އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބައްދަލުވުން މަހެއްހާ ދުވަހަށް ނުވަތަ ފަސްވަރަކަށް ހަފުތާއަށް ފަސްކުރުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި އޭނާ ވޮޝިންގްޓަންގައި މަޑުކުރެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
"އަހަރެން ޗައިނާއަށް ދާން ބޭނުން، އެކަމަކު މި ހަނގުރާމައިގެ ސަބަބުން މިވަގުތު މިތަނުގައި ހުރުން މަޖުބޫރު ކަމަށް އަހަރެން ދެކެން." ރައީސް ޓްރަމްޕް އޯވަލް އޮފީހުގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.
މި ދަތުރުފުޅު ކުރިން ރާވަލުކޮށްފައި އޮތީ މާރިޗު 31 އިން އޭޕްރިލް 2 ގެ ނިޔަލަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކަށް މިހާރު ވަނީ ތިން ހަފުތާ ވެފައެވެ. މި ހަނގުރާމައިގެ ތެރޭގައި އީރާނުގެ ރޫޙާނީ ލީޑަރު ޢާޔަތުالله ޚާމަނާއީ އަވަހާރަވެފާވާއިރު، އީރާނުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދެމުންނެވެ.
މި ހަމަލާތަކުގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، 200 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް، އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި މަގު އަލުން ހުޅުވުމަށް އެހީތެރިވުމަށް ރައީސް ޓްރަމްޕް ވަނީ ޗައިނާގެ ކިބައިން އެދިވަޑައިގެންފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ޗައިނާއިން މިކަމުގައި އެހީތެރިނުވާނަމަ ބައްދުލުވުން ފަސްކުރާނެ ކަމުގެ އިންޒާރުވެސް ރައީސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ދަތުރުފުޅު ފަސްކުރި ނަމަވެސް، ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށާއި، ރައީސް ޝީއާއެކު އޮތީ ގާތް ގުޅުމެއް ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް، މި ފަސްކުރުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ މައްސަލަތަކާއި، ޓައިވާން އަދި ޓެރިފް މައްސަލަތަކާ ބެހޭގޮތުން ކުރަން ހަމަޖެހިފައިވާ މަޝްވަރާތައް މަޑުޖެހިގެންދާނެ ކަމަށް އިޤްތިސާދީ މާހިރުން ލަފާ ކުރެއެވެ.
ޓްރަމްޕް ޗައިނާއަށް ކުރަން ނިންމި ދަތުރު ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ