މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ފަށައިފި

ހދ. މަކުނުދޫގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން، އެމްޓީސީސީއާއެވެ.
ހދ. މަކުނުދޫއަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން އޮންނަ ރަށެއްކަމުން އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެރަށުގައި އެއާޕޯޓެއް ތަރައްޤީވެގެން އައުމެވެ. ސިއްޙީ ކުއްލި ޙާލަތްތަކުގައި ސިއްޙީ ފަރުވާއަށް ބަލި މީހުން ގެންދިޔުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސަރަޙައްދުގެ ކަނޑުތައް ގަދަވުމެވެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ކަނޑުތައް މަޑުދުވަސްތަކުގައިވެސް މަކުނުދޫ ހިމެނޭ ސަރަހައްދުގެ ކަނޑު ގަދަވުމަކީ އެރަށު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެކެވެ.
އެހެންކަމުން އެރަށުގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބިގް ފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްގެން މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މަކުނުދޫ އެއާޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ.
އެމްޓިސީސީއިން ވަނީ މަކުނުދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ސައިޓް ސެޓަޕް ހެދުމާއި ފަޔަރ ސްޓޭޝަން އަޅައި ސަރަހައްދު ސާފުކުރުމާއި ބިން ކޮނުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.
މަކުނުދޫ އެއާޕޯޓް ތަރައްޤިކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކުނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައެވެ. އެއާޕޯޓް ނިންމުމަށް ފަހު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާއިއެވެ.
ހދ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ ދެ އެއާޕޯޓެވެ. އެއީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ. ކުޅުދުއްފުށީ އެއާޕޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ