ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ގޮތުން ބަލިވާ ކޮންމެ ފަހަރަކު، ރައްޔިތުންނާއި މެދު އަނިޔާވެރިވާ މިންވަރު އިތުރުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ފައްޔާޒް މިވަގުތު ހުންނެވީ ގދ. އަތޮޅުގަ އެވެ. ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ސަރުކާރަށް ފާޑުކިއުން އަމާޒު ކުރައްވައި، ފައްޔާޒް ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ރިފެރެންޑަމް ވޯޓު އަދި ބައި އިލެކްޝަނުން ޕީއެންސީއަށް ލިބުނު ނާކާމިޔާބީ ފާހަގަކުރައްވާފަ އެވެ.
ފައްޔާޒް ވިދާޅުވީ މި އިންތިހާބުތަކުން އެނގެނީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް މިންވަރު ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ބަލި ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި، އަނިޔާވެރިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ރާއްޖެއަށް ގެނެވުނު އައު ޤާނޫނުއަސާސީގެ ސަބަބުން ދިވެހިންނަށް ލިބުނު އަސާސީ ހައްގުތަކާއި، އިގްތިސާދީ، މިނިވަންކަން މިއަދު މި ފެންނަނީ ނާގާބިލު ސަރުކާރެއްގެ ސަބަބުން ފެނަށްވެގެންދާ ތަނެވެ. އެގޮތުން ރައްޔިތުންގެ ދިރިއުޅުމާއި ހުރި އެތައްކަމެއް ނެތި ގޮސް، ހައްގުތައް ގެއްލެމުން ދިއުމުގެ ކަންބޮޑުވުން ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރާއްޖެއިން ވެރިންގެ އަނިޔާވެރިކަން ނައްތާލެވި، ހެޔޮ ވެރިކަމެއް ގެނެވޭނެކަމަށް ރައްޔިތުން ގަބޫލު ކުރި ނަމަވެސް އެ މަންޒަރު ބަދަލުވާން ފަށާފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އަނިޔާކޮށް ޖަލުގައި މީހުން މެރުން އާންމުކޮށް ހިނގަމުން ދިޔަކަމަށެވެ. އަދި އެ ސަގާފަތް ޒަމާންތަކެއް ކުރިން ނައްތާލެވިފައިވާކަމަށް ބެލެވުނު ނަމަވެސް، އެ އާދަ އަލުން އިޔާދަވާން ފަށާފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މިނިވަންކަމާ އެކަންޏެއް ނޫން، އަޅުގަނޑުމެންގެ ތަނަވަސްކަމާ، ދިރިއުޅުމާ ގުޅުންހުރި ކަންކަންވެސް އެ ދަނީ ނެތިގެން. ހައްޤުތައް ނިގުޅައިގަނެގެން ދިޔަ ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެން ހީކުރީ އަނިޔާވެރިކަމެއް ދެނެއް ނާންނާނެ ކަމަށް. އެއީ ޖަލުތަކުގައި މީހުން މެރުމާއި އަނިޔާކުރުން
ފައްޔާޒް ވިދާޅުވީ ”އަދަދު“ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ހައްޔަރުކޮށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އޭނާ ބަންދުގައި ހުރެ ފެނުނު މަންޒަރުތަކުން ޖަލުތަކުގައި އިހުމާލުވެ، އަނިޔާވެރިވުން ފެށިފައިވާކަން ހާމަވާކަމަށެވެ. މިއީ މުޅި މުޖުތަމައަށް އޮތް ބިރުވެރިކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިނެއްގައި އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން އަށް މީހަކަށް މިއަދު ދައުވާ އުފުލާފައިވާކަން ފާހަގަކުރައްވައި، ފައްޔާޒް ވިދާޅުވީ މިއީ ސިޔާސީ ގޮތުން ސަރުކާރަށް ލިބޭ ނާކާމިޔާބީތަކުގެ ބަދަލުހިފުން ކަމަށެވެ. ހާއްސަކޮށް އައްޑޫ ހިތަދޫ އުތުރުގެ ބައި އިލެކްޝަން ނަތީޖާއާއި ގުޅިގެން، ސަރުކާރުން ބިރުދެއްކުމުގެ އަމަލުތައް އިތުރުކުރަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ޑރ. މުއިއްޒު ބަލިވާ ކޮންމެ ފަހަރަކު އެދަނީ އަނިޔާ އިތުރުކުރަމުން. މިއަދު މި ފެންނަ ދައުވާތަކަކީ އޭގެ ހެއްކެއް
ފައްޔާޒް ވިދާޅުވީ މިއަދު ރައްޔިތުން، އަމިއްލަ ހައްގުތަށް ދިފާއުކުރުމަށް ތެދުވާން ޖެހޭ ކަމަށެވެ. ނޫންނަމަ، މާޒީގައި ފެނުނު ބިރުވެރި އަނިޔާވެރި ދުވަސްތައް އިއާދަވެދާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ބަލިވާ ކޮންމެ ފަހަރަކު ރައީސް މުއިއްޒުގެ އަނިޔާވެރިކަން އިތުރުވޭ: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ