އަގުހެޔޮ ފްލެޓްތައް އަޅަން ހުޅުވާލައިފި؛ ކޮންޓްރެކްޓަރުންނަށް ލުއިތަކެއް

ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ލިބޭގޮތަށް ހުޅުމާލޭގައި 1000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭ އުސޫލުތަކަށް ގެނައި ބަދަލުތައް ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
ކުރީގެ އުސޫލު ބުނާގޮތުން މުޅި މަޝްރޫޢަށް ހޭދަވާ ޖުމުލަ ޚަރަދު ޑިވޮލޮޕަރު ދައްކާނެކަމުގެ "ޕްރޫގް އޮފް ފަންޑް" ހުށައަޅަންޖެހެއެވެ، ނަމަވެސް އުސޫލަށް ގެނައި ބަދަލުގައި ބުނެފައިވަނީ މިހާރު ހުށައަޅަން ޖެހޭނި މަޝްރޫޢުއަށް ހޭދަވާނެކަމަށް އަދަދު ބަޔާންކޮށް، މާލީ އިދާރާއަކުން ދޫކުރާ "ލެޓަރ އޮފް ކޮމްފޯޓް"ކަމަށެވެ. އަދި ޑިވެލޮޕަރަށް ދޭ ލުއިތަކެއްގެ ގޮތުން، ޕްރޮޖެކްޓަރ އާއްޖެއަށް އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ މާފުކުރުމާއި އަދި ފްލެޓް ގަންނަ މިހާއަށް އިންޝުއަރެންސް ފޯރުކޮށްދޭންޖެހޭގޮތަށް އޮތް އޮތުންވެސް ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން ޖޮއިން ވެންޗަރތައް ކުންފުނިތަކުގެ ޕްރޮޖެކްޓްގައި ބައިވެރިވެވޭނެ އުސޫލަށްވެސް ބައެއް ބަދަލު ގެނެސްފައިވެއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ 5 ބަޔަކަށް ބަހާލައިގެން، ކޮންމެ ޕެކޭޖަކީ 200 ހައުސިން ޔުނިޓްގެ ގޮތުގައެވެ. އެއް ކުންފުންޏަކަށް ގިނަވަގެން ދެވޭނީ 400 ހައުސިން ޔުނިޓްގެ މަސައްކަތެކެވެ. އެއީ މި ޕްރޮޖެކްޓްގައި ވީހާވެސް ގިނަ ދިވެހި އަމިއްލަ ކުންފުނިތަކަށް ފުރުޞަތު ހޯދައިދިނުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުއަކީ ހުޅުމާލެ ފޭސް 3ގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފައިވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެ ވުޒާރާއިން ވިދާޅުވީ ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުންކަމަށެވެ.
ތިން ކޮޓަރިއާއި ދެ ކޮޓަރީގެ އެޕަރޓްމަންޓްތައް ހިމެނޭއިރު، 3 ކޮޓަރީގެ އަގަކީ އެންމެ ބޮޑުވެގެން 2.3 މިލިޔަން ރުފިޔާއެވެ. އަދި ދެ ކޮޓަރި ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިޔަން ރުފިޔާއެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށައެޅުމަށް ކުރިން ނިންމާފައިވަނީ މިމަހުގެ 23ވަނަ ދުވަހަށް ނަމަވެސް، މި ގެނައި ބަދަލުތަކާއެކު މިހާރު ވަނީ މިމަހުގެ 31އަށް ވަގުތު އިތުރުކޮށްފައެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން 7900 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް އެކި މަރުޚަލާގައި ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ