ޝޫޓިން ސެޓުތަކުން ލިބޭ އުފާވެރިކަން މުޅިން ގެއްލިއްޖެ ކަމަށް އަނިލް ބުނެފި
ކުރީގައި ފިލްމު ސެޓުތަކުން އޭނާއަށް ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން މިހާރު ނުލިބޭކަމަށް ފިލްމީ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ބުނެފިއެވެ. ހިންދީ ސިނަމާގެ އެންމެ ތަޖުރިބާކާރު މޮޅު އެކްޓަރުންގެތެރޭ ހިމެނޭ، އަނިލް މިހެން ބުނީ ފިލްމު ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު ފަރާ ޚާންގެ ޔޫޓިއުބް ވްލޮގްގެ އެޕިސޯޑެއްގައެވެ. މި އެޕިސޯޑުގައި ވަރުން ދަވަން، ޑޭވިޑް ދަވަން، ޕޫޖާ ހެގްޅޭ އަދި މްރޫނާލް ތާކޫރު ވެސް ބައިވެރިވިއެވެ. މި ވާހަކަ ދެކެވެން ފެށީ، ފިލްމު ސެޓުތަކަށް ގަޑިއަށް ނާންނަ ބައެއް ފަންނާނުންގެ ވާހަކަ ފަރާ އާއި ޑޭވިޑް ދަވަން ދައްކަމުން ދަނިކޮށެވެ. ޑޭވިޑް ބުނި ގޮތުގައި ބައެއް ތަރިން ގަޑިއަށް ނައުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވި ނަމަވެސް، އެމީހުންނާއެކު މަސައްކަތް ކުރުމަކީ ވަރަށް ހިތްހަމަޖެހޭ ތަޖުރިބާއެކެވެ. އަނިލް ފިލްމު "ސުބޭދާރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ އެވަގުތު ފަރާ ވަނީ، ސެޓުތަކުގެ މާހައުލަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން އަނިލް އޭނާގާތު ބުނި ވާހަކައެއް ހިއްސާކޮށްފައެވެ. "އަނިލް ބުނީ، މިހާރު ސެޓުތަކަށް ދާއިރު ކުރިން ލިބޭ އުފާވެރިކަމެއް ނުލިބޭ ކަމަށާއި، އެ އުފާވެރިކަން މުޅިން ބީވެ ގޮސްފައިވާ ކަމަށް" ފަރާ ބުނެފައިވެއެވެ. މި ވާހަކައަށް ރައްދު ދެމުން ޑޭވިޑް ދަވަން ވަނީ ހިންދީ ސިނަމާގެ ބޮޑެތި ތަރިންނާ އެކު އޭނާ ކުރި ތަޖުރިބާތަކުގެ ހަނދާން އާކޮށްފައެވެ. ޑޭވިޑް ބުނި ގޮތުގައި ސަލްމާން ޚާން، ގޯވިންދާ، ސަންޖޭ ދަތު އަދި އަނިލް ކަޕޫރު ފަދަ ތަރިންނަކީ މަސައްކަތަށް ވަރަށް ފުރިހަމަ ބައެކެވެ. އެމީހުން ބައެއް ފަހަރު ގަޑިއަށް ނައުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، އެމީހުން ދޭ ޝޮޓްތަކުގެ ފުރިހަމަކަމުން މަސައްކަތް ނިންމާލާފައި އެންމެން ވެސް ގެއަށް ދަނީ ވަރަށް އުފަލުން ކަމަށް ޑޭވިޑް ބުނެފައިވެއެވެ. އަދި ޝޫޓްކުރާ ތަނުގެ ދަތިކަމެއް ހުރި ނަމަވެސް، އެއްވެސް ޝަކުވާއެއް ނެތި ކޮންމެ ތަނެއްގައި ވެސް އެމީހުން މަސައްކަތް ކުރާ ކަމަށް ޑޭވިޑް ފާހަގަކޮށްފައިވެއެވެ. ބެލުންތެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ އަނިލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، އެމެޒޯން ޕްރައިމްއިން ގެނެސްދިން އެކްޝަން ތުރިލާ "ސުބޭދާރު"އިންނެވެ. އުމުރުން 69 އަހަރުގެ އެކްޓަރަކީ، އަދިވެސް އިންޑަސްޓްރީގެ އެންމެ 'ފިޓް' ފިލްމީ ތަރިންގެތެރޭ ހިމެނޭ ކުޅަދާނަ ފަންނާނެކެވެ. އަނިލްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، މި އަންނަ މަހު ރިލީޒްކުރާ ސްޕައި ޔުނިވާސްގެ ފިލްމު "އަލްފާ" އަދި މި އަހަރުތެރޭ ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "އާންކޭ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ