ސްރީލަންކާގެ ޓެރަރިޒަމް މަނާކުރާ ގާނޫނު (ޕީޓީއޭ) ގެ ދަށުން ހައްޔަރުކޮށްފައިވާ ތަމަޅަ ރެޕް އާޓިސްޓް "ހިޕްހޮޕް ސަންގީ" މިނިވަންކުރުމަށް ގޮވާލާ އަޑުތައް ގަދަވާން ފަށައިފި އެވެ.
ތަމަޅަ މަދަނީ ޖަމިއްޔާތަކުން މުޒާހަރާ ކުރަމުންދާ އިރު، ތަމަޅަ އަދި ސިންހަޅަ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަންގީތުސަން ގަނޭޝްކުމާރު ނަމަކަށް ކިޔާ މި ފަންނާނު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ، އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކެއްގައި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އަށް ތާއީދުކުރާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ.
އުމުރުން 24 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ޖަފްނާ ޑިވިޝަނަލް ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯއިން ހިންގި ތަހުގީގަކަށް ފަހުގަ އެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ މިއުޒިކް ޝޯއެއްގެ ވީޑިއޯތައް އެޑިޓްކޮށް، އެލްޓީޓީއީއަށް ތާއީދު ލިބޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާއަށް އަޕްލޯޑްކޮށްފަ އެވެ.
މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން، 1978 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އޭނާ ބަންދުކޮށްފައި ބެހެއްޓުމާ ދެކޮޅަށް އިއްޔެ އާއި މިއަދު ވެސް މުޒާހަރާކޮށްފައިވާ އިރު، ތަމަޅަ އެކްޓިވިސްޓުންނާއި، ފަންނާނުން އަދި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ފަރާތްތަކުން ބުނާ ގޮތުގައި ސަގާފީ އަދި ފަންނީ ކަންކަމާ ދެކޮޅަށް ޓެރަރިޒަމް މަނާކުރާ ގާނޫނު ބޭނުންކުރުމަކީ ތަމަޅަ ސަރަހައްދުތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
މިދިޔަ ހަފުތާގައި ބޭއްވި މިއުޒިކް ޝޯއަކަށް ފަހު، ކުރީގެ މަޝްހޫރު ތަމަޅަ މިއުޒީޝަން އެސް. ޖީ. ސަންތަންގެ ދަރިފުޅު ގޯކުލަން ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ކަމަށް ބައެއް ނޫސްތަކުގައިވެ އެވެ.
ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ މެންބަރު ނަމާލް ރާޖަޕަކްސަ ވެސް ވަނީ ސަރުކާރުން ގާނޫނު ތަންފީޒުކުރަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.
ގިނަ ފަރާތްތަކުން ބުނާ ގޮތުގައި ފަންނާނުންނާއި ސިޔާސީ ހިޔާލު ފާޅުކުރާ ފަރާތްތަކާ ދެކޮޅަށް ޓެރަރިޒަމް ގާނޫނު ބޭނުންކުރުމަކީ ތަމަޅަ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތެކެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުން އަބަދުވެސް އަމާޒުވާ ޓެރަރިޒަމް މަނާކުރާ ގާނޫނަކީ، މީހުން ހައްޔަރުކުރުމާއި ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގާނޫނެކެވެ.
ލަންކާގެ ރެޕް އާޓިސްޓް ސަންގީ މިނިވަންކުރުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ