އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

ދިވެހިރާއްޖޭގެ އިގުތިސާދީ ދާއިރާއަށާއި މާލީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ މާލީ ވަރުގަދަކަން ބަލައިގަނެ، އެ ބޭންކަށް ރޭޓިންގްއެއް ދީފިއެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މާލީ ދުޅަހެޔޮކަމާއި، މާކެޓުގައި އޮތް އިސް މަގާމުގެ އިތުރުން، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ މުހިންމު ނިންމުމެކެވެ.
ފިޗުން ބީ.އެމް.އެލް ގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް ކަނޑައަޅާފައިވަނީ ’ސީސީސީ-’ ގައެވެ. އަދި ބޭންކުގެ ކުރިމަގު ނުވަތަ އައުޓްލުކް ’ސްޓޭބަލް‘ ކޮށް އޮތްކަމަށް ވަނީ ކަނޑައަޅާފައެވެ. ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު ’ސީސީސީ+‘ ގައި އޮތުމެވެ. މިއީ ދައުލަތުގެ ސޮވަރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ. މިއިން ދޭހަވަނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަ ކަމެވެ.
މި ރޭޓިންގް ދީފައިވަނީ ރާއްޖޭގެ ސޮވަރިން ރޭޓިންގް ’ސީސީ‘ އިން ’ސީސީސީ-’ އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. މި ބަދަލު އައީ އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިންގް މަތިކުރުމުގައި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް މުހިންމު ދައުރެއް އަދާކުރިއެވެ. މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ އިގުތިސާދީ ސިޔާސަތުތަކަށް ކުރާ އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ.
ދިވެހި ބޭންކިންގް ދާއިރާގައި ބީއެމްއެލްގެ އޮތް ބޮޑު ހިއްސާއާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭ ފުޅާ ޚިދުމަތްތައް ފިޗުން ވަނީ ފާހަގަކޮށްފައެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ބްރާންޗް ނެޓްވޯކަކާއި ޒަމާނީ ޑިޖިޓަލް ބޭންކިންގް ވަސީލަތްތައް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މެދުނުކެނޑި ޚިދުމަތް ދިނުމުގައި ބޭންކުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި ރޭޓިންގްއަކީ ބޭންކުގެ މާލީ ނަތީޖާތަކާއި، ގޮންޖެހުންތަކާއެކުވެސް ކުރިއަށްދިއުމުގެ ގާބިލުކަން ބަލައިގަތުމެވެ.
ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކުގެ ނަތީޖާއެވެ. ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންވެސް، އަމިއްލަ މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ބީ.އެމް.އެލްގައި ހުރިކަން ފިޗުން ވަނީ ޔަގީންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ