ޕެރިސް (ޖޫން 8) - އިޓަލީގެ ފްލާވިއޯ ކޮބޯލީ ބަލިކޮށް ޖަރުމަނުގެ އަލެކްސަންޑާ ޒްވެރެވް، ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދައި، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބުކުރުމަށްޓަކައި ކުރި ދިގު އިންތިޒާރަށް ނިމުން ގެނެސްފި އެވެ.
ދިހަ ވަނަ އަށް ސީޑްކޮށްފައިވާ ކޮބޯލީ އަތުން އުމުރުން 29 އަހަރުގެ ޒްވެރެވް މޮޅުވީ ފަސް ސެޓަށް ގޮސްގެން ނިމުނު ފައިނަލަކުންނެވެ. އެ ގޮތުން، ފައިނަލް މެޗުގައި ޒްވެރެވަށް ފަސޭހަކޮށްދާނެ ކަމަށް ބެލެވުނު ނަމަވެސް ކޮބޯލީ ވަނީ ރަނގަޅު ޗެލެންޖެއް ދީފަ އެވެ. އެ ގޮތުން، ފައިނަލް މެޗުގެ ސެޓުތައް ގޮސްފައިވަނީ، 6-1 4-6 6-4 6-7 (5-7) 6-1 އިންނެވެ.
ޒްވެރެވް، މަޝްހޫރުވެފައިވަނީ މި ޖީލުގެ ތަރިންގެ ތެރެއިން ގްރޭންޑްސްލޭމް ޓެނިސް މުބާރާތެއް ނުލިބި އޮތް ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެ ގޮތުން، މީގެ ކުރިން ތިން ގްރޭންޑް ސްލޭމެއްގެ ފައިނަލުގައި ކުޅެ ޒްވެރެވް ވަނީ ބަލިވެފަ އެވެ. އެ ގޮތުން، 2022 ވަނަ އަހަރުގެ ފްރެންޗް އޯޕަންގެ ސެމީ ފައިނަލުގައި ރަފައެލް ނަޑާލާ ކުޅެނިކޮށް ލިގަމެންޓަށް ސީރިއަސް އަނިޔާއެއް ކުރިމަތިވި ޒްވެރެވް ވަނީ 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުންނާއި 2024 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުންނާއި މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުން ބަލިވެފަ އެވެ.
ޔޫއެސް އޯޕަން ފައިނަލުން 2020 ވަނަ އަހަރު ޑޮމިނިކް ތިއެމް އަތުން ޒްވެރެވް ބަލިވީ ދެ ސެޓު ކުރީގައި އޮތުމަށް ފަހު އެވެ. ފްރެންޗް އޯޕަން ފައިނަލުގައި 2-1 ސެޓުން ކުރީގައި 2024 ވަނަ އަހަރު އޮތް ޒްވެރެވް އަށް މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި އިޓަލީގެ ޖަނިކް ސިނާ ކައިރީގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވެ އެވެ.
"މިދިޔަ އަހަރަކީ އަހަރެންގެ ޓެނިސް ކެރިއަރުގެ އެންމެ އުނދަގޫ ދުވަސްތައް ކުރިމަތިވި އަހަރު. އެކަމަކު، މި އަހަރަކީ އަހަރެންގެ ކެރިއަރުގެ އެންމެ އުފާވެރި ވަގުތުތައް އައި އަހަރަށް މި ވީ. ވަރަށް ތަފާތު އިހުސާސްތަކެއް މިހާރު މި ކުރެވެނީ،" ޒްވެރެވް ބުންޏެވެ.
ޒްވެރެވް ބުނީ، މި ފަހަރުގެ ފްރެންްޗް އޯޕަންގައި ވަރުގަދަ ހުރިހާ ކުޅުންތެރިންނެއް ނެތުމަކީ އޭނާ އަށް މި މުބާރާތް ކާމިޔާބުކުރަން ކޮންފިޑެންސް އިތުރުވި ސަބަބެއް ކަަމަށެވެ.
އެ ގޮތުން، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅޭއިރު، އިޓަލީގެ ސިނާ އާއި ސާބިއާގެ ނޮވަކް ޖޮކޮވިޗް ކެޓޫމާ އެކު، ޒްވެރެވް އިތުރު ހިތްވަރެއް ލައިގެން ކުރި މަސައްކަތުން ތަށި ހޯދީ އެވެ.
ޒްވެރެވް، ފްރެންޗް އޯޕަން ކާމިޔާބުކޮށް ދިގު އިންތިޒާރަށް ނިމުންގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ