ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ކުޅުދުއްފުށީގައި ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރުމަށް ރަށު ފެންވަރުގައި ފިޔަވަޅުތަކެއް އަޅަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާއެކު ތެލުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަންނަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.
އަންގާރަދުވަހުގެ ރޭ ސިޓީ ކައުންސިލްގައި ބޭއްވި ކުއްލި އާންމު ބައްދަލުވުމުން ފައްޓަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ވާހަކަދެއްކިފައިވާ ކަމަށާއި ތެޔޮ ލިބުމުގައި ދަތިތަކެއް ރާއްޖެއަށް ނެތް ކަމަށާއި ތެޔޮ ގެނެވޭނެ އެހެން މަގުތައް ބަލަމުންދާކަމަށް މިނިސްޓަރު މައުލޫމާތުދެއްވިކަމުގައި އާތިފް ވިދާޅުވި އެވެ.
ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ރަށު ފެންވަރުގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކައުންސިލަރުން ވަނީ 7 ކަމެއް ހުށަހަޅައި ފާސްކޮށްފަ އެވެ.
އިރާން ހަނގުރާމައާ ގުޅިގެން ރަށު ފެންވަރުގައި ހަރަދުކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވާރަކުރުމަށް އަންގާރަ ދުވަހު ރޭ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--ކޭއޯފޮޓޯ
އިރާން ހަނގުރާމައާ ގުޅިގެން ރަށު ފެންވަރުގައި ހަރަދުކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވާރަކުރުމަށް އަންގާރަ ދުވަހު ރޭ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--ކޭއޯފޮޓޯ
ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ރަށު ފެންވަރުގައި ކުރަން ނިންމި ކަންތައްތައް:
- ތެލާ، ގޭހާއި ފެން އަދި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ހަފްތާއަކުން މޮނިޓާކުރުން.
- ހަރަދުކުޑަކުރުމަށް ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމުގެ ގޮތުން ސޯޝަލް މީޑިއާ ކެމްޕެއިން ހިންގުން.
- ރަށްރަށަށް ކަނޑައަޅާފައިވާ ސޯލާ ކޯޓާގެ ޕަސެންޓޭޖް ބޮޑުކުރުމަށް އެދި މިނިސްޓްރީއަށް ލިޔުމަށް.
- ރަށުގެ ޕާކްތަކާއި މައިޒާންތައް ރޭގަނޑު 12 ގެ ފަހުން ނިއްވާލުން.
- ނާޒުކުރު ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ދަނޑު ބިންތަކުގައި އެ މަސައްކަތް ކުރުމަށް ހުއްދަ ދިނުމަށް ހުޅުވާލުން.
- ފަގީރު ހާލަތުގައި ތިބި ފަރާތްތަކުގެ ހާލަތު ބަލައި ކާބޯތަކެތީގެ ދަތިކަން ހުރިނަމަ އެ ކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުން.
- ތެލާއި ގޭހުގެ ވިޔަފާރިއަށާއި ދަނޑުވެރިކަންކުރުމަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކުގެ ހުއްދަ ދޫކުރުމަށާއި ހަނގުރާމައިގެ ހާލަތުގައި އަސާސީ ހިދުމަތްތަކާއި މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ސާފު މައުލޫމާތާއި ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ގޮވާލާ ގަރާރެއް ނެރުން.
މި 7 ނިންމުންވެސް ފާސްވި ބައްދަލުވުމުގައި ބައިވެރި ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ