ބަނަފުސާ 6
"ނަމާދަކީ މުއުމިނުންނަށް ﷲ ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތެވެ. ދުނިޔޭގެ ކަންކަމުގެ ތެރޭގައި ތިބާގެ ހިތް މާޔޫސްވެ ނުވަތަ ހާސްވާ ކޮންމެ ފަހަރަކު ނަމާދުގެ ތެރެއިން ﷲތައާލާ އާއި ވާހަކަ ދައްކަން ފުރުސަތު ލިބެއެވެ. އެއީ ހިތަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ފަރުޟު ނަމާދުތަކަށް ރައްކާތެރިވެ ދަމު ނަމާދުކުރުމަށް އާދަކޮށް އެކަމުން ހިތަށް ރޫހާނީ ހަމަޖެހުން ލިބިގަނެވޭނެއެވެ." *** "ދުޢާކުރަންވާނީ މަސައްކަތްކޮށްފައި...އޭގެ ފަހުން ވަކީލުކުރާނީ..ކާން ތެދުވޭ...ބަދޫރާ ދައްތަ އެބަހުރި ބޮނޑިބަތާއި ފިހުނު މަސް ފޮނުވާފައި......." "މަންމަ ކާލާ..މިއަދު ކާހިތެއްނެތް...."އަދަލްއަށް ބޮނޑިބަތް މީރުވިޔަސް މަންމައަށް ދޭން ނިންމިއެވެ. މީރު އެއްޗެއް ލިބިއްޖެއްޔާ މަންމަ ނުކައި އޭނައަށް ދޭން މަސައްކަތްކުރާނެއެވެ. އެއްބައި ކާލާފައި އޭނަ ބުނާނީ ނުބައި ކަމަށެވެ. އެވަގުތު ފޯނެއް އައުމުން މަންމަގެ ލޮލުގެ ވިދުން ގަދަވެ ހުރިހާ ދަތްތައް ފެންނަވަރަށް ހީލުމާއެކު ވާހަކަދައްކަން ފެށިއެވެ. އެއާއެކު މަންމަގެ މޫނު އެއްކޮށް ހުދުވެގެން ދިޔަގޮތުން ކޮންމެެވެސް ބޮޑު ހާދިސާއެއް ހިނގިކަން އެނގުނެވެ. މަންމަ ފޯނު ހިފައިގެން އެއްފަރާތަށް ހިނގައިގަތީ އޭނައަށް އަޑު ނީއްވުމަށެވެ. ފަސް ވަރަކަށް މިނިޓްފަހުން އަދަލްވެސް މޫދަށް ދާންކަމަށް ނުކުތްތަނާހެން މަންމަގެ ހަމަލާއެއް ފަޔަށް އަމާޒުވިއެވެ. މަންމަ ތަޅުންމަތި ފޮހެން ގެންގުޅޭ އިލޮށިފަތިން ވީއްލައިލި އެތިފަހަރު މަޑުވިޔަސް އޭނައަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނީ ސިހިފައެވެ. އޭރު ސިދްރާ ބެންޗުގައި ވާހަކަފޮތެއް ކިޔަން އިނދެފައި ބަލަން އިނީ ލޯ ބޮޑުކޮށްގެންނެވެ. އަވަހަށް ތެދުވެގެން އައީ އިލޮށިފަތިން އޭނަ ސަލާމަތްކުރަން ކަން ނޭގެއެވެ. "ސަރަފީނާދައްތާ...އަދަލް ކީއްކުރީ؟ ބޮޑު ފިރިހެނެއްގެ ގައިގާ މަންމަ ތަޅައިގަންނާނީ ކޮންފަދަ ބޮޑު ޖަރީމާއެއް ހިންގީމަ..." "ކަލެއަކާއި ބެހޭކަމެއްނޫނޭ..އަނގަ ފަންގިއެއް މިވެސް...އަނގަ މަޑުކޮށްލައިގެން ހުރެބަލަ.........."ސަރަފިނާގެ މޫނު ޓޮމާޓޯއެއްހެން ރަތްވުމާއެކު އިތުރަށް ކޯވެސް ފުފުނެވެ. އޭނަ ދެެން އެނބުރުނީ އަދަލްއާއި ދިމާލަށެވެ. "ދައްތަމެން ބުނީ ރަގަޅަށް...ނޯޔާ ބުނީ އަދަލްއާއި ނީންނާނަމޭ....އެނގިއްޖެ؟" "އޯހް...."އަދަލް ލޯ ކުޑަކޮށްލީ ވިސްނާފަދަ ގޮތަކަށެވެ."އެކަމުގައި އަޅުގަނޑުގެ ކުށަކީ ކޮބާ މަންމާ....އެމީހުން އަމިއްލައަށް ކައިވެންޏަށް އަހާފައި ރިޖެކްޓްކުރުމަކީ ދެކޮޅު ޖެހޭކަމެއްނޫން..ޝޮކިން ހަމަ...." "ކޮން ޝޮކެއް ބޮކެއް ކިޔާކަށްތަ އަދަލް..ނޯޔާއަށް ފެނުނީ އެހެރަ އީސާބެގެ ފަޅުގެނގަޑުގެ ތެރޭ ތައްޚާނުގެ މޮޔަ ސޮރާއެކު ވޭޕް ދަމަން އިންދާ...ތެޔޮބިޑި ސުއްޓާ ހަދައިގެން މީހުންނަށް ދެމުން އެ ކަލޭގެވެސް އުޅެނީ..މޮޔައަކަށް ހެދިގެން..ކިހާ ރަގަޅުވެއްޖެ...އެންމެން މަށަށް މަލާމާތްކުރާނީ..ދައްތަމެންނަށް މޫނު ދައްކަންވެސް ލަދުގަނޭ..އަވަށްޓެރިން އެންމެން ގާތު އެ ކައިވެނީގެ ވާހަކަދައްކާފައި އެމީހުން އެކަމަށް އިންކާރުކުރި ވާހަކަ ދެން ބުނާނީ ކޮން ދުލަކުން މިހިރަ އަދަލް....ބުނެބަލަ.." އަދަލްއަށް ވީގޮތް އޮޅުން ފިލިއެވެ. އާއްމުކޮށް އަމިއްލަ ދިފާއުގައި އަޑު ނުއުފުލިޔަސް މިފަހަރު މަންމަގެ ރުޅި ފިނިކުރަން ބޭނުންވި ސަބަބުތައް ގިނައެވެ. "މަންމާ..އެ އަންހެންކުއްޖާ ނަރުސްކަން ނޫނީ ދޮގާއި މަކަރު ހަދާނެ ގޮތް ކިޔެވީ؟ އޭނަ އެހެދީ ކަނޑައެޅިގެން ބޮޑު ދޮގެއް.." މިފަހަރު ސަރަފީނާ އޭނަގެ މޫނުމަތީގައި ޖަހަން އަތް އުފުލާލާފައިވެސް ތިރިކޮށްލިއެވެ. "ނޯޔާ ދޮގެއް ނަހަދާނެ..އެމީހުން އެހާވަރުން އެކަން ކުރުވަން އުޅުނީ ގަދަރުވެރި އާއިލާއަކަށްވީމަ.....އަދި އަތުގައި ފައިސާ ފޮތްޗެއް ނެތަސް އަދަލްގެ ގޯތްޗެއް އެބައޮތް..ނޯޔާއަށް މިތާ ގެއެއްވެސް އެޅިިދާނެ. ލޯނެއް ނަގައިގެންވެސް މި ބޮޑު ބިމުގައި ކިތަންމެ ކަމެއް ހިންގިދާނެ....އެހެންވެ..އެމީހުން އަމިއްލައަށް ކިޔާފައި ސަބަބެއްނެތި މީހެއްގެ ބޮލުގައި ދޮގު ތުހުމަތެއް ނާޅުވާނެ..." ސަރަފީނާ ބަރުހެލިގޮތަކަށް ހިނގާފައި ގޮސް ވެއްޓިފައި އޮތް ރުއްބުޑެއްގެ މަތީގައި އިށީނެވެ. އަދަލްއަށް ނާއުއްމީދީގޮތަކަށް ބަލައިލެވުނީ ސިދްރާއަށެވެ. ސިދްރާގެ ރަންކުލަ އަރާ މޫނު މިއަދު ދިއްލިފައިވާއިރު އިތުރަށް އުޖާލާކަމަށް ދައްކައެވެ. ޅަފާޑުޖެހިޔަސް ލޯމަތިން ހަރުދަނާކަމެއްވެސް ހުރެއެވެ. "ދައްތާ....ވޭޕްކުރުމަކީ މަނާކަމަކަށް ވިއްޔާ އަދި އެއީ ކައިވެނި ކެންސަލްކުރާވަރުގެ ކުށަކަށް ވެއްޖެއްޔާ ޒިހާމްބެ ވެސް ވޭޕްކުރޭ...." ސިދްރާ ނިކަން ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. "ޒިހާމްއޭ؟ ނުކުރާނެ.ގަބޫލެއްނުކުރާނަން..ޒިހާމްއަކީ ހަރުދަނާ ހައިބަތު ހުރި ފިރިހެނެއް.....ސިދްރާ ދޮގުހަދާނެ ކަމެއްނެތް..ޒިހާމްއާއި އަދަލްގެ ހުރި ތަފާތު ކުޑައިރުއްސުރެ ދެކެމުން އައި މީހާގެ ކައިރީ ތިހެން ބުނަނީ؟" "ހަމަ ރޭ ފެނުނު ވޭޕުން ބޮޑު ދުންގަނޑެއް ނެރެން ސިޓިންރޫމްގައި މާރިޔާ ދައްތަ ކުރިމަތީގައި އިނީ....މުޅިތަނުގައި އެވަސް ހުރީ...މާރިޔަ ދައްތަވެސް އިނީ ހިނިއައިސްފަ..އެއީ ސްޓައިލެއްކަމަށް ބައެއްމީހުން ދެކެނީ...އެއިން ވާ ގެއްލުން އެނގޭނަމަ މަނާ ކުރާނެ. ނޫނީ މާރިޔާ ދައްތަ ބިރުން އެއްޗެކޭ ނުބުނެ ފޭކްކޮށް ހީލައިގެން އިންނަނީ...އައި ކެން ސީ ހާޓް އިން ދޯސް އައިސް.،ރޭ އެކަން ފެނުނު. މާރިޔާ ދައްތަވެސް އެކަމާއި ދެރަވެ ހިތްހަމަނުޖެހޭނެ އެކަމަކު ޒިހާމްގެ ކައިރީގައި ނިކަމެތިވެގަނެގެން ދައްތަ އެހުންނަނީ....ދަރިން މޮޅުވީމަ މައިންބަފައިންނަަށް ބަސް ބުނާކަށް ނުކެރޭނެ....." ސިދްރާ އިތުރަށް ބުނެލިއެވެ."ޒިހާމްބެ ވޭޕްކުރަންޏާ ރަގަޅުވެފައި އަދަލް ކުރާކަމެއް ވީމަ ގޯސްވަންޏާ އެއަށް ކިޔަނީ ބޭ އިންސާފު....." "ޒިހާމް ކުރިޔަސް މީހުންނަށް ވާނީ ރީތިކަމަކަށް..ސަބަބަކީ ޒިހާމް ވޭޕަށް ހަކުރު އަޅައިގެނެއް ނުބޯނެ. އެއަށްވުރެ ކާމިޔާބު ދަރިއެއް ދައްތައަށް ލިބުނީ...ޖަވާހިރެއް ހަމަ....ކަލޭމެންގެ ސިކުނޑީގައި ތެތްކަމެއްނެތެއްނު..މިރަށުގައި ތި ވޭޕަށްވެސް ހަކުރު އަޅާފައި ދެނީ..އެހެންވެ މިތަންތާ ސިގްރެޓްވެސް ނުބޯންވީ...ނިމެނީ ހަކުރު ބޭނުންކޮށްގެން ދިރިއުޅުން ހަލާކުވެގެން......ނޯޔާ ބުނީ އެ ތައްޚާނުގެ ދަރިއާއެކު މީނަ ފަޅުގޯތި ތެރޭ މިގަނޑު ގަންނަން ތިއްބާ ދެކުނީމޯ..ނޯޔާ ވަގުތުން އޭނަގެ މަންމައަށް އެންގީ.. ބަދޫރާވެސް ވަރަށް ހިތްހަމަނުޖެހިފައި އިނީ..ޚިޔާލުބަދަލުކޮށްލީ އެހެންވެ......ކީއްކުރާނީ؟ މަގޭ ބަދުނަސީބު..."ސަރަފީނާ އެއްޗެހި ކިޔަމުން ގޮސް ގެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އަދަލް ދެރަވިއެވެ. ކައިވެނި ކެންސަލްވީމައެއްނޫނެވެ.މަންމަގެ ހިތާމައިންނެވެ. މަންމަގެ އިތުބާރު ގެއްލުމުންނެވެ. އޭނަގެ މަންމަ އޭނަގެ އުމުރުން ވިއްސަކަށް އަހަރުވާންދެން އޭނަ ކޮންމެ ތަނަކަށް ދިޔަސް ފަހަތުގައި ހިޔަންޏެއްހެން ހުއްޓެވެ. ކުޅެން ދިޔަސް މޫދަށް ދިޔަސް މަންމަ އޭނަގެ ކަޅިމަތި ބަލައިގެން އުޅޭނެއެވެ. އެފަހުން ފަހަތުން ނުގޮސް ހުއްޓައިލީ އިތުބާރުލިބުމުން ކަމަށް ވެދާނެއެވެ. އަދަލްގެ ކަންފަތަށް އަބަދު މަންމަގެ ނަސޭހަތްތައް ވަދެ ހަރުލާފައިވުމުން އިހުސާންތެރިވާނަކަށް މަންމަ ޔަގީންކުރީއެވެ. އޭނައަށް މަންމަ އަބަދުވެސް ދޭ ނަސޭހަތަކީ ކިތަންމެ ގާތް މީހަކު ދިނަސް އެއްޗެއް ނުކެއުމެވެ. ނުބުއިމެވެ. ސިގްރެޓް މުޅިން މަނަލެވެ. ނޫނީ މަންމަ އިންޒާރުކުރީ ހަންދަމައިގަންނާނެ ކަމުގައެވެ. ޑްރަގުގެ ބިރުވެރިކަމާއި ނުރައްކާތެރިކަމަށް މަންމަ ހޭލުންތެރިވެފައިވާވަރުން މިވަރަށް އެކަން އާއްމުތަނެއްގައިވެސް އޭނަ ގެންގުޅުނީ ޑްރަގުގެ ދުނިޔެއާއި ދުރުންނެވެ. ގިނަފަހަރު ނާކާމިޔާބުވުމުން އެކުވެރިއަކަށް ބަލައިގަނެވެނީ ޑްރަގެވެ. އެއީ ހަގީގަތުގައި ދުޝްމިނެއްކަން ނޭގެނީއެވެ. ވިސްނެނީ ވަގުތު ފާއިތުވާފަހުންނެވެ. އެމީހެއްގެ ދުނިޔެއައި އާޚިރަތްވެސް ނަގައިލެވޭތަން އަންނަނީއެވެ. *** ސަރަފީނާ އިޝާ ނަމާދަށްފަހު އެތައް އިރެއްވާންދެން މުސައްލަމަތީގައި ދުޢާކުރަން އަތް އުފުލާލައިގެން އިނެވެ. އޭނަ ﷲއަށް އާދޭހާއެކު ދެންނެވީ ދަރިފުޅަށް އަނިޔާވެރިވާ ބަޔެއްގެ މައްޗަށް ނަސްރު ދެއްވުމަށެވެ. އެކުއްޖާއަށް ތެދުމަގުދެއްކެވުމަށެވެ. ނަމާދަށްފަހު ކާހިތް ކެނޑިފައި ސަރަފީނާމެން ދިރިއުޅޭ ބާ ގޭގެ ލިވިންރޫމްގައި ހުންނަ އުނދޯލީގައި އޮށޯވެލައިގެންއޮތްއިރު ލޮލުން ފެންނަނީ މާޔޫސްކަމުގެ ހިޔަނިތަކެވެ. ސަރަފީނާ ހުރީ ރޮށިފިހެ ކާން ހަދާފައެވެ. މަންމަގެ އަތުން ރޮށްޓާއި ރިހަ ކާން އާދަވެފައި ހުރުމުން އަދަލްވެސް ކާހިތްނުވެފައި ކާބައިން ނިކުމެގެން އައިސް އުނދޯލީގައި މަންމަގެ މަގަތުގައި އިށީނެވެ. އެތަނުގައި ދިއްލާފައިވާ ބޮކީގެ ފަނޑު އަލިންވެސް މަންމަގެ މޫނުގައިވާ ހިތާމަތައް ދެކެން ހިތަށް ނުކުޅަދާނަވިއެވެ. "މަންމަ ރުޅިތަ؟" "ރުޅި އަޔަސް ތަގުދީރުގައި ލިޔުއްވާފައި ނެތިއްޔާ ނުވާނެ...ބަދު ނަސީބުނޫން އެއްޗެއް ލިޔުއްވާފައިނެތީނު..ނޯޔާވެސް...." "މަންމާ..ނޯޔާ ބުނީ ތެދެއްނޫން..." "އަދަލް އެވާހަކަ ބާއްވާ ދެން..ވާން ނެތްކަމެއްނުވާނެ.." "މަންމަގެ ދުޢާއިން ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ..އިންނާނެ މީހަކުވެސް ވެދާނެ...މީހަކު އަދި ނުވިޔަސް އެކަމާއި ހާސްވެގެން ހިތާމަކުރާހާ އުމުރުން ދުވަހެއްވެސް ނުވެއެއްނު. ސިދްރާހެން އަދަލްއަށްވެސް ވައިފްއެއް ހޯދިދާނެ..." ސިދްރާ އައިސް އުނދޯއްޔާއި ތަންކޮޅެއް ދުރުގައި ހުރި ވަކަރު ބެންޗެއްގައި އިށީނުމުން އަދަލް ހީލިއެވެ. "ސިދްރާވެސް މޮޔައެކޭ ކިޔާފައި މުޅި ހިސާބުގައި އެވާހަކަ އޮތީ......މިގެއަށް ހަދާފައިވާ ސިހުރު ޖެހެނީހެން ހީވަނީ..ކާފަ ކުރިންވެސް ކިޔާނެ މިގެ ބޭނުންވެގެން މަންމަމެންގެ އެންމެ ދޮށީ އެއްބަފާ ބޭބެ މި ގޯތްޗަށް ފަންޑިތަވެރިޔަކު ލައްވާ ސިހުރުހައްދައިގެންނޭ ކާފަވެސް ނިޔާވީ.ތަވީދެއް ލިޔުއްވަން ވީކަން ނޭގޭ..." ސަރަފީނާގެ އަޑު ތަންކޮޅެއް މަޑުވިއެވެ. އައި ރުޅިއާއި ހިތާމަ މަޑުމަޑުން ފިލަން ފެށީ ދަރިފުޅުގެ ލޮލުން ފެނުނު ތެދުވެރިކަމުންނެވެ. ނޯޔާއަށްވުރެ އަދަލްއަށް އިތުބާރުކުރެވޭތީއެވެ. މަންމައަށް ޝޭޚަކު ލައްވާ ދަރުހެއް ދޭން އެބަޖެހެއެވެ. ސަބަބަކީ މަންމަމެންނަށް ނޭގި ދިރިއުޅުމުގެ ތެރެއަށް ތަވީދުފަދަ ޝިރުކުގެ ކަންތައް ވައްދަމުންދާތީއެވެ. ދެއިރު ކިޔަވާ ޒިކުރަކީވެސް ރައްކާތެރިކަމެވެ. ނަމާދާއި ދުޢާތަކާއި ޒިކުރުފަދަ ގިނަ ފަށަލަތަކުން ހަށި ރައްކަލަކަށް ފުދޭނެއެވެ.ﷲތައާލާއަށް ނޫނީ ބަރޯސާވާކަށް ނުޖެހޭނެއެވެ. މަންމަގެ އަޅުވެރިކަމުގެ ތެރެއަށް ޝިިރުކާއި ބިދުއަ ފަދަ ކަންތައްތައް ވައްދައިގެން ނުވާނެއެވެ. އެއީ މިވަގުތު ދައްކަންޖެހޭ ވާހަކައެއްކަމަށް ނުފެންނާތީ އަދަލް މަންމަގެ ފައިތިލަ ކައިރީގައި ބޯ ޖައްސާލައިގެން އޮށޯވެލިއެވެ. *** އަދަލް "އަޒުއާ ހައިޓްސްއަށް ވަނުން އެއްކޮށްގެން ހުއްޓާލައިފިއެވެ. ގިނަވަގުތު އޮންނަނީ ކޮޓަރީގައެވެ. އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބަކީ ނޯޔާ ކައިވެންޏާއި ދެކޮޅުހެދުންކަމަށް ސަރަފީނާ ދެކުނެވެ. ބޮޑުދައިތައާއި ދަރިންވެސް މަލާމާތްކުރާނެކަން އަދަލްއަށްވެސް އެނގޭނެއެވެ. ބައެއްފަހަރު އާޚިރަތުގެ އަޒާބަށްވުރެ ދުނިޔޭގެ ލަދު ބޮޑުކަމުގައި ބުނެވެނީ އެހެންވެއެވެ. ޚުދު ސަރަފީނާވެސް އިންނަނީ ގޭގައި ތަޅުލެވިގެންނެވެ. ސިދްރާ ދޭތެރެއަކުން އަޒުއާ ހައިޓްސްއަށް ވަދެލާއިރު ފެންނަނީ ޒިހާމްއާއި އެމިލީގެ "ބޮޑާ"ކަމާއި ހިތް މޮޅުކަމެވެ. އަދަލް ނެތުމުން އެގެވެސް ފަޅުތަނެއްކަމުގެ އިހުސާސް އޭނައަށްވެސް ކުރެވުނެވެ. އަދަލްގެ ލާނެތް ވާހަކަތަަކަކީ ހިތްތަކަށް ބޭހެއްފަދައެވެ. *** ޒިހާމްމެންް ރެެސްޓޯރެންޓަކަށް ސަބްމެރިންއަށް އޯޑަރުދިނުމަށްފަހު ސިޓިންރޫމްގައި މަޑުކޮށްލައިގެނެ އިންއިރު މާރިޔާއާއި ކޮއްކޮމެން ކުރިމަތީގައި ހުރި ސޯފާތަކުގައެވެ. ޒިހާމްމެން ގެއިން ކައްކާއެއްޗެހި ނުކާތީ މާރިޔާ އެކަމާއި ދެރަވެގެން ސަބަބާއިމެދު ސުވާލުކުރިއެވެ. "މިގެއިން ކައްކާ އެއްޗެހި ނުބައީ. މި ރަށްފުށުގެ ދިރިއުޅުން ކަމަކުނުދޭ..މި ވިލެޖަަށް އައިފަހުން ބޮލުރިހުން ނުކެނޑޭ..ސަބްމެރިންވެސް ކެވޭވަރެއްނުވޭ..އެޓްލީސްޓް ދެން އަނގަޔަށް ލާން ކެރޭވަރުގެ އެހެން އެއްޗެއްނެތް..އެންމެ ކުރިންވެސް ޒިމްކައިރީ ބުނީމެއްނު މިތަނުގައި ނޫޅެވޭނެއޭ..." އެމިލީގެ ނަޒަރު ފޯނުން ވަތްކެއްނުވެއެވެ. "މިކޮޅަށް ދިިރިއުޅުން އެއްކޮށް ބަދަލުކުރަން ޖެހުނީ....އެޓްލީސްޓް ދެތިން އަހަރަށް ނަމަވެސް....އެމް ސޮރީ.."ޒިހާމް ބުނެލިއެވެ. މާރިޔާއިނީ އެއްޗެއް ބުނަން ނުކެރިފައެވެ. އެމިލީގެ މޫނުމަތިން އިތުރު ކުލަވަރެއް ނުފެނުނަސް އޭަނަ ހިތާހިތުން ރުޅިއައިސްގެން ފަޅައިގެންދާވަރުވިއެވެ. ފޯނުން ބަލަމުން ދިޔައީ އެކުވެރިންގެ ޕެރިސް ދަތުރުެގެ ފޮޓޯތަކެވެ. މިފަހަރު އެތަނުން މަދުވަނީ އޭނައެވެ އޭނަ ޓެގްކޮށްފައިވާ މިސްވާވަހަކަ އެކުދިން ބުނުމުން އެމިލީގެ ހިތަށް ނުބައިގޮތެއްވިއެވެ. އެހެންވާނެނޫންހެއްޔެވެ؟ އޭނަވެސް ކައިވެނިކުރަން ޖެހެނީ ޔޫރަޕްގެ ޒުވާނަކާއެވެ. އުފާވެރި ހުވަފެނީ ދިރިއުޅުމެއް ލިބޭނީ އެފަދަ މަންޒިލަކުންނެވެ. އޭނައަށް މި އެރުނީ އެންމެ ރަގަޅު ނަވަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ޒިހާމްގެ ސިފަތައްވެސް ހިތްތައް ހަލާކުކޮށްލާވަރުވެއެވެ. އަންހެންކުދިން މަރުދަންޖެހޭވަރުގެ ސިފަތަކާއެކު ބައްޕަގެ ފަރާތުން މުއްސަދިކަން ލިބިފައިވެއެވެ. މައްސަލައަކީ ތަމީމްގެ ދެވަނަ އަނބީގެ އާއިލާގެ ނުފޫޒު ވަރުގަދަވެ އެ ކުދިން ތަމީމްއާއި ދުރަށް ޖައްސަން މަސައްކަތްކުރާކަމަކަށް ހީކުރެވުމެވެ. އެމިލީ ކާކޮޓަރިއަށް ވަނުމާއެކު ފޯނު މޭޒުމައްޗަށް އެއްލާލާފައި ދެއަތުގެ ތެރޭ މޫނު ފޮރުވިއެވެ. ޕެރިސްގެ އެ ލަގްޒަރީ ދުވަަސްތައް ހަނދާންވެ ހިތް އެއްކޮށް މާޔޫސްވިއެވެ. ޒިހާމް އޭނަގެ ދެއަތް ނައްޓުވައިލިއެވެ. "ޢެމް.ތިހެން މާޔޫސްވެގެން ނީދެބަލަ....އަހަންނަށް އެނގޭ މިރަށުގެ ދިރިއުޅުމަށް ފޫހިވާވަރު..މިތަނަށް މިއައީ ހަމައެކަނި އިންވެސްޓެމެންޓަކަށް ނޫން..ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަން އޮތީ..ބައްޕަ ދެންމެ ގުޅާފައިބުނުއްވީ މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ރިޒޯޓް އެންޑް ސްޕާ ޕްރޮޖެކްޓްގެ ޑިޒައިން ކޮންސަލްޓެންޓަކަށް އެމިލީ ހަމަޖައްސަން އެއްބަސްވެއްޖެއޭ...ދެން މިތާ އޮފީހުގައި އޭސީގައި އިންނަން ޖެހޭނީ..." އެމިލީގެ ލޮލުގެ ވިދުވަރު ގަދަވިއެވެ."ހަމަ ތެދެއް ޒިމް؟ އަހަންނަށް އެހާ ބޮޑު ޕްރޮޖެކްޓެއް؟ ބޮޑު އަގެއް ކިޔާނަން.." "އާނ..އަދި ބައްޕަ ބުނުއްވީ އެ ޕްރޮޖެކްޓްގެ ބޮޑުބައި މި އާއިލާއާއި ހަވާލުކުރާނަމޭ...ސިދްރާއާއި އަދަލްމެން މިކަމަށް ނުވައްދާ އަހަރެމެން މިތަނުގެ ކިންގް އެންޑް ކުއީންއަށް ވަރަަށް އަވަހަށް ވާނެ.." އެމިލީއަށް ހިނިތުންވެވުނީ އެވަގުތުކޮޅަށް ނަމަވެސް ހިތަށް ތަސައްލީއެއް ލިބުމުންނެވެ. އޭނަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދަލްގެ ލާނެތްކަމާއި މި އާއިލާގެ މެދުފަންތީގެ ވިސްނުމުގެ ތެރޭ ތާށިވުމެވެ. ޒިހާމްގެ މިޚަބަރުން އޭނައަށް މިއީވެސް "ޕެރިސް"ފަދަ ތަަނަކަށް ހެދިދާނެކަމުގެ އުއްމީދު ލިބުނެވެ. ކާކޮޓަރިތެރޭގައި ހުރި ސިދްރާ ހުރީ ހިރިލަންވެސް ނޭގިފައެވެ. އެންމެންވެސް ދެކެނީ އުފާވެރި ހުވަފެންތަކެވެ. އަދަލްއަށްވެސް މި ޚަބަރު އެނގެންވާނެއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ