ސުޕްރީމް ކޯޓުގައި ތަޅު އަޅުވާފައިވާކަމަށް ބުނެ އިބްރާ ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް!

ސުލޫކީ މައްސަލަތަކެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑު ކުރުމުގެ ސަބަބުން އެ ކޯޓުގައި ތަޅު އެޅުވިފައިވާކަމަށް ބުނެ އިބްރާހިމް އިސްމާއިލް (އިބްރާ) ހުށަހެޅި މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ދަނިކޮށެވެ. އަދި އެއާއި އެކު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ނިންމައި، ދެ ފަނޑިޔާރަކު ވަކި ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހަމަ އެ ދުވަހު ފާސްކުރި އެވެ.
އެ ބިލު ފާސްކުރިތާ، 14 ދުވަސް ހަމަވުމުން ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު އަނބުރާ ތަޅުމަށް ފޮނުވާލައްވާފަ އެވެ.
ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު ކުރާ ތުހުމަތުތަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ، ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދޮގު ކުރެ އެވެ. އަދި ތިން ބޭފުޅުން ވެސް ވަނީ ސަރުކާރުން މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ކުރިޔަށް ދަނިކޮށް، ފަނޑިޔާރުން ސަސްޕެންޑު ކުރީ ނުފޫޒު ފޯރުވުމަށްކަމަށް ތުހުމަތު ކުރެވެ އެވެ. ފަނޑިޔަރުން ސަސްޕެންޝަނަކަށް ގެނެސް، ދައުލަތުގެ އެއްބާރު ހުއްޓުވާލާފައިވާކަމަށް ބުނެ އިބްރާ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރެޖިސްޓްރަރ ނިންމަވާފައި ވަނީ ގާނޫނުއަސާސީއާއި ތައާރުޒުވާ ގޮތެއް ބުނެދިވިފައި ނުވާކަމަށް ބުނެ އެވެ.
މައްސަލަ ކޯޓަށް ހުށަހެޅުއްވި އިބްރާއަކީ ފެހި ގާނޫނުއަސާސީ އެކުލަވާލި މަސައްކަތުގައި ހިމެނޭ، ޑްރާފްޓު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމާއި ގުޅޭގޮތުން، ސަރުކާރުން މިހާރު ގެންގުޅޭ ވިސްނުމަކީ ކޮބާކަން ސާފެއް ނޫނެވެ. ބިލަށް އިތުރު ބަދަލުތަކެއް ގެންނަ ހާލަތެއްގައި، ފަސް ފަނޑިޔާރުންނަށް ބެންޗު ދަށްކޮށް 5 އަށް ދަށް ކުރަން ނުޖެހޭނެ އެވެ.
މިވަގުތު ދެ ފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބެވުމާއި، އެއް ފަނޑިޔަރަކު އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލަތައް ކުރިޔަށް ގެންދެވޭނެ ހާލަތެއް ނެތެވެ. ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލަތައް ބަލަން ޖެހޭނީ ފުލް ބެންޗު ނުވަތަ އެންމެ މަދުވެގެން ފަސް ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ