ޝިމަންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި ފޯނުން ފޮޓޯއެއް ލީކުކޮށްލައިފި ޝިމަންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި ފޯނުން ފޮޓޯއެއް ލީކުކޮށްލައިފި

ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު އަތުލި ފަހުން އެ ފޯނުން ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލީކުކޮށްލައިފި އެވެ.
ކޯޓު އަމުރެއް އޮތް ކަމަށް ބުނެ ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި ބުދަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. ފޯނު އަތުލަން ހޯދި ކޯޓު އަމުރު ފުލުން ޝިމަން އަށް ދެއްކީ ފޯނު ޖަހައިގަތުމަށްފަހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިމަންގެ ފޯނު އަތުލިތާ 24 ގަޑިއިރު ނުވަނީސް ކާކުކަން ނޭނގޭ ގޮތަށް އެކްސް އެކައުންޓެއް ހަދައި އެ ފޯނުގައި ހުރި ޝިމަންގެ ފޮޓޯއެއް ވަނީ ލީކު ކޮށްލާފަ އެވެ. ފޮޓޯ ލީކު ކޮށްލުމާއެކު ގިނަ ބަޔަކު އެ އެކައުންޓު ރިޕޯޓު ކުރުމުން އެކްސް އިން މިހާރު ވަނީ އެކައުންޓު ސަސްޕެންޑުކޮށްފަ އެވެ.
މި ނޫހާ ވާހަކަ ދައްކަމުން ޝިމަން ބުނީ އޭނާގެ ފޯނުން ފޮޓޯއެއް ލީކުކޮށްލީ ފުލުހުން ކަމަށެވެ.
"އެއީ ފޯނުގައި އެކަނި ހުރި މައުލޫމާތެއް. އެއީ އެހެން އެއްވެސް ތަނެއްގައި ހުންނާނެ އެއްޗެއް ނޫން. އެއީ އެހެން އެއްވެސް ތާކު ހުންނާނެ ފޮޓޯއެއް ނޫން. ފުލުހުން ފޯނު ނަގައިގެން ކޮންފިސްޓިކޭޓުކޮށްގެން ގެންދިޔަ ފަހުން، 24 ގަޑިއިރު ވެސް ނުވަނީސް އެ އެއްޗެހި ލީކްވިކަމަށް ފެންނަނީ. އެއީ އިތުރު އެއްވެސް ތަނެއްގައި ހުންނާނެ އިންފޮމޭޝަނެއް ނޫން އެއީކީއެއް،" ޝިމަން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް މި ނޫހުން މަސައްކަތް ކުރި ނަމަވެސް، ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ފުލުހުން ޝިމަންގެ ފޯނު އަތުލައި ފޮޓޯއެއް ލީކުކޮށްލާފައިވާއިރު، ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
މި އަހަރުގެ ކުރީކޮޅު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރި ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ޝިމަން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ކުރި އެވެ.
ޝިމަން އަށް ދައުވާކުރީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ