އަބަދު ވަރުބަލިވެފައި ހުންނަނީ ކީއްވެ؟

ރޭގަނޑު ހަމަޖެހިގެން 8 ގަޑިއިރު ނިދައިފި އެވެ. ދުވާލު ބުރަ ބޮޑު، ބަރު މަސައްކަތެއްވެސް ނުކުރެ އެވެ. ނަމަވެސް ހެނދުނު ހޭލާއިރު ހުންނަނީ މުޅި މީހާ ލޮޑުވެ، ހަކަތަ ހުސްވެފަ އެވެ. ދުވާލު ހަތަރުދަމު އުޅެންޖެހެނީ ބޮލަށް ބަރުވެ، ފޫހިކަމަކާ އެކުގަ އެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ބައެއް މީހުން ކުރަމުން އަންނަ، އަދި ހައްލެއް ނުފެނިފައިވާ ބޮޑު ޝަކުވާއެކެވެ.
"އަބަދު ވަރުބަލިވުން" ނުވަތަ ކްރޮނިކް ފެޓީގް އަކީ ހަމައެކަނި ނިދި މަދުވުމުން ދިމާވާ ކަމެއް ނޫނެވެ. މީގެ ފަހަތުގައި ގިނަ ސަބަބުތަކެއްވެ އެވެ. އާންމު ދިރިއުޅުމުގައި ފަރުވާކުޑަކޮށްލެވޭ މި ސަބަބުތަކާއި އޭގެ ސައިންސަށް ފުންކޮށް ވިސްނާލަމާ ހިންގަވާށެވެ.
ޖިސްމާނީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރިޔަސް، ނަފުސާނީ ގޮތުން ކުރާ ބާރުތަކުގެ ސަބަބުން ހަށިގަނޑު މާބޮޑަށް ވަރުބަލިކޮށްލަ އެވެ. އަބަދު ކަންކަމާ ފިކުރުކުރުން، ސްޓްރެސް އަދި އެންޒައިޓީގެ ސަބަބުން ސިކުނޑި ހުންނަނީ އަބަދު "އެކްޓިވް" މޯޑުގަ އެވެ. ސިކުނޑިއަކީ ހަށިގަނޑުގެ ހަކަތައިގެ ބޮޑު ބައެއް ބޭނުންކުރާ ގުނަވަނެކެވެ.
މިހެންވެ، ސިކުނޑިން ބޭނުންކުރާ ހަކަތަ އިތުރުވުމުން، މުޅި ހަށިގަނޑުން ވަރުބަލިކަމުގެ ސިގްނަލްތައް ދޫކުރެ އެވެ. މިއަށް ސައިންސްގެ ބަހުން ކިޔަނީ "ބާންއައުޓް" ވުމެވެ.
ދުވާލު ހަކަތަ ހޯދުމަށްޓަކައި އަޅުގަނޑުމެން ކާ ނުވަތަ ބޯ ބައެއް ތަކެތީގެ ސަބަބުން، ހަގީގަތުގައި ވަރުބަލިކަން ދަނީ އިތުރުވަމުންނެވެ. ހަކުރު ގިނަ ތަކެތި (މިސާލަކަށް: ހަކުރު އެޅި ސައި/ކޮފީ، ހަކުރު ގިނަ ބިސްކޯދު، އެނަޖީ ޑްރިންކްސް) ބުއިމުން ލޭގައި ހުންނަ ގުލްކޯޒް މިންވަރު ކުއްލިއަކަށް މައްޗަށްދެ އެވެ. އޭގެ ސަބަބުން ވަގުތުން ހަކަތަ ލިބުނުހެން ހީވެ އެވެ.
ނަމަވެސް، މާގިނައިރުތަކެއް ނުވެ މި ހަކުރުގެ މިންވަރު ކުއްލިއަކަށް ތިރިއަށް ވެއްޓެ އެވެ. މިއަށް ކިޔަނީ "ޝުގަރ ކްރޭޝް" އެކެވެ. މީގެ ނަތީޖާއަކީ ކުރިއަށްވުރެ ބޮޑަށް މީހާ ލޮޑުވެ، ހަކަތަ ހުސްވުމެވެ.
ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ ފެން ބޯންޖެހެނީ ހަމައެކަނި ކަރު ހިއްކުމުން ކަމަށެވެ. ނަމަވެސް ހަށިގަނޑުން ކުޑަކޮށް ފެންމަދުވިޔަސް ވަރުބަލިކަން އިހުސާސްވާނެ އެވެ. ހަށިގަނޑުގައި ފެންމަދުވުމުން ލޭގެ ދައުރުވުން ލަސްވެ އެވެ. މީގެ ސަބަބުން ހިތަށް ޖެހެނީ މާ ބާރަށް މަސައްކަތްކުރާށެވެ.
އެހެންވެ، ގުނަވަންތަކަށް އޮކްސިޖަންއާއި ކާނާ ފޯރުކޮށްދިނުން ލަސްވެ، ހަށިގަނޑުގެ ހަކަތަ ދަށްވެ އެވެ. ދުވާލަކު އެކަށީގެންވާ ވަރަށް ފެން ނުބޮވޭނަމަ އަބަދު ހުންނާނީ ވަރުބަލިވެފަ އެވެ.
"އަހަރެން މިއަދު އެއްވެސް ކަމެއް ނުކުރަން، ވީމާ ވަރުބަލިވާންވީ ކީއްވެ؟" މިއީ އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. ހަގީގަތަކީ އެއްވެސް ކަމެއް ނުކޮށް ގިނައިރު އިށީނދެގެން ނުވަތަ އޮށޮވެގެން އުޅުމަކީ މީހާ މާބޮޑަށް ވަރުބަލިކޮށްލާ ކަމެކެވެ. ހަށިގަނޑު ހަރަކާތްތެރި ނުވާނަމަ، ހިތުގެ ހިންގުމާއި، ލޭގެ ދައުރުވުން އަދި މެޓަބޮލިޒަމް (ހަކަތަ އުފައްދާ ނިޒާމް) ލަސްވެ އެވެ.
ނަތީޖާއަކީ މަސްތަކާއި ސިކުނޑިއަށް ލިބޭ އޮކްސިޖަން މަދުވެ، މުޅި މީހާ  ލޮޑުވުމެވެ. ކުޑަކޮށް ހިނގާލުމުން ނުވަތަ ކަސްރަތުކޮށްލުމުން ހަކަތަ އިތުރުވަނީ މިހެންވެއެވެ.
ބައެއް ފަހަރު އަބަދު ވަރުބަލިވެފައި ހުރުމަކީ ހަށިގަނޑުގެ އެތެރެހަށީގައި ނުވަތަ މުހިންމު މާއްދާއެއް މަދުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
އަބަދު ވަރުބަލިވެފައި ހުރުމަކީ ހަމައެކަނި ނިދިން ނުވަތަ އަރާމުން ފޫބެއްދޭނެ ކަމެއް ނޫނެވެ. އެއީ ކެއިންބުއިމާއި، ނަފުސާނީ ދުޅަހެޔޮކަމާއި، އަދި ހަށިގަނޑުގެ އެތެރޭގެ ނިޒާމުތަކާ ގުޅިފައިވާ ކަމެކެވެ. ދިރިއުޅުމުގެ ކުދިކުދި އާދަތަކަށް ހެޔޮ ބަދަލެއް ގެނެސްގެން، ހަށިގަނޑުގެ ގުދުރަތީ ހަކަތަ އަނބުރާ ހޯދިދާނެ އެވެ. އަމިއްލަ ހަށިގަނޑަށް އަޅާލައި، ސިއްހީ ގޮތުން ހޭލުންތެރިވުމަކީ މުހިންމު ކަމެކެވެ. 
މައުލޫމާތު: ހެލްތުލައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ