ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށް ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސަރަަހައްދުން ބޭރުގެ ގައުމުތަކަށް ކުޅުމުގެ ފުރުސަތު ދިނުމުގައި ސީދާ ޕޮލިސީއެއް ހެދިފައި ނެތް ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް ވިދާޅުވެއްޖެ އެެވެ.
މީގެ ކުރިން، ސާފް ސަރަހައްދަށް ނިސްބަތްނުވާ ގައުމުތަކަށް ބަލާއިރު، އަފްގާނިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ގިނަ މުބާރާތްތަކެއްގައި ކުޅެފައިވެ އެވެ. އަދި، އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ސާފް އިން ވަނީ ކުވެއިތާއި ލެބަނަން އަށް ދައުވަތުދީގެން މުބާރާތުގައި ކުޅުވައިފަ އެވެ. ކުވެއިތުން ވަނީ އެ މުބާރާތުގެ ފައިނަލްގައި ކުޅެ އިންޑިއާ އަތުން ބަލިވެފަ އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮތީ ނޮވެމްބަރު މަހު ބަންގްލަދޭޝްގަ އެވެ.
ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ، ކަޓޭލް ވިދާޅުވީ، ސާފް އިން ބޭރު ޓީމުތައް މުބާރާތަށް ގެންނަން އެއްބަސްވުމެއް ނޫނީ މިކަމާ ގުޅިގެން ސީދާ ޕޮލިސީއެއް ވެސް ހެދިފައިނުވާ ކަމަށެވެ.
"ސާފްގެ ބައެއް މެމްބަރުންނަށް ގަބޫލުކުރެވެނީ އަހަރެމެން ބޭރުން ޓީމު ގެނެސްފިއްޔާ، އެ ޓީމެއް އައިސް ދެން ހުރި ޓީމުތައް ބޮޑުކޮށް ބަލިކޮށްފާނެއޭ. އަހަރެމެންގެ ޓީމުތަކުގެ ޝައުގުވެރިކަމަށް އަސަރުކުރާނެއޭ. ދެން، އަނެއް ބައި މެމްބަރުންނަށް ވިސްނޭ ރަނގަޅު ވާދަވެރި މުބާރާތެއް ކުޅުމަށްޓަކައި ބޭރުން ޓީމު ގެނައުމުގެ މުހިންމުކަން. އޭރުން ލެވަލް ވެސް ރަނގަޅުވާނެ،" ކަޓޭލް ވިދާޅުވި އެވެ.
"އެބަހުރި މި ކަމުގައި މާލީ ގޮތުން ވެސް ވިސްނަން ޖެހޭ ކަންކަން. އަހަރެމެންނަށް މިކަމާ ބެހޭ ސީދާ ޕޮލިސީއެއް ވެސް ނެތް އަދިއެއް. މިއީ، އަހަރެމެންގެ އެގްޒެކްޓިވް ކޮމިޓީ އަށް ވުރެން ކުރިން ވެފައި އޮތް ކަމެއް. އަހަރެމެން މި ކަމުގައި ގޮތެއް ނިންމާނީ ތަފްސީލީ ގޮތެއްގައި މަޝްވަރާކޮށްފައި. މި ނިންމުން ނިންމަން ޖެހޭނީ ހަމައެކަނި ހިންގާ ކޮމިޓީން އެކަންޏެއް ވެސް ނޫން،"
ސާފް އިން ރަނގަޅު ކޮމާޝަލް ޕާޓްނަރެއް ނެތި، ގިނަ މުބާރާތްތަކެއް ބޭއްވުމަށް ކުރާ މަސައްކަތަށް އެންމެ ބޮޑު އެއްބާރުލުމެއް، މާލީ ގޮތުންނާއި އެޑްމިނިސްޓްރޭޝަނުގެ ގޮތުން ފޯރުކޮށްދެނީ އޭޝިއާގެ މައި ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީ އާއި ދުނިޔޭގެ ފުޓްބޯޅަ އިދާރާ، ފީފާ އިން ކަމަށް ކަޓޭލް ފާހަގަކުރެއްވި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބޭރު ގައުމުތައް ކުޅުމަށް ޕޮލިސީއެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ