އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ނުފެނޭ، އެދެނީ އެކަމާ ދެކޮޅަށް ވޯޓުދޭން: އަޒާން
އައްޑޫގައި މި މަހުގެ 25ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލް ބާއްވައި، އެ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ޤާއިމްކުރުމާ ދެކޮޅަށް ވޯޓުދޭން އައްޑޫ ރައްޔިތުންގެ ކިބައިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫޤު މިރޭ އެދިވަޑައިގެންފިއެވެ. މިހާރު އައްޑޫގެ ކައުންސިލް އެކުލެވިފައިވާ ގޮތާ މެދު އެ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި މި މަހުގެ ފަހުކޮޅު ޚިޔާލު ހޯދުމުގެ ވޯޓު ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އާދީއްތަ ދުވަހެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 25ވަނަ ދުވަހު އެ ތިން އަވަށުގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގާނެކަން އިއުލާނުކޮށްފައެވެ. މިކަމާ ގުޅިގެން 'އެކްސް'ގައި އަޒާން އައްޑޫ ބަހުރުވައިން ލިޔުއްވިގޮތުގައި، ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫގެ ރައްޔިތުންނާއި ސިޔާސީވެރިންނަށް އޮތް އެންމެ ބޮޑު ބާރަކީ މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުމެވެ. https://x.com/axanner/status/1977008214060548350 "ވަކި ވަކި ކައުންސިލް ހަދައި، މިކޯ މި އޮތް އައްޑޫ ސިޓީ ކައުންސިލުން ވަކި ވުމަކީ، މި ބާރަވެރިކަން އަފިރިން އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫ އަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަގޮތަކި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑޮ،" އަޒާން ލިޔުއްވާފައިވެއެވެ. ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ހިތަދޫން ކުރަމުން ދިއުމާއި އެ އަވަށުގައި އިދާރީ އިންތިޒާމުތައް ގާއިމްވެފައި އޮތް ގޮތުން، އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ދަތިތައް ދިމާވާކަން އަޒާން ފާހަގަކުރެއްވިއެވެ. އެކަމަކު އެންމެން އެކަތިގަނޑަކަށްވެ އައްޑޫ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ރޭވިފައިވާ ގޮތް ބަދަލުކޮށްގެން މައްސަލަ ހައްލުކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. "އެކަމައް މަސައްކަތް ކެރާއް މަ ތައްޔާރަ. މަ އެދެނީ މިމަހި 25 ވަނަ ދުވެހި ނަގާ ވޯޓެ ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުންނަސް އައްޑޫ ވަކި ކައުންސިލްތައް ހަދާއް ނިފެނޭ ކަމަށް ވޯޓު ދިނުން." އަޒާން ލިޔުއްވި ޕޯސްޓުގައިވެއެވެ. ނަމަވެސް އައްޑޫގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު 'އެކްސް'ގައި މިދިޔަ އާދީއްތަ ދުވަހު ލިޔުއްވިގޮތުގައި އައްޑޫގެ ކައުންސިލްގެ އެކުލެވުން އޮންނަ ގޮތާ މެދު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ބުރައެއް ނުވާނެއެވެ. ރައީސް މިފަދައިން ލިޔުއްވި ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ، އައްޑުއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ގެންދަނީ އައްޑޫގެ ކައުންސިލް ވަކިކުރުމާ އެއްކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ސިޓީ ކައުންސިލްތައް އޮވެގެން ނުވާ ކަންކަން ރަށު ކައުންސިލްތަކުން ކުރާ ކަމަށާއި، ފޭދޫ، އައްޑޫ ސިޓީ ކައުންސިލާ ވަކިވެއްޖެނަމަ ފޭދުއަށް ކުރާނެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ