ބީއެމްއެލަށް ފިޗުގެ ސްޓޭބަލް އައުޓްލުކާއެކު ސީސީސީ - ރޭޓިން ދީފި

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކްރެޑިޓް ރޭޓިން ދީފިއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ އިތުރުން، ދިވެހި އިގުތިސާދުގައި ބީއެމްއެލް އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކަމެކެވެ. ބީއެމްއެލްއިން ބުނި ގޮތުގައި ފިޗުން ބީއެމްއެލްއަށް ދީފައިވަނީ 'ސްޓޭބަލް އައުޓްލުކް' އާއެކު 'ސީސީސީ-' ގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގ އެކެވެ. މީގެ އިތުރުން، ލޯކަލް ކަރަންސީ ލޯންގް-ޓާމް ރޭޓިންގްގެ ގޮތުގައި 'ސީސީސީ+' ދީފައިވާއިރު، މިއީ ދައުލަތުގެ ރޭޓިންއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ. ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ހުރީ ވަރުގަދަކޮށެވެ. ބީއެމްއެލްއިން ބުނި ގޮތުގައި މި ރޭޓިންގް ދީފައިވަނީ އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. އަދި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީވެސް ރާއްޖޭގެ ރޭޓިންގް މަތިވުމަށް ބާރުއެޅި ކަންކަން ކަމުގައި ފިޗުން ފާހަގަކޮށްފައިވެއެވެ. ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އިގުތިސާދީ ގޮތުން އެންމެ މުހިންމު ބޭންކުކަން މި ރޭޓިންގްއިން ކަށަވަރުވެގެންދެއެވެ. ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖޭގައި ދެމުންދާއިރު، މާކެޓުގައި އޮތް ވަރުގަދަ މަގާމާއި، ލިބޭ މަންފާގެ މައްޗަށް ފިޗުން އަލިއަޅުވާލާފައިވެއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ރޭޓިންގްއަކީ ބޭންކުން މާކެޓުގައި ހޯދާފައިވާ ކުރިއެރުމާއި، ބޭންކުގެ ރައުސުލްމާލުގެ ވަރުގަދަކަމާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާގެ ރަނގަޅު ހެއްކެއް ކަމަށެވެ. "ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސްގެ ރޭޓިންގް އާންމުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއިން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި، މާކެޓުގައި އަޅުގަނޑުމެންގެ ލީޑާޝިޕް އަދި ހަރުދަނާ މާލީ ނަތީޖާއެއް ނެރެމުންދާކަން. މި ވަޒަންކުރުމަކީ ބޭންކުގެ އަމިއްލަ ގާބިލުކަމުގައި ކެޕިޓަލް އުފެއްދުމުގެ ބާރާއި، ހަރުދަނާ ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެއް،" ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ ކުދި ޖަޒީރާ ގައުމެއްގައި އިގުތިސާދީ ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑުމެން ދަމަހައްޓަމުންދާ ސާބިތުކަން މިއިން ދޭހަކޮށްދޭ ކަމަށެވެ. ރާއްޖޭގެ އެންމެ މުހިންމު މާލީ އިދާރާގެ ހައިސިއްޔަތުން، ދެމިތިބޭނީ ކަސްޓަމަރުންނަށް އެހީތެރިވެ، ގައުމީ އިގުތިސާދީ ތަރައްގީއަށް އެއްބާރުލުންދީ، މާލީ ގޮތުން އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމުގައިކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލްގެ ގޮފިތަކުގެ ވިއުގައާއި، ޑިޖިޓަލް ބޭންކިންގް ޕްލެޓްފޯމްތަކުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކާއެކު އޮތް ގާތް ގުޅުމަކީ ރާއްޖޭގެ މާލީ ނިޒާމުގެ މައި އެއް ތަނބުގެ ގޮތުގައި އެ ބޭންކު ދެމިއޮތް ސަބަބެވެ. ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމަންޓާއި، ރަނގަޅު ކެޕިޓަލް މެނޭޖްމަންޓަކީ ބޭންކުގެ މާލީ ހާލަތު ދައްކުވައިދޭ މުހިންމު ސަބަބުތަކެއް ކަމަށް ފިޗުން ދެކެއެވެ.ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވެސް ފިޗުން ރިއާޔަތްކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދުކަމުގެ ސަބަބުން ބޭންކިންގ ދާއިރާގެ ފަންޑިންގ އަދި ލިކުއިޑިޓީއަށް ބާރުބޮޑުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކުވެސް ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން ބޭންކުން އަންނަނީ ހަރުދަނާކަމާއެކު މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައާއި، އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވުމުގައި ބީއެމްއެލް އިން އަދާކުރަނީ މުހިންމު ދައުރެކެވެ. ޖުމްލަގޮތެއްގައި، ފިޗްގެ މި ރޭޓިންގްތަކުން ފެނިގެންދަނީ ބޭންކުގެ އަމިއްލަ މާލީ ހާލަތު ރަނގަޅުކަމާއި، މާކެޓުގައި އޮތް ވަރުގަދަ މަގާމެވެ. ބޭންކުގެ މާލީ ގާބިލުކަން ހުރި ނަމަވެސް، ރާއްޖޭގެ ހުރިހާ މާލީ އިދާރާތަކެކޭވެސް އެއްފަދައިން، ކްރެޑިޓް ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ އޮނިގަނޑުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ