ފުލުހުން ބުނީ އެވެރިން އަތުން ފޮޓޯ ލީކު ނުވާނެ ކަމަށް!
ތަހުގީގުތަކަށް ހޯދާ ޑިޖިޓަލް ވަސީލަތްތައް ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައި އޮންނަ އުސޫލުތަކަަށް ކަމަށާއި އެހެންވެ ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޮބައިލް ފޯނަކުން މައުލޫމާތެއް ލީކްވުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ އިދާރާއިން މިރޭ ބުނެފި އެވެ.ފުލުހުން މިހެން ބުނެ ބަޔާނެއް ނެރެފައިވަނީ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި އެ ފޯނުން ފޮޓޮއެއް ލީކުކޮށްލި ކަމަށް ބުނަމުން އަންނަނިކޮށެވެ.އެ ތުހުމަތު ކުރަމުން އަންނަނިކޮށް މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކާއި، ޑިޖިޓަލް ވަސީލަތްތައް ބަލަހައްޓަން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްފެންވަރުގެ ހަރުދަނަ އުސޫލުތަކެއް ހުންނަ ކަމަށެވެ. އެ އުސޫލުތަކުގެ ތެރެއިން ހެއްކާއި، ޑިޖިޓަލް ވަސީލަތްތަކުގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.އެހެންވެ އެއްވެސް މޯބައިލް ފޯނަކުން އެއްވެސް މައުލޫމާތެއް ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފަދަ ކަމެއް ހިނގި ކަމަށް ބުނެ ކުރާ ތުހުމަތަކީ ދޮގެއް ކަމަށް ވެސް ފުލުހުން ބުންޏެވެ."ވީމާ ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ،" ބަޔާނުގައިވެއެވެ.ފުލުހުން ބުނީ އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާ އެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ."މި ހިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދު ވެސް އިސްކަންދެވޭ ކަންކަމެވެ،" އެ އިދާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ