ވޯލްޑް ކަޕްގައި ކުޅުންތެރިން ބޭނުންކުރާ ތަފާތު ބެޖުތައް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި، ފީފާ، ފެނެޓިކްސް އަދި ޓޮޕްސް ގުޅިގެން ފަރުމާކޮށްފައިވާ ފަސް ބާވަތެއްގެ "ސްލީވް ޕެޗް" (ޖާޒީގެ އަތުގައި ހަރުކުރާ ބެޖު) ވަނީ ބޭނުންކުރަން ފަށާފައެވެ. މިއީ ދަނޑުމަތީގައި ކުޅުންތެރިން ހޯދާ އާދަޔާޚިލާފު ކާމިޔާބީތަކާއި ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތަޢާރަފްކުރި ފާހަގަތަކެކެވެ.
ޕެޗްތައް ދެވޭ ބާވަތްތައް: ކުޅުންތެރިން ހޯދާ ވަކި ޚާއްޞަ ކާމިޔާބީތަކަކަށް އަމާޒުކޮށް ފަސް ބާވަތެއްގެ ޕެޗް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ: ޑެބިއު (ފުރަތަމަ ފަހަރަށް މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް)، ގޯލްޑަން ބޯލް، ގޯލްޑަން ބޫޓް، ގޯލްޑަން ގްލޯވްސް، އަދި ލެގަސީ (ފަސް މުބާރާތް ނުވަތަ އެއަށްވުރެ ގިނަ މުބާރާތުގައި ބައިވެރިވެފައިވާ ކުޅުންތެރިންނަށް) އެވެ. މި ކޮންމެ ޕެޗެއް ދިނުމުގައި ވެސް ވަކި ޚާއްޞަ އުޞޫލުތަކަކަށް ބެލޭނެއެވެ.
ޑެބިއު: މިއީ ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ކުޅުންތެރިން ބޭނުންކުރާ ޕެޗެކެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ކުޅުންތެރިން މި ޕެޗާއެކު ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ޒުވާން ހުނަރުވެރިން ކަމަށްވާ ލަމީން ޔަމާލް އާއި އެންޑްރިކްގެ އިތުރުން، އާލިންގ ހާލަންޑް އަދި ސްކޮޓްލޭންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އެންޑީ ރޮބަޓްސަން ފަދަ ކުޅުންތެރިން ހިމެނެއެވެ.
ގޯލްޑަން ބޯލް: މި ޝަރަފުވެރި ބެޖަކީ މީގެ ކުރިން ބޭއްވުނު ވޯލްޑް ކަޕްތަކުގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ކުޅުންތެރިންނަށް ޚާއްޞަ ކުރެވިފައިވާ ބެޖެކެވެ. މިއަހަރުގެ މުބާރާތުގައި މި ޝަރަފު ލިބިގެންވަނީ ހަމައެކަނި ލިއޮނަލް މެސީ (2014، 2022) އަދި ލޫކާ މޮޑްރިޗް (2018) އަށެވެ.
ގޯލްޑަން ބޫޓް: މިއީ މީގެ ކުރިން ބޭއްވުނު މުބާރާތްތަކުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދާފައިވާ ކުޅުންތެރިންނަށް ޚާއްޞަ ޕެޗެކެވެ. މިއަހަރުގެ މުބާރާތުގައި މި ޕެޗް ބޭނުންކުރާ ތިން ކުޅުންތެރިންނަކީ ހަމޭސް ރޮޑްރިގޭޒް (2014)، ހެރީ ކޭން (2018) އަދި ކިލިއަން އެމްބާޕޭ (2022) އެވެ.
ގޯލްޑަން ގްލޯވް: މިއީ ގޯލްޑަން ގްލޯވް ނުވަތަ ރަން އަތްތިލަ ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނަށް ޚާއްޞަ ބެޖެކެވެ. މި ޝަރަފު ލިބިފައިވަނީ ތިން ގޯލްކީޕަރަކަށެވެ. އެއީ މެނުއަލް ނޯޔާ (2014)، ތިބޯ ކޯޓުއާ (2018) އަދި އެމީ މާޓީނޭޒް (2022) އެވެ. ނަމަވެސް، ނޯޔާ ވަނީ މި ބެޖުގެ ބަދަލުގައި ހަމައެކަނި 'ލެގަސީ' ޕެޗް ބޭނުންކުރުމަށް ނިންމާފައެވެ. އެހެންކަމުން، މި ބެޖު ފެނިގެން ގޮސްފައިވަނީ ހަމައެކަނި ކޯޓުއާ އާއި މާޓީނޭޒްގެ ޖާޒީންނެވެ.
ލެގަސީ: މަދުވެގެން ފަސް ވޯލްޑް ކަޕްގައި ބައިވެރިވެފައިވާ ކުޅުންތެރިންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ ބެޖެވެ. މި ލިސްޓުގައި ހިމެނެނީ ލޫކާ މޮޑްރިޗް، ޔޫޓޯ ނަގަޓޯމޯ އަދި މެނުއަލް ނޯޔާ (5 މުބާރާތް) އެވެ. އަދި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކު ހާސިލްކޮށްފައިނުވާ ފަދަ ކާމިޔާބީއެއް ކަމަށްވާ 6 މުބާރާތުގައި ކުޅުމުގެ ޝަރަފް ހޯދި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި ލިސްޓުގައި ހިމެނެއެވެ.
މުޅި މުބާރާތުގައި ވެސް 2 ޚާއްޞަ ޕެޗް (ލެގަސީ ޕެޗް އަދި ގޯލްޑަން ބޯލް ޕެޗް) އެއްފަހަރާ ބޭނުންކުރުމުގެ ޝަރަފު ލިބިފައިވަނީ ހަމައެކަނި ލިއޮނަލް މެސީ އާއި ލޫކާ މޮޑްރިޗަށެވެ. ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އަށް ވެސް މި ފުރުޞަތު އޮތް ނަމަވެސް، ކުރިން ދެންނެވި ފަދައިން އޭނާ އިސްކަންދިނީ ގޯލްޑަން ގްލޯވް ޕެޗް ދޫކޮށްލައި، ހަމައެކަނި އޭނާގެ ލެގަސީ ޕެޗް ދައްކާލުމަށެވެ.
މެޗުގައި ބޭނުންކުރާ ޖާޒީން ޕެޗް ވަކިކުރުން: މިކަމުގައި ޖާޒީ އެއްކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ، މެޗު ނިމުމަށްފަހު ކުޅުންތެރިން ލައިގެން ތިބި ޖާޒީން މި ޕެޗްތައް ނައްޓާލުމެވެ. މިގޮތަށް ނައްޓާލާ ޕެޗްތައް "ޓޮޕްސް" ކުންފުންޏާ ހަވާލުކުރެވެނީ، އެ ތަކެތި "ޓްރޭޑިންގ ކާޑް" ތަކުގައި ހިމެނުމަށެވެ. މީގެ ސަބަބުން ތާރީޚީ ގޮތުން އަގުހުރި އެ ޖާޒީތަކުގެ ފުރިހަމަކަން ގެއްލިގެންދާކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ކުޅުންތެރިން މެޗުގައި ބޭނުންކުރާ ޖާޒީތަކާއެކު މި ޕެޗްތައް ވިއްކުމަކީ މަނާކަމެކެވެ. މެޗު ނިމުމާއެކު، ޖާޒީތަކުން މި ޕެޗްތައް ނައްޓާލުމަށްފަހު 'ޓޮޕްސް' (Topps) ކުންފުންޏާ ހަވާލުކުރެވެއެވެ. އެ ކުންފުނިން މި ޕެޗްތައް ބޭނުންކުރަނީ ޚާއްޞަ 'ޓްރޭޑިންގ ކާޑު' ތައްޔާރުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ