ފީފާގެ 1.3 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުން ކޮންގޯ އެފްއޭގެ ރައީސް އުމުރަށް ޖަލަށް

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ކޮންގޯ އަށް ދިން 1.3 މިލިއަން ޑޮލަރު އަމިއްލަ ބޭނުންތަކަށް ހަރަދު ކުރުމުގެ ކުށުގައި އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖީން ގާއި ބްލައިސް މަޔޯލެސް އުމުރު ދުވަހަށް ޖަލަށް ލައިފި އެވެ.
2018 ވަނަ އަހަރުން ފެށިގެން ކޮންގޯގެ އެފްއޭގެ ރައީސްކަން ކުރަމުން ދިޔަ މަޔޯލެސްގެ މައްޗަށް މިދިޔަ ހަފުތާގައި ހުކުމްކުރިއިރު މި މައްސަލާގައި އޭނާގެ އަންހެނުންނާއި ދަރިފުޅަށް ވެސް ދައުވާ ކުރެ އެވެ. މަޔޯލެސްގެ މައްޗަށް އެ ގައުމުގެ އިދާރާތަކުން ދައުވާ ކުރަނީ ލޯންޑްރިން އާއި ވައްކަމާއި މަކަރު ހެދުމުގެ މައްސަލަތަކުގަ އެވެ.
މި މައްސަލާގައި ކޮންގޯގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެހެން ދެ އޮފިޝަލަކު ވެސް މިހާރު ވަނީ ފަސް އަހަރަށް ޖަލަށްލައިފަ އެވެ. މަޔޯލެސްގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. މިއާއެކު ފީފާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މަޔޯލެސް އާއި އޭނާގެ ޖެނެރަލް ސެކްރެޓަރީ ސަސްޕެންޑް ކޮށްފަ އެވެ.
ކޮންގޯގެ ސަރުކާރުގެ އިދާރާތަކުން މި މައްސަލަ ބަލަން ފެށީ ފީފާއިން މަޔޯލެސް ސަސްޕެންޑް ކުރި ހިސާބުންނެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ޕްރޮސެކިއުޓަރުން ބުނަނީ ފީފާއިން ކޮންގޯގެ ފުޓްބޯޅަ ކުރިއަރުވަން 1.3 މިލިއަން ޑޮލަރުގެ ދީފައިވަނީ މައިގަނޑު ދެ ޕްރޮޖްކެޓަކަށެވެ. އެއީ އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށާއި ގައުމީ ފެންވަރުގެ ޓްރޭނިން ސެންޓަރެއް ބިނާ ކުރުމަށެވެ. މީގެ ތެރެއިން ފަސް ލައްކަ ޑޮލަރު ދީފައިވަނީ އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވައި ގައުމީ ޓީމު ވަރުގަދަ ކުރުމަށެވެ.
ކޮންގޯގެ ކުލަބުތަކުގެ ވެރިން މި ތަހުގީގަށް މައުލޫމާތު ދެމުން ބުނެފައިވަނީ 2021 ވަނަ އަހަރު ކޮވިޑް ރިލީފް ފަންޑުގެ ގޮތުގައު ފީފާއިން ދީފައިވާ ފައިސާގެ ތެރެއިން ކުލަބުތަކަށް ލިބިފައިވަނީ ޖުމުލަ ވިހިހާސް ޑޮލަރު ކަމަށެވެ. އަދި ފީފާއިން ނެޝަނަލް ޓްރޭނިން ސެންޓަރު އަޅަން އަށް ލައްކަ ޑޮލަރު ދީފައިވާއިރު އަށް އަހަރު ފަހުން އެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލިއިރު ގިނަ މަސައްކަތްތަކަށް ހުރީ ނުނިމި ކަމަށާއި މިހާރު އެތަން ހުރީ މަޑުމަޑުން ހަލާކުވަމުންދާ ހާލަތުގައި ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. އަަދި މަޔޯލެސް ފީފާގެ ފައިސާ ބޭނުން ކޮށްފައިވަނީ ކުދިކުދި ކަރުދާސް ކުންފުނިތަކެއް މެދުވެރިކޮށް ކަމަށެވެ.
ރާއްޖޭގައި ވެސް ދާދި ފަހުން ވަނީ މިފަދަ މައްސަލައެއް ހިނގާފަ އެވެ. ފީފާއިން ކޮވިޑް ރިލީފްގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރުން އެޕާޓްމަންޓެއް ގަތް މައްސަލާގައި އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލްގެ މައްޗަށް ކުށް ސާބިތުވެ ޖުމުލަ 30 އަހަރަށް އޭނާ ވަނީ ޖަލަށް ލައިފަ އެވެ. ނަމަވެސް މި މައްސަލަތައް މިހާރު ވަނީ އިސްތިއުނާފު މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ