އަންހެން ދޮންދަރިއަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލާފައިވާ މީހަކު ދަށު ކޯޓުން ސަލާމަތްވި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ދޮންދަރިއަށް އެކި ފަހަރު މަތިން ބެހުނު ކަމުގެ ތުހުމަތުގައި އެމީހާގެ މައްޗަށް ދައުލަތުން އުފުލާފައި އޮތީ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާގެ ޝަރީއަތް ދަށު ކޯޓުގައި ހިންގުމަށް ފަހު ހުކުމް ކޮށްފައިވަނީ ދައުވާ ފޯމް ބާތިލްކުރުމަށެވެ. އެއީ އެމީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމުގެ މުއްދަތު ފާއިތުވި ފަހުން ކަމަށް ބުނެ އެވެ.
އެ ދައުވާއަކީ މައުޟޫއީ ގޮތުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާ ވަގުތުން މިނިވަންކުރަން އަމުރުކޮށްފައިވެ އެވެ.
މި މައްސަލައިގެ ޝަރީއަތުގައި މައްސަލަ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން ދައުވާލިބޭ ފަރާތުން ސުވާލު އުފައްދާފައެއް ނުވެ އެވެ. އެ ނުކުތާ ނެގީ މެޖިސްޓްރޭޓްގެ އަމިއްލަ އިސްނެގުމަކަށެވެ.
ދައުލަތުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅިއިރު މެޖިސްޓްރޭޓް އެކަން ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، ހައި ކޯޓުން ވަނީ އެކަމުގައި މެޖިސްޓްރޭޓް އަމަލުކުރީ ގާނޫނާ ހިލާފަށް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.
ހައި ކޯޓުން ބުނީ މައްސަލައެއްގައި ހަސްމަކު ފާހަގަ ނުކުރި ނަމަވެސް އެ ކަމެއްގައި ފާޅުކަން ބޮޑު ގާނޫނީ އޮޅުމެއް ނުވަތަ ކުށެއް ވާނަމަ، އެކަމާ މެދު ފަނޑިޔާރު ގޮތެއް ކަނޑައެޅުމުގެ ކުރިން ހަސްމުން ދެކޭ ގޮތް ހޯދުމަށްފަހު، އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ނަމަވެސް، މައްސަލައިގެ ތަހުގީގީ މުއްދަތާ ގުޅޭ ގޮތުން މެޖިސްޓްރޭޓް ގޮތް ނިންމެވީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ.
ހުކުމުގައި ބުނި ގޮތުގައި ތަހުގީގު މުއްދަތު އިތުރުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުއްދަ ދިނުމާ އެކު މައްސަލައިގައި ތަހުގީގު ނިންމުމަށް ފުލުހުންނަށް 45 ދުވަސް ލިބިދެ އެވެ.
އެ މުއްދަތަށް ބަލާއިރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މެއި 8، 2022 އެވެ. ދައުލަތުގެ ބަހުން އެނގޭ ގޮތުގައި، ތަހުގީގު ފުރިހަމަކޮށް މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މެއި 7، 2022 ގެ މެންދުރު ފަހު 1:14 ގައި ހުށަހަޅާފައިވެ އެވެ.
އެހެންވެ، ތަހުގީގު ނިންމުމާއި ދައުވާކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތު ފަހަނައަޅާފައިވާ ކަމަށް ބަލަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަންގައިފަ އެވެ.
މިއީ ދަށު ކޯޓަށް 2022 ވަނަ އަހަރު ހުށަހަޅައި، 2023 ވަނަ އަހަރު ނިންމި މައްސަލައެކެވެ. ހައި ކޯޓަށް 2023 ވަނަ އަހަރު ހުށަހެޅި މި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ އިއްޔެ އެވެ.
ދޮންދަރިއާ ބެހުނު މީހަކު ސަލާމަތްވި ހުކުމެއް ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ