ދަށް ރޭޓެއްގައި ލޯން ނަގާ ކަމަށް ދައްކަން، ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް އޮޅުވާލަން އެބަ އުޅޭ: އަމީރު
މި އަހަރު ރާއްޖޭން ދައްކަން ޖެހޭ ލޯނު އަނބުރާ ދައްކަން ލޯނެއް ނަގާއިރު، އެއީ އިންޓްރެސްޓް ދަށް ރޭޓެއްގައި ނަގާ ލޯނެއް ކަމަށް ދައްކަން، ސަރުކާރުން އޮޅުވާލަން އުޅޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ތުހުމަތު ކުރައްވައިފިއެވެ. މި އަހަރު ރާއްޖޭން އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހެއެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނެއެވެ. އަދި، އެ މަހު ދައްކަންޖެހޭ އިތުރު 100 މިލިއަން ޑޮލަރުގެ ދަރަންޏެއް ވެސް އެބައޮތެވެ. އެ ދަރަނި ދައްކަން ސަރުކާރުން، އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލްއިން 300 މިލިއަން ޑޮލަރުގެ ލޯނެއް، 14 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި ނަގަން އުޅޭ ކަމަށް ޚަބަރު ވަނީ ފެތުރިފައެވެ. https://sun.mv/217598 އެ ވާހަކަތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސުކޫކު ރީފައިނޭންސް ކުރާނީ ވޭތުވެދިޔަ ސަރުކާރުތަކާ ޚިލާފަށް، އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި އަމީރު އެކްސްގައި މިއަދު ލިޔުއްވާފައިވަނީ ރައީސް އެހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެފައިވުމުން، ލުއި ލޯން ނޫން ގޮތަކަށް، ރާއްޖެއަށް ނުވަ ޕަސެންޓުގައި ލޯނެއް ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ. އެހެންވެ، އޭނާ ތުހުމަތު ކުރެއްވީ، ސަރުކާރުން އުޅެނީ 14 ޕަސެންޓުގައި ލޯނު ނަގައި، އެއީ ނުވަ ޕަސެންޓުގައި ނަގައިފައިވާ ލޯނެއްގެ ގޮތުގައި ދައްކަން އޮޅުވާލަން އުޅޭ ކަމަށެވެ. https://x.com/iameeru/status/2021829530525331662 އަމީރު ލަފާ ކުރެއްވި ގޮތުގައި ސަރުކާރުން އުޅެނީ، ސީދާ ސަރުކާރުން 14 ޕަސެންޓުގައި ލޯނު ނެގުމުގެ ބަދަލުގައި، ދައުލަތުގެ ކުންފުންޏެއް ލައްވައި 14 ޕަސެންޓުގައި ލޯނު ނަގާށެވެ. އެއީ އެ ކުންފުންޏަކުން ސަރުކާރަށް ނުވަ ޕަސެންޓުގައި ލޯނު ދޭ ގޮތަށެވެ. އަމީރު ލަފާ ކުރެއްވި ގޮތުގައި، ކާގިލްއިން 14 ޕަސެންޓުގައި ދޭ ލޯނާ ހަވާލުވާނެ ކަމަށް ބެލެވެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އެވެ. އެގޮތަށް އަމަލުކުރިޔަސް، ހަގީގަތުގައި ލޯނު އިންޓްރެސްޓް ހުންނާނީ 14 ޕަސެންޓުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ނުވަ ޕަސެންޓުގައި ލޯނު ނެގި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނެތް ކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރައީސް މުއިއްޒު: ސަރުކާރުން ވަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް މީގެ އިތުރުން އެގޮތަށް ލޯން ނެގުމުން، ދައުލަތުގެ ކުންފުންޏަށް ނުރައްކާ ބޮޑުވެ، މުޅި ބޭންކިން ސިސްޓަމް، ސަރުކާރުގެ މާލީ ހާލަތު އޮންނަ ގޮތަކަށް ބަރޯސާވާ މިންވަރު ބޮޑުވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އޭނާ ވަނީ، އެފަދަ މުއާމަލާތެއް ކުރާއިރު ސަރުކާރުން ދެފުށްފެންނަ ގޮތަކަށް އަމަލުކޮށް، ހަގީގަތް ހާމަކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް ލޯން ނެގުމަކުން ދައުލަތަށް އޮންނަ ބުރަ ކުޑަނުވާ ކަމަށާއި އޭގެ ބަދަލުގައި، އެއީ އެއް އަތުން އަނެއް އަތަށް ދަރަނި ބަދަލުކުރުމުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ހަމައެއާއެކު، އެ ލޯން ނަގަނީ ބީއެމްއެލްއިން ކަމަށްވާނަމަ އެ ބޭންކުގެ މާލީ ހާލަތާއި މިނިވަންކަމާ ގުޅޭ ސުވާލުތައް އުފެދޭ ކަމަށާއި، އެއީ ސަރުކާރުގެ ދަރަނީގެ ނުރައްކާ ނަގަން އޮތް ތަނެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ. https://sun.mv/217641 ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، އޭޕްރިލް މަހު ސުކޫކުގެ ގޮތުގައި ދައްކަންޖެހޭ ބައި ބިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރި ބޭރު ފައިސާއިން ކަމަށް ވިދާޅުވެއެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުވަނީ، އަންނަ އޭޕްރީލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ، އާމްދަނީއަށް ބަލައި، އަނބުރާ ދެެއްކޭނެ ގޮތްތައް ރާވައިގެން ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ތަކުރާރުކޮށް ވަނީ، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، އިންވެސްޓަރުންގެ އިތުބާރު ކުޑަވެފައިވާ ކަމަށް ލަފާކޮށް، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް މިހާރު ދީފައި އޮތީ 'ޖަންކް' ރޭޓިންއެކެވެ. އޭގެ ސަބަބުން ރާއްޖެއަށް ބޭރުގެ ފައިނޭންސިން ހޯދަން ދަތިވާނެއެވެ. މި އަހަރު ދައްކަންޖެހޭ ދަރަނި ރީފައިނޭންސް ކުރެވިދާނެތޯ އިދިކޮޅު ބައެއް ބޭފުޅުން ސުވާލު އުފައްދަނީ އެ ސަބަބާ ހެދިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ