އިރާން މެޗުތައް މެކްސިކޯ އަށް ބަދަލުނުކުރަން ފީފާ އިން ނިންމައިފި އިރާން މެޗުތައް މެކްސިކޯ އަށް ބަދަލުނުކުރަން ފީފާ އިން ނިންމައިފި

ޒިއުރިކް (މާޗް 18) - މި އަަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާނުން ކުޅެން ޖެހޭ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯގައި ކުޅެން އިރާނުން ހުށަހެޅި ޕްރޮޕޯސަލް ބަލައިނުގަންނަން ފީފާ އިން ނިންމައިފި އެވެ.
ޖޫން 12، ގައި، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ މި އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމިކަން އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ނިންމެވީ، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅޭތީ އެވެ. އޭނާ ވިދާޅުވީ އެމެރިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށެވެ. އެކަމަކު، އިރާން ފުޓްބޯޅަ ފެޑެރޭޝަނުން އައީ، އެމެރިކާގެ ބަދަލުގައި، އިރާންގެ މެޗުތައް މެެކްސިކޯގައި ކުޅެވޭނެ ގޮތެއް އޮތްތޯ، ފީފާއާ އެކު ވާހަކަ ދައްކަމުންނެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.
ފީފާ އިން ނިންމާފައިވަނީ، މިހާރު އޮތްގޮތަށް ނޫން ގޮތަކަށް މެޗުތަކުގެ ޝެޑިއުލް ބަދަލުކުރެވެން ނެތް ކަމަށެވެ.
އިރާނުން ފީފާއާ އެކު ބޭއްވި މަޝްވަރާތަކުގައި، ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި، އިންޑިއާ އާއި ޕާކިސްތާނުން ގެންގުޅޭ، ހޯސްޓުކުރުމުގެ ހައިބްރިޑް މޮޑެލް އަށް ކުރިއަށްދާން ހުށަހެޅި އެވެ. ސިޔާސީ ހަމަނުޖެހުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައި، ކްރިކެޓް ވޯލްޑް ކަޕްގައި، ޕާކިސްތާންގެ މެޗުތައް ކުޅުނީ ސްރީ ލަންކާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ