ރާއްޖެ އައީ ޕާކިސްތާނަށް ފުޓްބޯޅައާ މެދު އުންމީދު ކުރެވިދާނެކަން ސާބިތުކޮށްދޭން

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މާލޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ، ކްރިކެޓަށް އިންތިހާ އަށް މަގުބޫލުކަން އޮތް ޕާކިސްތާނަށް ފުޓްބޯޅައާ މެދު ވެސް އުންމީދުތަކެއް ކުރެވޭނެކަން ސާބިތުކޮށްދިނުމަށް ކަމަށް އެ ޓީމުގެ ކޯޗު ޕެރޫ ގައުމީ ޓީމުގެ ކުރީގެ ތަރި، ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ. 
ހަތަރު ގައުމު ވާދަކުރާ ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު، ޕާކިސްތާނުން ފައިނަލަށް ދިޔައީ އެއް ވަނަ ޓީމުގެ ގޮތުގައި މެޗަކުން ބަލިނުވެ، ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. ފުރަތަމަ މެޗުން ބަންގްލަދޭޝް 23 އަހަރުން ދަށުގެ ޓީމާ 0-0 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ރާއްޖެ އަތުން 3-0 އިން މޮޅުވި އެވެ. އަދި، އިއްޔެ، ހަވީރު ކުޅުނު މެޗުގައި އަފްގާނިސްތާން އަތުން 2-0 އިން މޮޅުވެފައިވެ އެވެ. 
އަފްގާނިސްތާން 2-0 އިން ބަލިކޮށް، ޕާކިސްތާނުން ރާއްޖޭގެ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ވަނީ ކަށަވަރުކޮށްފައި. ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ޕާކިސްތާން ފައިނަލަށް ދިޔައިރު، ދެވަނަ ޖާގައަށް ވާދަކުރަނީ އަފްގާނިސްތާނާއި ބަންގްލަދޭޝް.
ޕާކިސްތާނުން މި ފަހަރުގެ މުބާރާތަށް ކުރިމަތިލީ 960 ދުވަސްވީއިރު، ބައިނަލްއަގުވާމީ މެޗަކުން މޮޅެއް ނުލިބި އެވެ. އެ ޓީމުން މި މުބާރާތުގައި އެކަން ބަދަލުކުރިއިރު، ފީފާ ރޭންކިންގައި ތިން ދަރަޖަ ކުރިއަށް ޖެހިލަައި (އެތައް އަހަރަކަށް ފަހު ގަދަ 200 ގައުމު ތެރޭގައި ހިމެނި)، 35 އަހަރު ތެރޭ މި ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފައިނަލެއްގައި ކުޅުމުގެ ފުރުސަތު ހޯދައިފަ އެވެ. 
އަފްގާނިސްތާނާ ދެކޮޅަށް އިއްޔެ ޕާކިސްތާނުން ދެއްކީ ޓީމެއްގެ ގޮތުގައި ވަރަށް ހިތްވަރުގަދަ ކުޅުމެއް ކަމަށާއި އަފްގާނިސްތާންގައި ތިބި ޓެކްނިކަލް މޮޅެތި ކުޅުންތެރިންނަށް ކުޑަ ވެސް ފުރުސަތެއް ނުދީ ޕާކިސްތާނުން ދެއްކީ އިންޓަނޭޝަނަލް ވަރުގަދަ މެޗެއްގައި ހިތްވަރުގަދަ ކުޅުމެއްކަން ސޮލާނޯ ވަނީ ފާހަގަކޮށްފަ އެވެ. 
"އަހަރެމެން މިތަނަށް އައީ މި މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދަކާ އެކު. އެއީ މި ޓީމަށް ވެސް ގައުމެއްގެ ގޮތުގައި ޕާކިސްތާނަށް ވެސް ވަރަށް ބޮޑު ކަމަކަށްވާނީ. އެއީ، ޕާކިސްތާނުން މި ކުޅުންތެރިންނާއި ފުޓްބޯޅައާ މެދު އުންމީދުކުރާނެ ކަމަކަށް ވާތީވެ. އެއީ، ޕާކިސްތާނަކީ ހަމައެކަނި ކްރިކެޓަށް ޝައުގުވެރިކަން އޮތް ގައުމެއްގެ ވިސްނުން ބަދަލުކޮށް، ފުޓްބޯޅަ އިން ވެސް މަޑުމަޑުން އުފާވެރި ހަނދާންތަކެއް އެ ގައުމަށް ހޯދައިދޭން. މި ކަން ހާސިލްކުރެވޭތޯ މި އެންމެން ކުރަނީ ރަނގަޅު މަސައްކަތެއް،" ސޮލާނޯ ބުންޏެވެ. 
ފާއިތުވި އަހަރުތަކަށް ބަލާއިރު ޕާކިސްތާނަށް ފުޓްބޯޅައިގައި އެކި މައްސަލަތަކެއް ދިމާވެފައި އޮއްވައި، ސޮލާނޯ މިދިޔަ އަހަރު އެ ޓީމާ ހަވާލުވެ، އެ ޓީމުގެ ކުޅުންތެރިންނާ އެކު މަސައްކަަތް ފެށި އެވެ. މި މުބާރާތުގެ ކުރިން ސޮލާނޯ ކުޅުންތެރިންނަށް ދިން މެސެޖަކީ، ތާރީހުގައި ލިޔެވިފައި ހުރި ކަންކަން ހިފައިގެން ކުރިއަށް ދާން ނުޖެހޭ ކަމަށާއި، މިހާރު އޮތް ޓީމަކީ މި ވަގުތާއި މުސްތަގުބަލު ހޯދާނެ ޓީމު ކަމަށް ދެކިގެން މަސައްކަތް ކުރުމަށެވެ. 
ސޮލާނޯ ބުނީ، މިހާރު އޮތް ޓީމުގެ އަމާޒު ހުރީ ޕާކިސްތާންގެ ފުޓްބޯޅަ ތާރީހުގައި ހާއްސަކަންކަން ލިޔުން ކަމަށެވެ. 
"ކުޅުންތެރިންގެ ހަނދާނުގައި ހުންނާނެ މި ކަންކަން، އަހަރެމެން މަސައްކަތް މި ކުރަނީ ރަނގަޅު ޓީމެއް ބިނާކުރަން. އެއީ އަންނަ އަހަރު ވަރަށް ބޮޑެތި އުންމީދުތަކެއް ގުޅިފައިވާ މުބާރާތްތައް އެބަހުރި، އޭޝިއަން ކަޕަށް ކޮލިފައިވާން މަސައްކަތްކުރަން އަހަރެމެން ބޭނުން. އެއީ، އެކަން ވެގެންދާނެ ޕާކިސްތާން ފުޓްބޯޅައިން ވަރަށް ބޮޑަށް ފާހަގަކުރާނެ ކަމަކަށް. އަހަންނަށް އެނގޭ އޭޝިއާ ބައްރުގައި މިކަން ކުރަން އުނދަގޫވާނެކަން، އެކަމަކު، މި ފަދަ މުބާރާތްތަކުގެ (ޑައިމަންޑް ޖުބިލީ އިންޓަނޭަޝަނަލް މުބާެރާތް) ސަބަަބުން ޓީމު ރަނގަޅުކުރަން ފުރުސަަތު ލިބޭ،" ސޮލާނޯ ބުންޏެވެ. 
މި މުބާރާތަށް އައުމުގެ ކުރިން އެންމެ ފަހުން، ޕާކިސްތާން މެޗަކުން މޮޅުވީ، 2023 ވަނަ އަހަރު އޮކްޓޫބަރު މަހު ކެމްބޯޑިއާ އަތުންނެވެ. މި މުބާރާތުގެ ތެރެއިން، ޖެހިޖެހިގެން ދެ މެޗުން މޮޅުވުމަށް ފަހު، ޕާކިސްތާނުން މި މުބާރާތުގެ ފައިނަލުގައި ބުދަ ދުވަހުގެރޭ ކުޅޭނީ އަފްގާނިސްތާންއާ އެވެ.
އަފްގާނިސްތާން ކޯޗަކަށް ހުރި ހޯސޭ އެންޓޯނިއޯ ނޮގޭރާ އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ޕާކިސްތާން ގެންގޮސްދިން ކޯޗެކެވެ. އެ ފަަހަރުގެ ސެމީގައި ޕާކިސްތާނުން ކުޅުނުއިރު، އެއ 13 އަހަރު ތެރޭ ބައިނަލްއަގުވާމީ މުބާރާތެއްގެ ސެމީގައި އެ ޓީމުގެ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ