އުނގެނުމުގެ ތެރެއިން ކްލާސްރޫމް މެނޭޖްމަންޓުގެ މުހިންމުކަން
އުނގެނުމުގެ ތެރެއިން ކްލާސްރޫމް މެނޭޖްމަންޓް އިންސާނުން ބިނާކުރުމަކީ ދުނިޔޭގައި ކުރެވޭނެ އެންމެ އަގުބޮޑު އެއް އިންވެސްޓްމަންޓެވެ. އަދި އެއީ އެހާމެ އުނދަގޫ ޙައްސާސް މަސައްކަތެކެވެ. އެއީ ހަމައެކަނި އަކުރު އުނގަންނައިދިނުމެއް ނޫނެވެ. އެއީ މުޖުތަމަޢަށް ފައިދާ ހުރި، އަޚްލާޤު ރަނގަޅު ފަރުދެއް އުފެއްދުމުގެ މަތިވެރި މަސައްކަތެވެ. މި ބުރަ ނަމަވެސް ޝަރަފުވެރި ޒިންމާ ފެށެނީ ކުއްޖާ މި ދުނިޔެއަށް ނޭވާލާ ފުރަތަމަ ސިކުންތުންނެވެ. ގޭތެރޭގެ މާޙައުލަކީ ކުއްޖާގެ ޝަޚްޞިއްޔަތު ބައްޓަންވާ މައިގަނޑު ބިންގަލެވެ. "މަންމަގެ އުނގަކީ ފުރަތަމަ މަދްރަސާ" ކަމަށް ބުނާ ބުނުމަކީ އޭގެ ޒާތުގައި ވަރަށް ފުން މާނައެއް އެކުލެވޭ ބުނުމެކެވެ. ބައްޕަގެ ޙިމާޔަތާއި، މަންމަގެ އޯގާތެރި ލޯބީގެ ތެރެއިން ކުއްޖާ ދަސްކުރާ ފިލާވަޅުތަކަކީ މުޅި ޢުމުރަށް ދެމިގެންދާނެ ސިފަތަކެކެވެ. އިންސާނާގެ ކިބައިގައި ހުންނަންޖެހޭ އިންސާނިއްޔަތުކަމާއި، ދީނީ އަގުތަކާއި، ތެދުވެރިކަން ފަދަ މާތް ސިފަތަކުގެ އޮށް އިންދައިދެނީ މި "އުނގުގެ މަދްރަސާ" އިންނެވެ. އެހެންކަމުން، ފުރިހަމަ ޖީލެއް ބިނާކުރުމުގެ އެންމެ އިސް ދައުރު އަދާކުރަނީ ބެލެނިވެރީންނެވެ. މި މަސައްކަތުގައި އިހުމާލުވެއްޖެ ނަމަ، މުޅި ޤައުމުގެ ބިންގަލަށް ނުރަނގަޅު އަސަރުކުރާނެ ކަށަވަރެވެ. އިންސާނުން ތަރުބިއްޔަތު ކުރުމަކީ ޙަޤީޤީ މާނައިގައި އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ މައިގަނޑު ތަނބެވެ. މި ލިޔުމުގައި ބަލައިލާނީ، ތަރުބިއްޔަތުގެ އެންމެ މުހިންމު އެއް ބިނާ ކަމުގައިވާ މަދްރަސާގެ ކްލާސްރޫމު މެނޭޖްމަންޓުގެ މުހިންމު ކަމުގެ މައްޗަށެވެ. ކްލާސްރޫމް މެނޭޖްމަންޓަކީ ދަރިވަރުންގެ އުނގެނުމުގެ މާޙައުލު ބައްޓަންކުރުމަށާއި، ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މުދައްރިސަކު އަދާކުރަންޖެހޭ އެންމެ މުހިންމު އެއް މަސްއޫލިއްޔަތެވެ. ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނާއި (24/2020) އޭގެ ދަށުން ހެދިފައިވާ ގަވާޢިދުތަކާއި ބައެއް ޢިލްމީ ދިރާސާތަކުގެ އަލީގައި ކަމުގެ މުހިންމުކަމާއި މުދައްރިސުން ސަމާލުވާންޖެހޭ ކަންކަން ކުރުކޮށް ލިޔެލާނަމެވެ. ކްލާސްރޫމް މެނޭޖްމަންޓުގެ މުހިންމުކަން އުނގެނުމަށް ފަހި މާޙައުލެއް ޤާއިމުކުރުން: ހަރުދަނާކޮށް ކްލާސް ހިންގުމަކީ ދަރިވަރުންގެ ސަމާލުކަން ފިލާވަޅަށް ހޯދައިދީ، އުނގެނުމަށް ހުރަސްއަޅާ ކަންކަން މަދުކޮށްދޭ ކަމެކެވެ. ދަރިވަރުން ކްލާސްރޫމުގައި މަޢުލޫމާތު ދަސްކުރާ އަދި އެ މަޢުލޫމާތު ހަނދާނުގައި ހުންނަ މިންވަރު ބިނާވެފައިވަނީ އެ މާއްދާއެއް ނުވަތަ ފިލާވަޅެއް ދަސްކޮށްދިނުމަށް ބޭނުންކުރާ އުޞޫލުތަކުގެ މައްޗަށެވެ. ތަޢުލީމީ ދާއިރާގެ އެންމެ މަޝްހޫރު އެއް ދިރާސާ ކަމަށްވާ ލާނިންގ ޕިރަމިޑް (Learning Pyramid) އިން ދައްކާ ގޮތުގައި، ދަރިވަރުން މަޢުލޫމާތު ދަސްކުރާ މިންވަރުގެ އިންސައްތަތަކަކީ: އުނގެނުމުގެ އެކި ގޮތްތަކާއި ދަސްވާ މިންވަރު (Retention Rates) ލެކްޗަރު (ކިޔަވައިދޭ އަޑުއެހުން):%5 މުދައްރިސް ދައްކާ ވާހަކަ ހަމައެކަނި އަޑުއަހައިގެން ތިބޭ ދަރިވަރުންނަށް ހަނދާނުގައި ހުންނަނީ %5 އެވެ. އެއީ މަޢުލޫމާތުގެ ވަރަށް ކުޑަ މިންވަރެކެވެ.ފޮތް ކިޔުން: %10 އަމިއްލައަށް ފޮތްކިޔައިގެން އެއްޗެއް ދަސްކުރާއިރު، އޭގެ ތެރެއިން ހަނދާނުގައި ހުންނަނީ ގާތްގަނޑަކަށް %10 އެވެ.އަޑާއި މަންޒަރު: (Audio-Visual) 20% ވީޑިއޯ، ފޮޓޯ ނުވަތަ އެހެނިހެން ބަޞަރީ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުން ދަސްވާ މިންވަރު %20 އަށް އިތުރުވެއެވެ.ދައްކައިދިނުން: (Demonstration) 30% ކަމެއް ކުރާގޮތް މުދައްރިސް ދަރިވަރުންނަށް ޢަމަލީގޮތުން ދައްކައިދިނުމުން، އެކަން ދަސްވާ މިންވަރު %30 އަށް މައްޗަށް ދެއެވެ.މަޝްވަރާކުރުން: (Discussion Group) 50% ދަރިވަރުން އެކަކު އަނެކަކާ ފިލާވަޅާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމުން %50 މަޢުލޫމާތު ދަސްވެއެވެ.ޢަމަލީގޮތުން ކުރުން: (Practice by Doing) 75% ދަރިވަރުން އަމިއްލަ އަތުން މަސައްކަތެއް ކުރާނަމަ (މިސާލަކަށް: ސައިންސް އެކްސްޕެރިމެންޓެއް ހެދުން)، އޭގެ %75 ދަރިވަރުގެ ސިކުނޑީގައި ބަދަލުވެއެވެ.އެހެން މީހުންނަށް ކިޔަވައިދިނުން: (Teaching Others) 90% ދަރިވަރަކު ދަސްކުރި އެއްޗެއް އެހެން ކުއްޖަކަށް ބުނެދީ ކިޔަވައިދޭނަމަ، އެ މަޢުލޫމާތުގެ %90 އެ ކުއްޖަކަށް ދަސްވެފައި ހުރެއެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތު ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު (National Curriculum Framework) ބިނާވެފައިވަނީ "ސްޓޫޑަންޓް ސެންޓަރޑް" ނުވަތަ ދަރިވަރުންގެ ބައިވެރިވުން ހިމެނޭގޮތަށް ކިޔަވައިދިނުމުގެ މައްޗަށެވެ. މީގެ މައިގަނޑު ސަބަބަކީ: Ø ހަމައެކަނި އަޑުއެހުމުގެ ބަދަލުގައި، ދަރިވަރުން ޢަމަލީގޮތުން މަސައްކަތްކޮށް، މަޝްވަރާކުރުމުގެ ތެރެއިން އުނގެނުމަކީ (Active Learning) ދަސްވާ މިންވަރު އެތައް ގުނައެއް އިތުރުކޮށްދޭ ކަމަކަށް ވާތީއެވެ. Ø ތަޢުލީމުގެ ޤާނޫނުގެ (24/2020) ދަށުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައިވެސް މިފަދަ ހަރުދަނާ އުޞޫލުތައް ބޭނުންކުރުމަށް ބާރުއަޅައެވެ . ޚުލާޞާކޮށް ދަންނަވާ ނަމަ، މުދައްރިސަކު ކިޔަވައިދޭއިރު ދަރިވަރުންގެ ބައިވެރިވުން އިތުރުވާ ވަރަކަށް، އެކުދީން ދަސްކުރާ މިންވަރާއި، އިންސައްތަ މަތިވާނެއެވެ. ވީމާ، މިއީ ކްލާސްރޫމް މެނޭޖްކުރާއިރު ކޮންމެ ޓީޗަރަކު ވެސް ވިސްނާ ޢަމަލުކުރުން ވަރަށް މުހިންމު ކަންކަމެވެ. އަދިވެސް ބައެއް އިތުރު ކަންކަން ތިރީގައި ލިޔެލާނަމެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން: ކްލާސްރޫމް ރަނގަޅަށް މެނޭޖްކުރެވިފައި އޮތުމުން، ކިޔަވައިދިނުމަށް ކަނޑައެޅިފައިވާ ވަގުތު ބޭކާރުނުވެ، ފިލާވަޅުގެ އެންމެހައި ބައިތައް ފުރިހަމަކުރަން ފުރުޞަތު ލިބެއެވެ. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން: ތަޢުލީމުގެ ޤާނޫނުގެ ދަށުން، ސްކޫލުގެ މާޙައުލަކީ ކޮންމެ ކުއްޖަކަށްމެ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަކީ މުދައްރިސުންގެ ޒިންމާއެކެވެ. ރަނގަޅު މެނޭޖްމަންޓެއްގެ ސަބަބުން ގަނާކުރުމާއި (bullying) އަނިޔާވެރިކަމުން ދަރިވަރުން ސަލާމަތްކޮށްދެއެވެ. ނަފްސާނީ ދުޅަހެޔޮކަން: އުސޫލުތަކާއި ހަމަތައް ސާފުކޮށް އޮންނަ ކްލާހެއްގައި ދަރިވަރުންގެ މެދުގައި އޮންނަ ނުތަނަވަސްކަން ކުޑަވެ، އިތުބާރާއި އިޙްތިރާމް އުފެދެއެވެ. މުދައްރިސް ސަމާލުވާންޖެހޭ މުހިންމު ކަންކަން މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ޤަވާޢިދާއި، (2023/R-137) ތަޢުލީމުގެ ޤާނޫނުގެ ދަށުން މުދައްރިސުން އަންނަނިވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެ އެވެ. ޖިސްމާނީ އަދަބު ނުދިނުން: ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން، ކްލާސް މެނޭޖްކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ޖިސްމާނީ އަދަބެއް ދިނުމަކީ މަނާކަމެކެވެ. ދަރިވަރުންގެ ސުލޫކު އިޞްލާޙުކުރަންވާނީ ހިތްވަރުދީގެން (positive reinforcement) ނުވަތަ ކަނޑައެޅިފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިންނެވެ. ކޮންމެ އިންސާނަކީ ވެސް، އެމީހަކު ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް، އެކަންކަމަށް ތަޢުރީފަށް އިންތިޒާރުކުރާނޭ ކަމެކެވެ. ޝާމިލުކުރުމުގެ ސިޔާސަތު: (Inclusive) ކްލާހުގައި ތިބޭ ތަފާތު ޤާބިލުކަން ހުންނަ ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދީން ބާކީނުކޮށް، ހުރިހައި ކުދީންނަށް ބައިވެރިވެވޭނެ ގޮތަށް ކްލާހުގެ ކަންކަން ތަރުތީބުކުރަން ޖެހެއެވެ. މިއީ މަދުން ނަމަވެސް މުދައްރިސުން އިހުމާލުވާ ކަމެއްގެ އަޑުތައް ފެތުރެއެވެ. ސާފު އުސޫލުތަކަކާއި ހަމަތަކެއް ކަނޑައެޅުން: ކްލާހުގެ ފެށުމުގައި ދަރިވަރުންނާ މަޝްވަރާކޮށްގެން، ކްލާހުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އެ އެންމެންނަށް ސާފުކޮށްދިނުމެވެ. ތައްޔާރުވުން: (Preparation) މުދައްރިސް ފިލާވަޅަށް ފުރިހަމައަށް ތައްޔާރުވެގެން ދިއުމަކީ ކްލާސް މެނޭޖްކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. ވަޞީލަތްތައް ތައްޔާރުކޮށްފައި ހުރުމުން ކްލާސް ތެރޭގައި އުފެދޭ ހާސްކަން ކުޑަވެއެވެ. ދަރިވަރުންނާ ގާތް ގުޅުމެއް ބޭއްވުން: ދަރިވަރުންގެ ނަމުން ގޮވުމާއި، އެކުދިންގެ ޝުޢޫރުތައް އަޑުއެހުމުގެ ސަބަބުން މުދައްރިސަށް އޮންނަ އިޙްތިރާމާއި ގާތްކަން އިތުރުވެ، ކްލާސް ކޮންޓްރޯލްކުރަން ފަސޭހަވެ އެވެ. ދަރިވަރުންގެ އުނގެނުމުގެ ކަންކަމުގައި ދިމާވާ މައްސަލަތަކުގެ އިތުރުން، ދަރިވަރުގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވެސް އިތުރަށް ދެނެގަތުމުގެ ފުރުޞަތު ފަހިވާނެ އެވެ. ނަމޫނާ ދެއްކުން: މުދައްރިސަކީ ދަރިވަރުންނަށް ހުރި ނަމޫނާއަކަށް ވާންޖެހެ އެވެ. ހަރުދަނާ ޝަޚުޞިއްޔަކަށް ވާންޖެހެ އެވެ. ފަރުޟު ކަންކަމަށް ފަރުވާތެރިވުމާއެކު، ވަގުތަށް ކްލާހަށް ދިއުމާއި، ފިލާވަޅަށް ރަނގަޅަށް ތައްޔާރުވުމާއި، ރީތި ބަހުރުވައިން ވާހަކަދެއްކުމަކީ ދަރިވަރުންގެ ސުލޫކަށް ހެޔޮ އަސަރުކުރާނެ ބައެއް ކަންކަމެވެ. ޤާނޫނީ އޮނިގަނޑު ތަޢުލީމުގެ ޤާނޫނުގެ (24/2020) 39 ވަނަ މާއްދާގެ ދަށުން، ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމާއި، އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ކޮންމެ މުދައްރިސެއްގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ. މި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ މުދައްރިސުންނާ މެދު އިދާރީ ފިޔަވަޅުއެޅުމުގެ ބާރު އެޑިޔުކޭޝަން މިނިސްޓްރީއަށް ލިބިގެންވެ އެވެ. ޒިންމާދާރު މުދައްރިސަކީ، އޭނާ އަދާކުރާ ދީނީ އަދި ޤައުމީ ވާޖިބުގެ މަތީގައި ސާބިތުވެ ހުރެ، ރިވެތި އަޚްލާޤުގެ ޒިންމާދާރު ދަރިވަރުންތަކެއް އުފެއްދުމުގެ ތަރުބަވީ މަސައްކަތް ކުރާ މީހެކެވެ. ހެދިފައިވާ ޤާނޫނުތަކާއި، ޤަވަޢިދުތަކަށް ފުރިހަމައަށް ބޯލަނބާ ޤައުމީ މުދައްބިރެކެވެ. ދަރިވަރުންގެ ކްލާސްރޫމުގެ އުނގެނުމުގެ އިސް ދައުރެއް އަދާކުރާ ފަރާތެވެ. މުޖުތަމަޢުގެ އަފުރާދުން ހަރުދަނާ ބިންގަލެއްގެ މަތީގައި ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ މަތިވެރި ޒިންމާ ޙަވާލުވެފައިވާ އެއް ފަރާތެވެ. މައިންބަފައިންގެ ދެލޮލުގެ ނޫރު ފަދަ ދަރީން، ނުހަނު އިތުބާރާއެކު އެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާފައިވާ ޚިދުމަތްތެރިޔާ އެވެ. އެކި ދަރިވަރުން އުނގެނިދަސްކުރުމުގައި ތަފާތު ވަޞީލަތްތަކާއި ގޮތްތައް ބޭނުންކުރާއިރު، މުދައްރިސްގެ ޒިންމާއަކަށް ވާންވީ، ކޮންމެ ދަރިވަރަކު ވެސް ރަނގަޅަށް ދަސްކުރުމެވެ. އުނގެނުމަށް ފަހި، ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދެވޭ ކްލާސްތަކެއް ރާވާ ހިންގުމެވެ. ދަރިވަރުން ޝައުޤުވެރިވާނެ އާގޮތްތައް ހޯދާ، މައްސަލަތަކަށް ޙައްލު ހޯދަން ދަސްކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ