ހައި ކޯޓަށް ދައްކަން ޖެހޭ ރަޖިސްޓްރޭޝަން ފީ ދައްކަން ދިން މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ފައިސާ ނުދައްކައިގެން، 72 ކިލޯގެ ޑްރަގު މައްސަލައެއްގެ އިސްތިއުނާފު ރަޖިސްޓްރީ ނުކޮށް އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
މި 72 ކިލޯގެ ޑްރަގަކީ "މަސްޖަރީ 2" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރުމަށް ފަހު، "ޕްރިންސަސް ސަމީރާ" ލޯންޗުގައި މާލެ ގެނެސް ކާރެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ޑްރަގްސްތަކެކެވެ. މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރި އެވެ.
ނަމަވެސް، އެކި މައްސަލަތަކާ ހުރެ، ދައުވާކުރީ މި ކަމުގައި އިސްކޮށް ހަރަކާތްތެރިވީ ކަމަށް ބުނާ، އިރުފާން ތަގިއްޔު (ސ. ހުޅުދޫ، ދޭލިޔާގެ) ގެ އިތުރުން އަހްމަދު ނަސީރު (އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ) އާއި މުހައްމަދު އަކްރަމް (ހ. ގާޑްންބިޔުޓީ) ގެ މައްޗަށެވެ. މިއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.
އިރުފާނުގެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީކޮށް ނުދޭން ނިންމި ނިންމުމުގައި، އެ ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ބަޔާންކުރައްވާފައި ވަނީ، ރަޖިސްޓްރޭޝަން ފީ ދައްކަން މި މަހުގެ 5 ގައި އެންގި ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ ފީ ނުދައްކާ ކަމަށެވެ.
"... "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" 5 އޮކްޓޫބަރުގައި މެއިލްކުރެވިފައިވާއިރު، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ، ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، މި މައްސަލަ ބަލައިގަނެވެން ނެތް" ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮށްފައި ވެ އެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމުމާ ގުޅިގެން ޕީޖީން ރަޖިސްޓްރޭޝަން ފީ ނުދެއްކިވާ ސަބަބު ސާފުކޮށްދެއްވަމުން ޕީޖީގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި، އެ ފަދަ ލިޔެކިޔުންތައް ފޮނުވަން ކަނޑައެޅިފައިވާ އީމެއިލްއަށް އެ މައްސަލައިގައި ހައިކޯޓުގެ ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ.
ޝަފީއު ވަނީ އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް މައްސަލަތަކާ ގުޅިގެން ހައިކޯޓުގެ މެއިލްތައް، މި ބުނާ މެއިލް އެޑްރެސްއަށް ފޮނުވާފައި ހުއްޓަސް، މި މައްސަލައިގައި ހިމެނޭ ލިޔުމެއް ނުފޮނުވަ އެވެ.
"އެފަދަ ލިޔުންތައް މިއޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވޭ،" އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ވަނީ މި ނިންމުން މުރާޖާކުރަން ހުށަހަޅަން ނިންމާފަ އެވެ. އަދި މި ނިންމުމަކީ އެ ކޯޓުން އަމިއްލައަށް އިސްވެ މުރާޖައާ ކުރަން ޖެހޭ ނިންމުމެއް ކަމުގައި އެ އޮފީހުން ދެކޭ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ޑްރަގުތައް އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 8، 2020 ގައި ހިންގި އޮޕަރޭޝަނެއްގައި ފާރަލަމުން ދިޔަ ލޯންޗަކުން މާލެ ބޭލި ފަހުންނެވެ.
މި ޑްރަގުތަކާ މާލެއިން ހަވާލުވުމަށް ފަހު، އެތަކެތި ކާރަކަށް އަރުވައިގެން ދުއްވާފައި ގެންގޮސް ފަރީދީ މަގުގައި ޕާކު ކުރީ އިރުފާނު ކަމަށް ފުލުހުން ބުންޏެވެ. އަދި ޑްރަގުތައް އޭނާގެ ހާޒިރުގައި އެ ކާރު ބަލައިފާސްކުރިއިރު، އޭގެ ތެރޭގައި ހުރި ދެ ލަގެޖު ފޮށްޓާއި ދެ ގޯނިންނެވެ.
ޕީޖީން ރަޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ ބޮޑު ޑްރަގު މައްސަލައެއް ބޭރުކޮށްލައިފި ޕީޖީން ރަޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ ބޮޑު ޑްރަގު މައްސަލައެއް ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ