ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުގެ ކުރިން އީރާނުގެ އެސެޓްތައް ދޫނުކުރާނަން: ޓްރަމްޕް

ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމުގެ ކުރިން އީރާނުގެ އެސެޓްތައް ދޫ ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެންބީސީ ނިއުސްގެ 'މީޓް ދަ ޕްރެސް'އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެފަދަ އެއްބަސްވުމަކަށް އައުމަށް ފަހު އެ ފިޔަވަޅުތަކާ މެދު ވިސްނަވާނެ ކަމަށެވެ.
"އެ މީހުން އަމަލުކުރާ ނަމަ، އެ މީހުން ހެޔޮ ނިއަތުގައި ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ، އަހަރެމެން ވާހަކަ ދައްކަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ލުބްނާނުން އިޒްރޭލާ އެކު ކުރު މުއްދަތުގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ޑިމާންޑް ނުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އެ މީހުން އެކަން ދެކެން ބޭނުންވާނެ ކަމަށް. އެކަމަކު އަޅުގަނޑު ޑިމާންޑެއް ނުކުރާނަން،" ހުކުރު ދުވަހު ރެކޯޑް ކުރި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލު ސިފައިން އީރާނަށް ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ 28 ފެބްރުއަރީގަ އެވެ. ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ހަފުތާތަކެއް ވެއްޖެ އެވެ.
"އަހަރެމެން މިތިބީ ޑީލެއްގެ ވަރަށް ގާތުގައި. ނޫނީ އަހަރެން އެ މީހުންގެ ފުނޑުފުނޑު ކޮށްލާނަން،" އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުއްލޯ މުޖުތަބާ ހާމަނާއީއާ ވާހަކަ ދައްކަވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފަދަ ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، އީރާނަށް އެމެރިކާ އިން ދިން ހަމަލާތަކާ އެކު ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ މަޑުޖައްސާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ