މި މަސް ނިމުމުގެ ކުރިން ޑޮލަރު ލިމިޓަށް ލުޔެއް ދެނީ

ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓްތަކަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.ބީއެމްއެލްއަށް ލިބޭ ޑޮލަރަށްވުރެ، ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމަށް ބީއެމްއެލްއިން ވަނީ ލިމިޓުތަކެއް ކަނޑައަޅައިފައެވެ.އެ ލިމިޓްތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އެކަމުގެ ފައިދާ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. މީގެ އިތުރުން، އެއާލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ.ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.•⁠ ⁠މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކި.•⁠ ⁠މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކާޑު މުއާމަލާތްތަކަށް.•⁠ ⁠ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވޭ.•⁠ ⁠މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވޭ.މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 ޕަސެންޓުގެ  އިތުރުވުމެކެވެ.ބީއެމްއެލްގެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާ ވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަަސައްކަތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެނީ ބީއެމްއެލް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ