ރެއާލްގެ އިންތިހާބު ޕެރޭޒް ކާމިޔާބު ކޮށްފި

ރެއާލް މެޑްރިޑްގެ އިންތިހާބު އެކުލަބުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކާމިޔާބު ކޮށްފި އެވެ.
2006 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އިންތިހާބުގައި ވޯޓުލީ ގާތްގަނޑަށް 25000 މީހުންގެ 64 ޕަސެންޓް ވޯޓު ލިބިފައިވަނީ މިހާރުގެ ރައީސް ޕެރޭޒަށެވެ. އޭނާއާ ވާދަކުރި 37 އަހަރުގެ އެންރީކެ ރިކުއެލްމޭ ވެސް ވަނީ މި ނަތީޖާ ގަބޫލުކޮށް ޕެރޭޒަށް މަރުހަބާ ކިޔައިފަ އެވެ.
"މިއީ އަދި ނިމުމެއް ނޫން. މިއީ އަދި ފެށުމެއް. އެކަމަކު މިވަގުތަށް ޕެރޭޒަށް މަރުހަބާ ކިޔަން،" އެންރިކޭ ބުންޏެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރެއާލްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމާ ގާތުގައި ހުރި އޭނާގެ ކެމްޕޭން މަރުކަޒުގައި ވާހަކަ ދައްކަމުން ޕެރޭޒް ބުނީ ރެއާލް މެޑްރިޑް ދިފާއު ކުރުމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އޭނާ އަދިވެސް ރެއާލް އަށް ގެންނާނެ ކަމަށެވެ.
ޕެރޭޒް ރެއާލްގެ އިންތިހާބު މި ބޭއްވީ އެންމެ ފަހުން އޭނާ އިންތިހާބުވި ދައުރުގެ ނިމެން ތިން އަހަރު ބާކީ އޮއްވަ އެވެ. މީގެ ސަބަބަކީ އިދިކޮޅު ފަރާތްތަކުން އޭނާ އަށް ފާޑުކިއުންތައް އަމާޒު ކުރަން ފެށުމުންނެވެ. އުމުރުން 79 އަހަރުގެ ޕްރޭޒް ރެއާލްގެ ރައީސް ކަމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2000 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން 2009 އާއި 2013 އަދި 2017 އާއި 2021 އަދި 2025ގައި އޭނާ އިންތިހާބުވީ އެއްވެސް ވާދަވެރިއަކު ނެތި އެވެ.
ރެއާލްގެ އެންމެ ކާމިޔާބު ރައީސް ޕެރޭޒަށް ފާޑުކިއުންތައް މިފަހުން އަމާޒުވީ އެންމެ ފަހު ދެ ސީޒަނުގައި ތައްޓެއް ނުލިބި ނިންމާލަން ޖެހުމުންނެވެ. މިހެންވެ އޭނާ ވަނީ ޓީމަށް ބަދަލު ގެނެސް އައު ކޯޗަކަށް ކުރީގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ