ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ޔުނިޓް އިމާރާތްކުރާނެ: މުންދު

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ހައުސިން ޔުނިޓް އިމާރާތްކުރަން ނިންމާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ، ”ޕްރެސަރ ވިތު ދަ ސޮޕޮކްސް“ ގައި ވާހަކަދައްކަވަމުންނެވެ. ބީއެމްއެލް ހައުސިން މަޝްރޫއުއާ ބެހޭ ގޮތުން މުންދު ވިދާޅުވީ، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ވިލިނގިލި ހިމެނޭހެން ހުޅުމާލެ ފޭސް 1 އަދި ދޭކުން ބީއެމްއެލްއާއި ހަވާލުކުރެވުނު 3260 ހައުސިންގ މަޝްރޫއުއާ ބެހޭ ގޮތުން އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާ ކުރައްވާ މުންދު ވިދާޅުވީ، ކޮންޓްރެކްޓަރުން ހުށައެޅި އެއް ޕްރޮޖެކްޓް ފިޔަވާ އެހެން ހުރިހާ ޕްރޮޖެކްޓެއްގެ ޑިޒައިންގެ މަސައްކަތް ނިމި ހުއްދަދީފައިވާ ކަމަށެވެ. މި މަސައްކަތްތައް ކޮންޓްރެކްޓަރާ ހަވާލުކުރެވި އެއް ޕްރޮޖެކްޓް ފިޔަވައި އެހެން ޕްރޮޖެކްޓްތަކުގެ ޑިޒައިންގެ މަސައްކަތްތައް ނިންމައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ހައުސިންގ ޔުނިޓްތަށް އިތުރުކުރުމުގެ ކެޕޭސިޓީ ބީއެމްއެލްގައި އެބަހުރި ކަމަށެވެ. މިގޮތުން 3260 ހައުސިން ޔުނިޓްގެ އިތުރުން އިތުރު 710 ޔުނިޓް މި ސްކީމްގެ ތެރެއަށް ވެއްދި އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މުންދު ވިދާޅުވީ، އެގޮތުން ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއު ނިމޭއިރު ހަތަރު ހާހެއްހާ ހައުސިންގ މަޝްރޫއު އިމާރާތްކުރެވިގެންދާނެ ކަމަށެވެ.
”ބީއެމްއެލްއާއި ހަވާލުކުރެވުނީ 3260 ހައުސިންގ މަޝްރޫއު އެކަމަކު އަދި ވެސް އުފާވެރި ޚަބަރެއް އެބައޮތް. ބީއެމްއެލްގެ ކެޕޭސިޓީ އެބަހުރި އެ ކެޕޭސިޓީ އިތުރުކޮށްލަން. އެހެންވީމަ 3260 މިހާރު އެވޯޑު ކުރެވުނީ، އަދި އިތުރު 710 ހަމަ އެ ސްކީމްގެ ތެރެއިން އެބަ ވެއްދޭ، އެހެންވީމަ ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ،“ މުންދު
މި މަޝްރޫއު ހިންގުމުގައި ބައިވަރު ކޮންޓްރެކްޓަރުން ހިމެނޭކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ، އޭގެ ތެރޭގައި ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކޮންޓްރެކްޓަރުން ހިމެނޭ ކަމަށެވެ.
ބީއެމްއެލްއިން ކުރިއަށްގެންދާ ތިން ކޮޓަރީގެ 3260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭނެ ޔުނިޓްތަކެކެވެ. އެ ފްލެޓްތަކަކީ މިހާރު ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ރުފިޔާ އިން ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތަކެކެވެ. މި މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މިއީ ކުލި ދައްކައިގެން ދިރިއުޅެ، ވަކި މުއްދަތަކުން ތަން މިލްކު ކުރެވޭ މޮޑެލްއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިން ޔުނިޓުގެ ބިންގާ މާރޗް މަހުގެ 21 ވަނަ ދުވަހު އަޅާފައިވާއިރު، ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާވެސް މިހާރު ވަނީ އަޅާފައެވެ.
ބީއެމްއެލްއިން ލަފާކުރާ ގޮތުގައި މި ހުރިހާ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ