ދެ އިންތިޚާބު އެކުގައި ބޭއްވުމަށް އަދާލަތުން ވެސް ތާއީދުކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް, އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ. އަދާލަތު ޕާޓީން ބުނިގޮތުގައި އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ، އެ ޕާޓީގެ އައު ރައީސް ޝައިޚް މުޙައްމަދު ޝިފާންގެ ރިޔާސަތުގައި ބޭއްވި މަޝްވަރާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރެއްވުމަށްފަހު، އަޣުލަބިއްޔަތުންނެވެ. ޢަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކޮށް ނިންމި ނިންމުމެއް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމެވެ. މި ބަދަލު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ވަނީ ހިމަނައިފައެވެ. https://www.sun.mv/219332 މި މުހިންމު ވޯޓާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިން ވެސް ވަނީ މި އިޞްލާޙަށް ތާއީދުކޮށް، "ފެންނަކަމަށް" ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލައިފައެވެ. މި ޕާޓީތަކުން ދެކޭ ގޮތުގައި ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ބަޖެޓުން އިންތިޚާބުތަކަށް ކުރަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެކެވެ. އަދި މިއީ ރައްޔިތުންނަށް ވެސް ވޯޓުލުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ބަދަލެއްކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ދަނީ މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވައިލުމަށާއި، މަޖިލީހުގެ ދައުރު ކުރުކުރުމަށް ސަރުކާރުން ރާވައިގެން ހިންގާ ކަމެކެވެ. މި މައްސަލައިގައި އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި އެދިފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް މަޖިލީހުގެ އުމުރު ކުރުކުރުމަށް ކުރާ މަސައްކަތް ހުއްޓުވައިދިނުމަށާއި، މި ވޯޓަކީ ޣައިރު ޤާނޫނީ ވޯޓެއްކަމަށް ކަނޑައަޅައިދިނުމަށެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ނަގާ މި ފެންނަ ނުފެންނަ ވޯޓަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ނެގޭ ވަރަށް މުހިންމު ވޯޓެކެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ މި ވޯޓުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ