އަނގަ ބަންދުކުރުމުގެ އަމުރު: ޝަރުއީ ނިޒާމުގެ ހަމަހަމަކަމާ މެދު އައްބާސް ސުވާލު އުފައްދަވައިފި

ކޯޓު އަމުރުތަކަށް ތަބާވުމުގައި ވަކި ބަޔަކަށް އިސްތިސްނާ ލިބޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އައްބާސްގެ ޕޯސްޓުގައި ވަނީ ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ކޯޓު އަމުރާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އޭނާ އިޝާރާތް އެ ކުރައްވަނީ އަދަދު ނޫހުން ނެރުނު އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ގަޒުފްކުރި ކަމަށް ދައުވާކޮށް އެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށް ޑޮކިއުމެންޓަރީއާ ގުޅޭ އަދި އެ މައްސަލައިގެ ހަސްމަކާ ގުޅޭ ވާހަކައެއްް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ކަމަށް ބެލެވެ އެވެ. 
މި އަމުރުގެ ވާހަކަ އަދަދު ނޫހުގައި ލިޔުނު ލީވާން އަލީ ނަސީރު އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންހެން މުވައްޒަފަކަށް މުއިއްޒު ގުޅުއްވި ކަމަށް ބުނާ ބައެއް ފޯން ކޯލްތައް ކޮށްފައިވާ ގަޑިތައް ފާހަގަކުރުމަށް ފަހު ޝަހުޒާނު ސުވާލު ކުރުމުން އޭނާ ރައީސް އޮފީހުން ބޭރުކޮށް، ޖެހިގެން އައި އަންގާރަ ދުވަހު މި ދެ ނޫސްވެރިން ޖަލަށްލުމަށް ހުކުމް ކުރި އެވެ. 
ލީވާން 10 ދުވަހަށް ޖަލަށް ލާފައިވާއިރު، ޝަހުޒާނުގެ މައްޗަށް ހުކުމްކުރީ 15 ދުވަހަށެވެ. 
މިގޮތަށް ކޯޓުން އަމަލުކޮށްފައި ވާއިރު، މުއިއްޒު އާއި ފަލާހު ކޯޓަށް ހާޒިރުކޮށް ހުކުމް ނުކުރީ ކީއްވެތޯ ސުވާލު އައްބާސް ވަނީ ސުވާލު އުފައްދައިފަ އެވެ. 
"މުއިއްޒު އާއި ފަލާހު ކޯޓު އަމުރާ ހިލާފުވީމާ ކޯޓަށް ހާޒިރުކޮށް ހުކުމް ނުކުރީ ކީއްވެތޯ؟ ވަކި މީހަކަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ކޯޓުތަކަށް އިހުތިޔާރު އޮވޭތޯ؟ ފަނޑިޔާރުގެތަކަށް އެފަދަ އިހުތިޔާރީ ގާނޫނެއް ހެދިފައިވޭތޯ؟ ގާނޫނު ހިނގަންވާނީ ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަކޮށް، ފަނޑިޔާރުގެތަކުން ޝަރީއަތް ކުރެވެން ވާނީ ވެސް އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި އެއް ހަމައަކުން،" އައްބާސް ވިދާޅުވި އެވެ. 
އަނގަބަންދުކުރުމުގެ އަމުރާ ގިނަ ބަޔަކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހިލާފުވެފައި ވާއިރު ވެސް އެ މައްސަލަތަކެއް ނުބަލަ އެވެ. 
ޕީއެންސީގެ ޖަލްސާއެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އާއިލީ ދިރިއުޅުމާ ގުޅުވައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އައްބާސް ނިންމަވައިފިއެވެ. އައްބާސް ވިދާޅުވީ ފަލާހު ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ބެހޭ ގޮތުން ތެދުބަހުން ޑޮކިއުމެންޓަރީއެއް ހަދައިގެން އަބުރު ކަތިލާކަށް ނުނެރެވޭނެ ކަމަށެވެ. 
"މި ދުނިޔޭގައިވެސް އަދި އާހިރަތުގައިވެސް. އެހެންވީމާ ތިބޭފުޅުން އަޅުގަނޑަށް އެހާ ބައިވަރު ސަވާބު ދެއްވަން ބޭނުމިއްޔާ ހަމަ ގިނަ ގިނައިން ޑޮކިއުމެންޓަރީ ހައްދަވާ،" މުއިއްޒު ވިދާޅުވި އެވެ. 
ޑޮކިއުމެންޓަރީގެ މައްސަލައިގައި ކޯޓު އަމުރެއްގެ އަދަދު ނޫހަށް ފުލުހުން ވަދެ ނޫސްވެރިން ބޭނުންކުރަމުން ގެންދިޔަ ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރުތަކުގެ ހާޑްޑިސްކް އަދި ބައެއް އެހެނިހެން އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ