ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަމުން އަންނަ އަމާން ފްލެޓުތައް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދިނުމަކީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށާއި ފްލެޓު ކުއްޔަށް ދީފި ނަމަ އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއްތަލިބު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ދޫކޮށްފައިވާ ބައެއް ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުތަކެއް އާންމުވުމާ ގުޅިގެންނެވެ.
ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް ހަވާލުކުރަން ފެށިތާ އަދި މިވީ ހަފްތާއެއްހާ ދުވަހެވެ.
އެފްޑީސީއިން ގެދޮރުވެރިޔާ ފްލެޓުތަކަށް ކަނޑައަޅާފައިވާ ކުއްޔަކީ:
ދެ ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ.؛ ޑައުންޕޭމެންޓަށް 15،000ރ.
ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ.؛ ޑައުންޕޭމެންޓަށް 25،000ރ.
ނަމަވެސް ސޯޝަލް މީޑިއާގައި އެ ތަންތަން ކުއްޔަށް ދޭން އިއުލާން ކޮށްފައިވަނީ 25،000ރ.ގެ މަގުންނެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން މުއްތަލިބު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ފްލެޓު ކުއްޔަށް ދޭ ނަމަ ފްލެޓު އަތުލާނެ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ހެޔޮ އަގެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ. އެގޮތުން:
އެ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށް ދީ، އެ ތަންތަން ލިބުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް ވެސް އަދި އެހެން ބޭނުމަކަށް ވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލު ކުރާ ކަމެއް ނޫން
"އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް، ކުއްޔަށް ދީފައިވާ ތަންތަނާއި އެ ތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކޮށް، އެ ތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ،" އެ ޕޯސްޓުގައި މުއްތަލިބު ވިދާޅުވި އެވެ.
"ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާ ވެސް އަވަހަކަށް ފެށުމަށް މި މިނިސްޓްރީން މި އަންނަނީ މަސައްކަތް ކުރަމުންނެވެ."
ގެދޮރުވެރިޔާ ފްލެޓު ލިބޭ ފަރާތްތަކާ އެކު ސޮއިކުރާ އެއްބަސްވުމުގައިވާ ގޮތުން، ކުއްޔަށް ހިފާ ފަރާތުން (ފްލެޓު ލިބޭ ފަރާތުން) ތިން ވަނަ ފަރާތަކަށް އެ ތަން ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.
ފްލެޓު ކުއްޔަށް ދޭ ކަމުގެ ޝަކުވާ އެފްޑީސީއަށް ލިބިއްޖެ ހާލަތެއްގައި އެކަން ބަލައި، އެކަމާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ވެސް އެފްޑީސީއަށް ލިބިގެންވާ ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.
އެނގުން މުހިންމު - މީގެ ކުރިން، ސަރުކާރުން ދޫކުރި ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ވެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން އެތައް ބަޔަކު އެތަންތަން ކުއްޔަށް ދިނީ އެވެ. ހުޅުމާލޭ ފޭސް-1 އަދި 2 އަކުން ލިބުނު ފްލެޓްތަކުގެ ތެރެެއިން ބައެއް ތަންތަނުގައި ދިރިއުޅެނީ ވެރިންނެއް ނޫނެވެ.
ކުއްޔަށް ދޭ މި ފަދަ ތަންތަން ހޯދައި ފިޔަވަޅު އަޅައި ތަން އަތުލާނެ ކަމަށް ސަރުކާރުތަކުން ކުރިން ބުނެފައިވެ އެވެ. ފްލެޓް ދިން ފުރަތަމަ ދުވަސްކޮޅު ފިޔަވަޅު އެޅި ނަމަވެސް، ފަހުން އެކަމުގައި ފަރުވާލެއް ނެތެވެ.
ކުއްޔަށް ދީފި ނަމަ ފްލެޓު އަތުލާނަން: މުއްތަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ