މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލިއިރު، އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 30.5 މިލިއަން ރުފިޔާ ނުލިބިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ރިޕޮޓުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ ސާވާގައި މައްސަލަ ޖެހި ލިޔެކިޔުންތައް ނުލިބުމުގެ ސަބަބުން، ނުލިބިވާ ފައިސާގެ ފުރިހަމަ ތަފްސީލު ބެލެން ނެތެވެ.
2023 ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި 30.5 މިލިއަން ރުފިޔާ ނުލިބިވާ ފައިސާގެ ގޮތުގައި ހިމަނާފައިވީ ނަމަވެސް، 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ހިމެނޭ އަހަރީ ރިޕޯޓު ތައްޔާރުކޮށްފައެއް ނުވެއެވެ. ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ސާވާގައި ހުރި ލިޔުންތައް ނެގޭނެ ގޮތެއް ނެތުމުން، 2024 ގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ ހިސާބު ތައްޔާރުކުރެވޭކަށް ނެތެވެ.
ފިނޭންސް މިނިސްޓްރީގެ ސެޕް ސިސްޓަމްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ކޮމިޝަނަށް 7.45 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީއާއި، އެއަށް ބިނާކޮށް ސިސްޓަމަށް އެންޓްރީ ހަދާފައި ނުވާތީ، 2023 ގެ ނިޔަލަށް ނުލިބި ހުރި 30.5 މިލިއަން ރުފިޔާގެ ތެރެއިން 2024 ގައި ލިބުނީ ކިހާ ވަރެއްކަން ކަނޑައެޅިގެން އެނގޭކަށް ނެތް ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.
ސެޕް ސިސްޓަމުން ދައްކާ ގޮތުގައި 2024 ގައި ލިބުނު ފައިސާގެ ތަފްސީލަކީ:ޓެލެކޮމިއުނިކޭޝަން ލައިސަންސް ފީގެ ގޮތުގައި 5.3 މިލިއަން ރުފިޔާ، ކޭބަލް ޓީވީ އާއި އެހެނިހެން ފީގެ ގޮތުގައި 1.8 މިލިއަން ރުފިޔާ، އަދި ގަވާއިދާ ހިލާފުވެގެން ކުރި ޖޫރިމަނާގެ ގޮތުގައި 222,045 ރުފިޔާއެވެ. މީގެ އިތުރުން މުވައްޒަފުންގެ ގަޑި ލާރި އާއި ނީލަމުގެ ތަކެތިން ކުދި އަދަދުތަކެއް ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލް ވަނީ ކޮމިޝަނުގެ ސާވާއަށް މައްސަލައެއް ދިމާވި ނަމަވެސް، ފައިސާއާ ގުޅޭ މުހިއްމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް އިރުޝާދު ދެއްވާފައެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ލަފާދީފައިވެއެވެ.
ބްރޯޑްކޮމް އުވާލާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ ގެ ނަމުގައި އާ ކޮމިޝަނެއް އުފެއްދުމަށް މި ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ބްރޯޑްކޮމް އުވާލިއިރު 30.5 މިލިއަން ރުފިޔާ ނުލިބޭ، ހިސާބުތައް ބެލެން ނެތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ