ޓެރިފް އުވާލުން: އިގްތިޞާދީ އަދި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއެއް

އިނގިރޭސިވިލާތަށް ބޭރުކުރާ ދިވެހި މަހުގެ އުފެއްދުންތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލުމަށް ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރާއި ޚާރިޖީ ސިޔާސަތު ހަރުދަނާކަމުގެ ދިރިހުރި ހެއްކެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށާއި، މިއީ ރައީސްގެ ވަޢުދުފުޅުތައް ފުދެމުންދާކަމުގެ ސާފު ދަލީލެއް ކަމަށެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މިވަނީ ކަނޑާލާފައެވެ. އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން ދިޔައީ، %20 އިމްޕޯޓް ޑިއުޓީއެކެވެ. މިހާރު އެ ޤައުމުން ވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް މި ޑިއުޓީ މެދުކަނޑާލާފައެވެ.
މިކަމަށް އިޝާރާތްކުރައްވާ ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި އިސް ތަރުޖަމާނު ވިދާޅުވީ، މި ކާމިޔާބީ ހާސިލްކުރުމަށްޓަކައި ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު މަސައްކަތްތަކެއް ރޭވުންތެރިކަމާއެކު ކޮށްފައިވާ ކަމަށެވެ.
މިމަސައްކަތުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް ޑރ. މުޢިއްޒުކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރަސްގެފާނާ ބައްދަލުކުރައްވައި ސީދާ މި މައުޟޫޢަށް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
"އިނގިރޭސިވިލާތުގެ ރަސްގެފާނާ ބައްދަލުކުރެއްވިއިރުވެސް ހަމަ ދެއްކެވީ މި ވާހަަކަ. ދިވެހިރާއްޖޭގެ ކަނޑުމަހުގެ، ޚާއްޞަކޮށް ކަޅުބިލަމަހުގެ ޑިމާންޑް ޔޫކޭގައި ވަރަށް ބޮޑު ކަމަށް ވިދާޅުވި. އެމީހުން ވަރަށް ބޭނުންވޭ ދިވެހި މަސް، ސަބަބަކީ އެއީ ދުނިޔޭގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ތާޒާ މަހަށް ވާތީ،" ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ، މީގެ ކުރިން އޮތް 20 އިންސައްތައިގެ ޑިއުޓީގެ ސަބަބުން ދިވެހި މަސްވެރިންނަށް އެކަށީގެންވާ އަގު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް، ރައީސްގެ ސީދާ އިސްނެންގެވުމާއެކު ކުރެވުނު މަސައްކަތުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި ދެ އަހަރެއްހާ ދުވަހު މެދުނުކެނޑި ކުރެވުނު މަސައްކަތުން އިނގިރޭސިވިލާތުގެ ޑިއުޓީ އެގްޒެމްޕްޝަން ލިސްޓުގައި ރާއްޖެ ހިމެނިގެން ދިޔުމަކީ ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ދައުލަތެއްގެ އެންމެ މަތީ ވެރިޔަކު ސީދާ ވަޑައިގެން މިފަދަ ކަމަކަށް ލޮބީ ކުރެއްވި ފުރަތަމަ ފަހަރަކީ މިއީ. މިއީ ރައީސްގެ އިޤްތިޞާދީ ސިޔާސަތަކީ ސީދާ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ސިޔާސަތެއްކަން ސާބިތުވެގެންދާ އަލިގަދަ ހެއްކެއް. އަދި މިއީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބަސްވިކޭކަމުގެ އަލިގަދަ ދަލީލެއް." ތަރުޖަމާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި، 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް ބޭރު ކުރާކަން ފާހަގަކުރައްވާ ތަރުޖަމާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ، އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ޤައުމުތަކުގެ ތެރެއިން 9ވަނަ ޤައުމު ކަމަށެވެ. އެހެންކަމުން، އިނގިރޭސިވިލާތުން ނިންމި މި ނިންމުން ދާއިމީ ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ