ވިނީޝިއުސްގެ ލަނޑާއެކު ފަސްތަރީގެ ބްރެޒިލް ބޮޑު ލަދަކުން ސަލާމަތްވެއްޖެ

1934 ވަނަ އަހަރަށްފަހު ވޯލްޑްކަޕެއްގެ ފުރަތަމަ މެޗުން ބްރެޒިލް ބަލިވާން ދަނިކޮށް ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާ ލަނޑުން ބްރެޒިލް އެއްވަރުވެ ސަލާމަތްވެއްޖެ އެވެ.
މިރޭ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލާއި މޮރޮކޯ ބައްދަލުކުރި މެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. 1934 ވަނަ އަހަރަށްފަހު ބްރެޒިލް ފުރަތަމަ ފަހަރަށް ވޯލްޑްކަޕެއްގެ ފުރަތަމަ މެޗުން ބަލިވެދާނެކަމުގެ ބިރުހީވި ނަމަވެސް ވިނީޝިއުސްގެ ރީތި ގޯލަކާއެކު ބްރެޒިލުން ވަނީ އެ ލަދުން ސަލާމަތްވެފަ އެވެ.
ބްރެޒިލްގެ ކައިރިން މޮރޮކޯ ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ. މިލަނޑަކީ ބޯޅަ ދިފާއުކުރުމަށް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އޭރިއާ ބޭރަށް ކުރިއަށް ޖެހުނު ވަގުތު އޭނާގެ ޑިފެންޑަރުންނާއި ހިނގައިދިޔަ "ކޮމިއުނިކޭޝަން" މައްސަލައެއްގެ ތެރެއިން އިސްމާއިލް ސައިބަރީ މޮރޮކޯއަށް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑަކީ ވޯލްޑްކަޕެއްގައި އެފްރިކަން ޗެމްޕިއަން މޮރޮކޯއިން ދެކުނު އެމެރިކާގެ ގައުމަކާ ދެކޮޅަށް ލަނޑެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން 1970 ގައި ޕެރޫ އަދި 1998 ގައި ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މޮރޮކޯއަށް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ.
މޮރޮކޯއިން މެޗު ޑޮމިނޭޓްކޮށް ފުރަތަމަ ހާފު ކުޅެމުންދިޔައިރު މެޗުގެ 30 ވަނަ މިނެޓާ ހަމައަށް ދިޔައިރު މޮރޮކޯއިން ވަނީ 12 ހަމަލާ އުފައްދާފަ އެވެ. 2018 ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވޯލްޑްކަޕެއްގައި އެންމެ ގިނަ ހަމަލާ ބްރެޒިލާ ދެކޮޅަށް އުފެއްދުނު މީ ފުރަތަމަ ފަހަރެވެ.
މުހައްމަދު އޯއްބީގެ މޮރޮކޯއިން ލީޑު ނެގުމަށްފަހު ކުރީގައި އޮތް ނަމަވެސް އިތުރަށް ލީޑު ފުޅާކުރަން ފުރުސަތެއް ބްރެޒިލުން ނުދިނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން 13 މިނެޓަށް ވެފައިވަނިކޮށް ބްރެޒިލްގެ ރެއާލް މެޑްރިޑަށް ކުޅޭ ތަރި ވިނީޝިއުސް ޖޫނިއާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް 50 ވަނަ މެޗު ކުޅެދިން ވިނީޝިއުސް މިލަނޑު ޖަހައިދިނީ ބްރޫނޯ ގުއިމަރޭސް ދިން ބޯޅައެއް ހިފައިގެން އެކަނި އޭރިއާ ތެރެއަށް ވަދެ ޔަސީން ބޯނޯގެ ކައިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ވެސްޓްހޭމް އަށް ކުޅޭ ބްރެޒިލްގެ ލޫކަސް ޕަކުއެޓާއަށް ވަނީ ބްރެޒިލަށް ލީޑު ފުޅާކޮށްދޭން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެބޯޅަ މޮރޮކޯ ކުޅުންތެރިން ވަނީ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.
ދެވަނަ ހާފަށް ބްރެޒިލުން ނުކުތީ އިތުރަށް ކުޅުން ވަރުގަދަކޮށްގެންނެވެ. ނިއު ޖާޒީގައި ކުޅެވުނު މިމެޗު ބެލުމަށްޓަކައި 2002 ވަނަ އަހަރު ބްރެޒިލަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް ދަނޑަށް ހާޒިރުވެ ތިއްބެވެ. އޭގެ ތެރޭގައި ރޮނާލްޑޯ ނަޒާރިއޯއާއި ކަކާ އަދި ރޮބާޓޯ ކާލޮސް ފަދަ ލެޖެންޑުން ހިމެނެ އެވެ.
ދެވަނަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ މާގިނަ ހުސް ފުރުސަތުތަކެއް ނުލިބޭއިރު ލަނޑެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް މިހާފުގައި ލިބުނީ ބްރެޒިލްގެ ރަފީނިއާ އަށެވެ. ބްރޫނޯ ގުއިމަރޭސް ތިރި ތިރިން ގޯލު ކުރިމައްޗަށް ކޮށްދިން ހުރަސް ރަފީނިއާއަށް ގޯލުގެ ތެރެއަށް ވައްްދާލެވޭ ގޮތެއް ނުވި އެވެ.
މިމެޗުން އެއްވަރުވުމާއެކު ވޯލްޑްކަޕެއްގެ ފުރަތަމަ މެޗުން މޮޅުވުމަށް މޮރޮކޯއިން ކުރަމުން އަންނަ އިންތިޒާރު ދިގުލައިގެން ދިޔައިރު 92 އަހަރު ވަންދެން ބްރެޒިލުން ފުރަތަމަ މެޗުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވިނީޝިއުސް ޖޫނިއާ ވަނީ ސަލާމަތްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ