނުކުތުން
10:40 - އަލިފާނުގެ ސަބަބުން ދުން އަރާ ތަން އެ ގޭގެ ބޭރުގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް ފެނުން
10:40 - ބޭރުގައި ތިބި ބިދޭސީން ގޮވުމުން، އެތެރޭގައި ތިބި ބިދޭސީ މަސައްކަތްތެރިން އިމާރާތުން ނުކުތުން
އެ ގޭގެ މީހުން ބުނި ގޮތުގައި، އެ ގޭގައި ހުންނާނީ ބާލަކުނޑިގެ ފަރުނީޗަރު ފަދަ ތަކެއްޗެވެ. އެހެންވެ ފަސޭހައިން އަލފިާން ފެތުރިގަންނާނެ އެވެ.
"ބެލެވެނީ ހަމަ ރޯކޮށްލީ ކަމަށް. އޮޅުމަކުން އެތަނުގައި ރޯ ނުވާނެ،" އެ ގެއަށް ނިސްބަތްވާ މީހަކު ބުންޏެވެ.
އެ ގޭގެ އަލިފާން ކޮންޓްރޯލްވީ ގަޑިއިރަކަށް ވުރެ ގިނަ އިރު ފަހުންނެވެ. ނިއްވާލިއިރު މުޅި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އަލިފާނުގެ ސަބަބުން ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ވެސް އޭގެ އަސަރުކޮށްފައިވެ އެވެ.
އަލިފާން ރޯވުމުގެ އިރުކޮޅެއް ކުރިން މީހަކު ވަތް؛ 'ބެލެވެނީ ރޯކޮށްލީ ކަމަށް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ