ޓްރަމްޕަށް ނޮބެލް ސުލްހައިގެ އިނާމު ނުދިނުމުން، އިސްރާއީލުގެ އެވޯޑެއް ދެނީ
މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް އުންމީދު ކުރައްވައިގެން ހުންނެވި ނަމަވެސް އެ އިނާމު ނުދިނުމުން، އިސްރާއީލުން ޓްރަމްޕަށް އެވޯޑެއް ދޭން މަސައްކަތް ފަށައިފިއެވެ. ކޮންމެ އަހަރަކު ވެސް ދޭ ނޯބެލް ސުލްހައިގެ އިނާމަކީ ފާއިތުވި އަހަރުގެ ތެރޭގައި ސުލްހަ ގާއިމު ކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވާ މީހަކަށް ނުވަތަ ބަޔަކަށް ދޭ އިނާމެކެވެ. އެ އިނާމު ލިބޭނެ ކަމުގެ އުއްމީދު ޓްރަމްޕް އެކި ފަހަރުމަތިން ފާޅުކުރައްވައިފައިވާއިރު، ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކު ވެސް އެކަމަށް ކެމްޕޭން ކޮށްފައިވެއެވެ. އެހެންނަމަވެސް އިއްޔެ ނޮބެލް ސުލްހައިގެ އިނާމު ދީފައިވަނީ، ވެނުޒުއޭލާގެ އިދިކޮޅު ލީޑަރު އަދި ޑިމޮކްރަސީ އެކްޓިވިސްޓް މާރިއާ ކޮރީނާ މެޝާޑޯއަށެވެ. އެއީ އެ ގައުމުގެ ރައްޔިތުންނަށް ޑިމޮކްރެޓިކް ހައްގުތައް ހޯދައިދޭން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެ އެވޯޑް ނުލިބުމުން ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އޭގެ ފަހުން، އިސްރާއީލަށް ޚާއްސަ ޚިދުމަތްތައް ކުރާ މީހުންނަށް ދޭ އެވޯޑަކަށް ޓްރަމްޕްގެ ނަން ވަނީ ހުށަހަޅައިފައެވެ. އެ ނަން ހުށަހެޅީ އެ އެވޯޑު ކުރިން ހާސިލުކުރި މީހެއް ކަމަށްވާ ރޮނީ ޑޫއެކްއެވެ. އާންމު ގޮތެއްގައި އިސްރާއީލުގެ ރައްޔިތުންނަށް ދޭ އެ އެވޯޑް ޓްރަމްޕަށް ދިނުމަށް އެދި ޑޫއޭކް، އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ ޓްރަމްޕް އިސްރާއީލަށް ކޮށްދިން ޚިދުމަތްތައް ފާހަގަކޮށްފައެވެ. އޭނާ ލިޔެފައިވާ ގޮތުގައި ޓްރަމްޕް ވަނީ އިސްރާއީލުގެ ސަލާމަތްކަން ކަށަވަރުކޮށް، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވޭނެކަން ސާބިތުކޮށްދެއްވައިފައެވެ. އަދު، ޣައްޒާ ހަނގުރާމަ ނިންމުމުގައިވެސް އެމެރިކާގެ ދައުރު އޮތް ކަމަށް އޭނާ ބުނެފައިވެއެވެ. މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެން ވެނުޒުއޭލާގެ އިދިކޮޅު ލީޑަރު އަދި ޑިމޮކްރަސީ އެކްޓިވިސްޓް މާރިއާ ކޮރީނާ މެޝާޑޯ. ފޮޓޯ/ރޮއިޓާސް ޑޫއެކްގެ ސިޓީގައިވަނީ، ޓްރަމްޕްގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ވެސް ފާހަގަކޮށްފައެވެ. އެގޮތުން، އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ގުދުސް ބަލައިގެންފައިވާ ކަމަށާއި، 2018 ވަނަ އަހަރު، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރިކަން ފާހަގަކުރިއެވެ. އެމެރިކާ މެދުވެރިވެގެން ބަހްރެއިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މޮރޮކޯ، އަދި ސޫދާނުން ސޮއިކޮށްފައިވާ އަބްރަހަމް އެއްބަސްވުންތައްވެސް އޭނާ ފާހަގަކުރިއެވެ. އެ އެއްބަސްވުންތަކަކީ އިސްރާއީލާއި އަރަބި ބައެއް ގައުމުތަކުގެ ގުޅުން އާންމު ހާލަތަކަށް ގެނައުމުގެ މަގުސަދުގައި ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ޑޫއެކް ބުނެފައިވެއެވެ. ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްއާއި ސަރުކާރަށް ތާއީދުކުރާ މީހުން ވަނީ ރަސްމީ ބަޔާންތައް ނެރެ، އެ އިނާމު ދޭ ކޮމިޓީއަށް ފާޑުކިޔައިފައެވެ. އެގޮތުން އެ ކޮމިޓީއިން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހެނީ ކަމަށް އެ ބަޔާންތަކުގައި ތުހުމަތުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ