"ވަގަށް ސިނގިރޭޓު އެތެރެކޮށްގެން ވިއްކަނީ ސަރުކާރުގެ ވެރިން" "ވަގަށް ސިނގިރޭޓު އެތެރެކޮށްގެން ވިއްކަނީ ސަރުކާރުގެ ވެރިން"

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމާއެކު ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށް އެތަކެތީގެ ވަގު ވިޔަފާރި ކުރަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ތެރެއިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހައްޔަރުކޮށްފައި ހުރުމާއި ގުޅިގެން މިރޭ އެ ރަށުގެ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ޒުވާނުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އުނދަގުލަކީ ސިނގިރޭޓު އަގު ބޮޑުވެ "ބިޑި އޮޅަން" ޖެހިފައި އޮތުން ކަމަށެވެ.
"އޭގެއިން ވެސް އެ ނަގަނީ ނާޖާއިޒު ފައިދާ. އެ ވިއްކަނީ ސަރުކާރުގެ ވެރިން. ވަރަށް ކެރިގެން މި ބުނަނީ އިހުސާން ކައިރި. ވަގަށް ސިނގިރޭޓު އެތެރެކޮށްގެން ވިއްކަނީ ހަމަ ސަރުކާރުގެ ވެރިން. ހަތަރެސް ފައިގަ ބަނދެގެން އެ ގެންނަނީ އެ މީހުންގެ ދަރިން،" ޒިޔާދު ވިދާޅުވި އެވެ.
ވާހަކަ މި ދައްކަނީ ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމާ އެއްކޮޅަށް ނޫން ކަމަށާއި މި ދައްކަނީ ވަގަށް ސިނގިރޭޓު އެތެރެކޮށް ކަޅު ބާޒާރެއް ހިންގާ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
"40 ފޫޓުގެ ދެ ކޮންޓެއިނަރު ގެއްލުނު ވާހަކަ އަޅުގަނޑު މި ދައްކަނީ،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ އިޝާރާތް ކުރެއްވީ ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި ވާހަކައަށެވެ.
މި މައްސަލަ ފެންމަތިވީ ބުރާސްފަތި ދުވަހު އެވެ. މި މައްސަލާގައި ހިމެނެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރު ވަގު ސިނގިރޭޓެވެ. މި ދެ ކޮންޓޭނަރު ކަސްޓަމްސް އިން ހިފެހެއްޓީ އެޕްރީލް މަހުގެ ފަހު ކޮޅު އެވެ.
އިތުބާރުހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ކޮންޓޭނަރުތަކުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ރޭ ބެލިއިރު ހުރީ ހުސް ކޮންޓެއިނަރެވެ.
ދެ ކޮންޓެއިނަރު ފުރާ ސިނގިރޭޓު ހުރިއިރު، މި ތަކެތީގެ ޑިއުޓީއަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރަ އެވެ. ވަގަށް ނެގި ކޮންޓެއިނަރުތަކުގައި ހުރީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓެވެ. ދެ ކޮންޓެއިނަރުގައި މަދުވެގެން ޖުމްލަ 12 މިލިއަނަށްވުރެ ސިނގިރޭޓު ހުއްޓެވެ.
މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދިޔަ ނަމަވެސް، މިކަމާއި ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ. މިކަމާއި ގުޅިގެން މިހާތަނަށް ކަސްޓަމްސް އަދި އެމްޕީއެލްގެ ބަހެއް ވެސް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ