މިނިސްޓްރީތަކުން މައުލޫމާތު އާންމުކުރުމަކީ ސަރުކާރު ޒިންމާދާރުކުރަން އެޅި މުހިއްމު ފިޔަވަޅެއް: ރައީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު މި ސަރުކާރުން އާންމުކުރުމަކީ އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ހަރުދަނާކުރުމާ އެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އިއްޔެ ވިދާޅުވި ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން އަމިއްލަ އަށް އިސްނަގައިގެން އާންމުކުރަންޖެހޭ މައުލޫމާތު ނުވަތަ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން ވަނީ ހާސިލުކޮށްފަ އެވެ. 
އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ތާރީހުގައި ވެސް ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން އެ މައުލޫމާތުތައް އާންމުކުރި ފުރަތަމަ ފަހަރެވެ. 
އެހެންވެ، އެ ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރިހަމަ ފަހަރަށް އެ ހުރިހާ އިދާރާއަކުން ދޭންޖެހޭ މައުލޫމާތު 100 ޕަސެންޓް ހާސިލް ކޮށްފައިވާ ކަމަށެވެ. އެއާ އެކު، އާންމުންނަށް ކުރިން ނުލިބޭ މައުލޫމާތުތައް މިހާރު ލިބިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 
ރައީސް މުއިއްޒު ވިދާޅުވީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަކީ އެ ސިޔާސަތުގެ ހަމައެކަނި މަގުސަދު ނޫން ކަމަށާއި މިހާރު ހިނގަމުން އަންނަނީ މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަކީ އާންމުންގެ އިތުބާރާއި ޑިމޮކްރެޓިކް ވެރިކަމުގެ ބިންގާގެ ގޮތުގައި ގަބޫލުކުރާ ސަރުކާރެއް ކަމަށެވެ. 
ރައީސް ވިދާޅުވި ގޮތުގައި މިއީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއެރުވުމާއި އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ހަރުދަނާކުރުމާއި ޖަވާބުދާރީވުން އިތުރުކުރުމަށް އެޅޭ ފިޔަވަޅެކެވެ.
އެމަނިކުފާނު ވަނީ އެ ލަނޑުދަނޑިތައް ހާސިލުކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ލިބިވަޑައިގަތް އިދާރާތަކުގެ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.
އެ މަސައްކަތް ކުރިމަގުގައ ވެސް އެގޮތުގައި ކުރިއަށް ގެންދިއުމާ އެކު، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމުންނަށް ސަރުކާރުގެ މައުލޫމާތު ލިބޭނެ ގޮތްތައް ފުޅާކޮށް ސަރުކާރުގެ ހަރަކާތްތަކާއި ނިންމުންތައް ނިންމުމުގައި މަދަނީ ބައިވެރިވުން އިތުރުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 
ތަފާސްހިސާބުތަކާ އެކު އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި ގޮތުގައި ސަރުކާރުން މީގެ ކުރިން ހާމަކުރާ މައުލޫމާތުގެ މިންވަރު ހުރީ އެ އެވްރެޖުކޮށް 34 ޕަސެންޓުގަ އެވެ. 
އާރުޓީއައި ގާނޫނުގައިވާ ގޮތުން އިދާރާތަކުގެ ހިންގުމުގެ އޮނިގަނޑާއި ދޭ ހިދުމަތްތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ހިމެނޭ ގޮތަށް ޖުމްލަ 13 ބާވަތެއްގެ މައުލޫމާތު މަދުވެގެން އަހަރަކު އެއްފަހަރު، އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަށް ކޮންމެ އިދާރާއެއްގެ ވެސް އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ވާނެ އެވެ. 
ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 288 އާރުޓީއައި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 233 އާރުޓީއައިއަކަށް އެހާތަނަށް ވަނީ ޖަވާބު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ