ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނާގާބިލުކަމާއި، މަގުބޫލުކަމެއް ނެތުމުގެ ސަބަބުން ބޮޑެތި އިންތިހާބުތަކުން ތަކުރާރުކޮށް ބަލިވަމުންދާކަމުގެ ހަގީގަތް ގަބޫލު ކުރަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދު ކެމްޕެއިނަށް މިވަގުތު ހުންނެވީ ގދ. އަތޮޅުގަ އެވެ. އިންތިހާބަށް ތިން ދުވަހަށްވެފައިވާއިރު، ރައީސް ނަޝީދު ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ގިނަ ރަށްތަކަށް ދަތުރު ކުރައްވައި ޕާޓީގެ އާންމު މެމްބަރުންނާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި ރައީސް ނަޝިދު ޖުމްލަ ގޮތެއްގައި ފާހަގަކުރައްވައި އެމްޑީޕީއަށް ޕާޓީއެއްގެ ގޮތުގައި ބޭނުންވާ ބަދަލުތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން ސަރުކާރާއި މެދު ނުތަނަވަސްވެފައި ތިބިއިރު، ކަންކަން ހައްލު ކުރެވެން އޮތީ އެމްޑީޕީ އަށެވެ.
ހޯނޑެއްދޫ، ނަޑެއްލާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރުގެ ތެރޭގައި ހޯދުނު އެއްވެސް ކާމިޔާބީއެއް ނެތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބާއި، ރިފެރެންޑަމް ވޯޓު އަދި ހިތަދޫ އުތުރު ބައި އިލެކްޝަނުން ބަލިވުމުން ސަރުކާރު އެކަން ގަބޫލު ކުރުމަށް ބޭނުން ނުވާކަމަށެވެ. އަދި ބަހަނާތައް ދައްކައި، އެންމެ ގިނަ ޖުމްލަ ވޯޓު ލިބުނީ ޕީއެންސީއަށް ބުނާކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ސަރުކާރުން ބައިވެރިވާ ކޮންމެ އިންތިހާބަކުން ބަލިވި ނަމަވެސް، ”އަނގައިން ބަލިނުވާ“ ކަމަށެވެ. ގައުމުގެ ހާލަތު ގޯސްވެފައިވާއިރު، ސަރުކާރަށް މިހާތަނަށް އިސްލާހު ކުރެވުނީ ކިތަށް ކަންތޯ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އާމްދަނީ އިތުރުނުކޮށް ގައުމުގެ ހަގީގީ ސަލާމަތްތެރިކަން ހޯދައިނުދެވޭނެ ކަމަށެވެ. ރާއްޖެ މިހާރު އޮތީ ”ހަތަރުވަނަ ގޯޅިއެއްގެ ކަންމަތީގައި“ ކަމަށާއި، ގައުމު ހަލާކުގެ މަގަށް ނުވަތަ ސަލާމަތުގެ އައްސޭރިއަށް ދިއުމުގެ އިހުތިޔާރު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުން އިޖުތިމާއީ ގޮތުން ހަލާކުގެ މަގު އިހުތިޔާރު ކުރުމުން ލިބުނު ގެއްލުން ފެނިިިފައިވާއިރު، ރާއްޖެ އެ މިސްރާބަށް ދިޔަދީގެން ނުވާނެ ކަމަށެވެ.
މިއީ އެއްވެސް މަގުބޫލުކަމެއް ނެތް ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތަކުން ސަރުކާރު ބަލިވުމުން ވެސް ދައްކަނީ ގަދަފައި ކަމަށެވެ.
ކޮންމެ އިންތިހާބެއް.. ސަރުކާރުން ބައިވެރިވާ ކޮންމެ އިންތިހާބަކުން އިންތިހާއަށް އެބޭފުޅުން އެބަ ބަލިވޭ. އެހެންނަމަވެސް އަންގައިން ބައްޔެއް ނުވޭ. ހަމަ ބުލާހެން ބުނަނީ ނޫނެކޭ އަހަރެމެން މޮޅޭ. އެ ފޮށިން މޮޅުވިޔޭ، މި ފޮށިން މޮޅުވިޔޭ.. މި އިންތިހާބެއްގެ ނަތީޖާއަކަށް އަޅުގަނޑުމެން މި ބަލަނީ ކާކުތޯ ހުވާ ކުރަނީ.ކާކުތޯ ގޮނޑީގަ އިންނަނީ.. ކާކުތޯ އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރަނީ.. އެހުރިހާކަމެއް ކުރަން ހުރީ އެމްޑީޕީ މީހާ.. އެކަމަކު އެބޭފުޅުން އެބަ ބުނޭ ތިމަންނާމެންނާ ކަމަނަގޯތި އާދަނުގެ ވޯޓު ތިބުނޭ، އެހެންވީމަ މޮޅުވީއޭ. ކަމަނަގޯތި އާދަނުގެ ވޯޓުން އެކަންޏެއް މިކަމެއް ނުވޭ.. މުޅި ރާއްޖޭގެ ވޯޓު، މުޅި އުރިހާ އެންމެންގެ ވޯޓު މިކަމުގައި އެބަ ބޭނުންވޭ…
ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތަކުން ބަލިވުމުން ސަރުކާރުން، ކާމިޔާބީއެއް ލިބުނުކަމަށް އުފާފާޅު ކުރާކަމަށެވެ. އަދި ބަލި ގަބޫލު ކުރުމަށް ދެކޮޅު ހަދައި، ވަކި އަދަދެއްގެ ވޯޓު ނުވަތަ ވަކި ވޯޓު ފޮށިއެއްގެ ނަތީޖާ ދައްކާކަމަށެވެ. ނަމަވެސް އެ އިންތިހާބެއް ކާމިޔާބުކޮށް ގޮނޑީގައި ހުންނަނީ އެމްޑީޕީގެ މެމްބަރެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޒާޖީ ގޮތެއްގައި ރައީސް ނަޝީދު ވިދާޅުވީ ވަކިވަކި ގޯތިތަކުގެ ވޯޓަށް ބަލައިގެން މޮޅުވިކަމަށް ދެކުނު ނަމަވެސް، އިންތިހާބެއް ކާމިޔާބު ކުރުމަށް މުޅި ރާއްޖޭގެ ރައްޔިތުންގެ ތާއީދު ބޭނުންވާ ކަމަށެވެ. އަދި އިންތިހާބަކުން ބަލިވުމަކީ، ބަލިކަމަށް ދެކި އެކަން ގަބޫލު ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.
ރާއްޖެއަކީ ތަނަވަސް އުފާވެރި ގައުމަކަށް ހެދުމަށްޓަކައި އެމްޑީޕީ ވަރުގަދަވާންޖެހޭކަމަށާއި، އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ މުއައްސަސާކަމަށް ނަޝީދު ވިދާޅުވި އެވެ. މީގެ ކުރިންވެސް ރާއްޖެ ބަދަލުކުރީ އެމްޑީޕީންކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެ ބަދަލު ގެންނާނީ އެ ޕާޓީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު، ސަރުކާރަށް؛ އަނގައިން ބަލިނުވާތި، ގޮނޑީގައި ހުންނާނީ ހަމަ އެމްޑީޕީ މީހެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ