އެއްގަމު އުޅަނދެއް ދުއްވޭނީ ކޮންޕްރިހެންސިވް އިންޝަރެންސެއް އޮވެގެންކަމަށް މަޖުބޫރު ކުރުމަށް އިސްލާހެއް ހުށަހެޅުމުގައި އެމްޑީޕީގެ މަގްސަދަކީ ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން އިންޝުއަރެންސް ކުންފުންޏެއް މުއްސަނދިކޮށް، އެ ފައިސާއިން ސިޔާސީ މަސައްކަތްތަކަށް ހަރަދުކުރުންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ”ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް“ އޮތުން މަޖުބޫރުކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ އެކްސިޑެންޓެއް ހިނގައިގެން ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަނީ ހަމައެކަނި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުންތައް އުފުލައިދޭ ”ތާޑް ޕާޓީ އިންޝުއަރެންސް“ އެކެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، އުޅަނދު ދުއްވާ މީހާއާއި، އަމިއްލަ އުޅަނދަށް ލިބޭ ގެއްލުމުގެ އިތުރުން ގުދުރަތީ ކާރިސާތަކާއި، އަލިފާނުގެ ހާދިސާތަކާއި، ވައްކަން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ވެސް އިންޝުއަރެންސްގެ ދަށުން ކަވަރުކުރަން ޖެހޭނެއެވެ.
ބިލުގެ ބަހުސް މަރުހަލާގައި ޝުޖާއު ވިދާޅުވީ މި އިސްލާހަކީ ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށްޓަކައި ”ޑިޒައިން“ ކޮށްފައިވާ އިސްލާހެއްކަމަށެވެ. ޝުޖާއު ވިދާޅުވީ، އިސްލާހަށް އޭނާ ތާއީދުނުކުރައްވާކަމަށާއި، މިއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި، މި އިސްލާހުގެ ބޭނުމަކީ އެމްޑީޕީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ފައިސާ ހޯދުމަށްޓަކައި، އިންޝުއަރެންސް ކުންފުންޏަކަށް މަންފާ ހޯދުމެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މަގްސަދަކީ ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން އިންޝުއަރެންސް ކުންފުންޏެއް މުއްސަނދިކޮށް، އެ ފައިސާއިން ސިޔާސީ މަސައްކަތްތަކަށް ހަރަދުކުރުން ކަމަށެވެ.
ތާޑް ޕާޓީ އިންޝުއަރެންސާއި ކޮމްޕްރެހެންސިވް އިންޝުއަރެންސްގެ ތަފާތު ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، މިހާރު ލާޒިމުކުރާ ތާޑް ޕާޓީ އިންޝުއަރެންސަކީ އެހެން މީހެއްގެ މުދަލަށް ނުވަތަ ވެހިކަލަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް އޮންނަ އެއްޗެއް ކަމަށެވެ. އަދި ކޮމްޕްރެހެންސިވް އިންޝުއަރެންސަކީ އަމިއްލަ ވެހިކަލާއި ދުއްވާ މީހާއަށް ލިބޭ ގެއްލުން ކަވަރުކޮށްދޭ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއީ އެކްސިޑެންޓުތަކުގައި އެނދުމަތިވާ އާއިލާތަކަށް އެހީތެރިވުމަށް ކުރާ މަސައްކަތެއްކަމަށް ކުޑޫގެ ބިލުގައި ބުނެފައިވީ ނަމަވެސް، ޝުޖާއު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ބޮޑަށް ކަވަރު ކުރެވެނީ ވެހިކަލް ދުއްވާ މީހާއާއި ވެހިކަލަށް ލިބޭ ގެއްލުން ކަމަށެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުން، ކޮމްޕްރިހެންސިވް އިންޝުއަރެންސްގެ ދަށުން ތިންވަނަ ފަރާތަކަށް ލިބޭ ޖިސްމާނީ ހާނިއްކައާއި މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހެއެވެ.
މީގެ އިތުރުން، އުޅަނދު ފުރޮޅާލުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށް ލިބޭ ސީދާ ގެއްލުމާއި، ތޫފާނާއި ފެންބޮޑުވުން ފަދަ މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށް ވެސް ބަދަލު ލިބެންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ ކޮންޕްރިހެންސިވް އިންޝުއަރެންސް އިސްލާހުގެ ބޭނުމަކީ، ކުންފުންޏެއް މުއްސަނދިކޮށް ފައިސާ ނެގުން: ޝުޖާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ