މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

މިފްކޯއަށް ކަޅުބިލަ މަސް ކިލޯއެއްގެ ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ކޮންމެ ދުވަހަކު ވެސް އެ ކުންފުންޏަށް މަސް ގަތް އަގުތަކާއި ތަފުސީލުތައް މިފްކޯއިން ހާމަކުރެއެވެ.
މިގޮތުން، މިދިޔަ ހޮނިހިރު ދުވަހުގެ ހިސާބުތަކަށް ބަލާއިރު މިފްކޯގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް ގަތީ 17 ރުފިޔާއަށެވެ. ނަމަވެސް، އިއްޔެ ކަޅުބިލަމަސް ކިލޯއެއް މިފްކޯއަށް ގަނެފައިވަނީ 18.50 ރުފިޔާއަށެވެ.
އެ ކުންފުނިން ބުނީ މަސްވެރިންގެ އަތުން މަސްގަންނަ އަގު ބަދަލުގެނެސްފައި ވަނީ މި ދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށްވާތީ މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ. މިއީ އިއްޔެއިން ފެށިގެން ވަކި ގެނައިބަދަލެއް ނޫންކަމަށެވެ. މާދަމާ ވެސް މަސްވެރިކަމަށް ބަލައި މަސް ގަންނަ އަގަށް ބަދަލު އަތުވެދާނެ ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އެގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.
ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ