ފ. ބިލެތްދޫގައި އެ ރަށު ކައުންސިލުން އަޅަން ފެށި އެކޮމަޑޭޝަން ބޮލޮކުގެ މަސައްކަތް ފެށީ ފައިސާ ހަމަޖެހުމުގެ ކުރިން ކަމާއި އެކަމުގެ ސަބަބުން މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ ދެ އަހަރު ވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ބިލެތްދޫ ކައުންސިލުގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކައުންސިލުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ތަރައްގީކުރަން ފެށި އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތަށް 6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވުނެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމި އެ މަޝްރޫއަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ކައުންސިލުން މަސައްކަތް ކުރީ ބޭންކު މެދުވެރިކޮށް ފައިސާ ހަމަޖެއްސުމަށެވެ.
މަޝްރޫއު އަވަސްކުރުމުގެ ގޮތުން ބޭންކުން ފައިސާ ހަމަޖެހުމުގެ ކުރިން ކައުންސިލުން ވަނީ ކައުންސުލުގެ ފައިސާއިން 1.4 މިލިއަން ރުފިޔާއަށް މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށްވާ ކޮންކްރީޓު މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް، މަޝްރޫއުގެ ބާކީ ބަޔަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެވެން ނެތް ކަމަށް ބޭންކުން ވަނީ ކައުންސިލަށް އަންގައިފައެވެ. އެކަމާ ހެދި އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރާއި އަށް މަސް ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. ނިިމިފައިވަނީ ކޮންކްރީޓު މަސައްކަތް އެކަންޏެވެ.
އެ މަޝްރޫއު ފެށުމުގެ ކުރިން ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދާފައިނުވާ ކަމާއި ފީސިބިލިޓީ ސްޓަޑީއެއްވެސް ހަދާފައިނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެކޮމަޑޭޝަން ބްލޮކްތަކުގެ މަސައްކަތްތައް ފެށުމުގެ ކުރިން ކަމާއިބެހޭ ގަވައިދުތަކާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާކަމާއި އެ މަޝްރޫއު އެކަށީގެންވާ ގޮތަށް ކުރިއަށް ގެންގޮސްފައިނުވާކަން ވެސް ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ލަފާދީފައިވަނީ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ކުރިން ފައިނޭންޝަލް ފީސިބިލިޓީއެއް ހަދައި އޭގެއިން ކުރާނެ ފައިދާއެއް ނުވަތަ މަންފާއެއް ދެނެނުގަނެ މަޝްރޫއުތައް ނުފެށުމަށެވެ. އޭގެ އިތުރުން ޕްރޮކިއުމަންޓްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑުނަމަ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހެޅުމަށް ވެސް ވަނީ ލަފާދީފައެވެ.
އޭގެ އިތުރުން ވެސް އެ ރަށު ކައުންސިލުގެ ގިނަ މައްސަލަތަކެއް އޮޑިޓުން ވަނީ ފާހަގަވެފައެވެ. އެގޮތުން އާމްދަނީގެ ގޮތުގައި ޕަބްލިކް ބޭންކުން އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާގެ ގޮތުގައި ހުރި ކިހާ ފައިސާއެއްކަމާއި އެ ނޫންވެސް ލޯކަލް ގަވަރމަންޓު އޮތޯރިޓީން ވަކިނުކޮށް ބަލަހައްޓާންޖެހޭ ފަންޑުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަންޑުތަކުގެ ބާކީ އެނގެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ކައުންސިލްގެ އިދާރާގެ އެކައުންޓްގައި 1،842،295ރ. (އެއް މިލިއަން އަށް ލައްކަ ސާޅީސް ހަތަރުހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ) ހުރިކަމަށް ދައްކާއިރު އެ ފައިސާއަކީ ވެސް ކޮންކޮން ފަންޑުތަކަކަށް ނިސްބަތްވާ ފައިސާއެއްކަން އެނގެން ނެތްކަމަށް ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން، ކައުންސިލްތަކުގެ އާމްދަނީ ރިކޯޑްކުރެވިފައި ނުވާތީ އެކަން ފާހަގަކޮށް ހިސާބުތައް ގަވައިދުން ފުރިހަމަކުރުމަށްވެސް އަންގާފަވެއެވެ. އަދި ކައުންސިލުގެ އިދާރާގައި ބޭނުންކުރި އެކިއެކި ފަންޑުތަކުގެ ބާކީ އެއްވެސް ވަރަކަށް ހާމަކޮށްފައިނުވާތީ އެކަން ތަކުރާރު ނުކުރުމަށް ވަނީ އަންގާފައެވެ.
ޖުމްލަ ގޮތެއްގައި ފައިސާ ބޭނުންކުރެވިފައިވަނީ ކޮންކޮން ކަންކަމަކަށް ކަން އެނގެން ނެތްކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ފައިސާ ދައްކަންޖެހޭ ބިލުތަކުގެ ރެޖިސްޓްރީ ބަލަހައްޓާފައިނުވުމާއި ދައުލަތުގު މާލިއްޔަތުގު ގަވާއިދާއި އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައިނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ކައުންސިލްގެ އާންމު ބައްދަލުވުންތައް ނުބޭއްވުމާއި، ކައުންސިލްތަކުގެ ބޮޑެތި ނިންމުންތައް ހާމަނުކުރުމާއި އަންހެނުންގެ މަސައްކަތްކުރާ ކޮމިޓީތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑީތައް ތައްޔާރު ނުކުރުމާއި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުނުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ކައުންސިލް އިދާރާގެ ރިކޯޑުތަކުން ދައްކާ އަދަދުތަކުގައި ފަރަގުހުރިކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ބިލެތްދޫ ކައުންސިލުގެ އެކޮމޮޑޭޝަންގެ މަޝްރޫއު ފެށީ ފައިސާ ހަމަނުޖެހެނީސް، މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ