"ހަމަލަތައް ހުއްޓި ނަމަވެސް ވިސްނުމަކީ އިޒްރޭލު ޕާސްޕޯޓު މަނާކޮށްފައި ބޭއްވުން"

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދިޔަ ޤަތުލުއާންމު ހުއްޓާލުމަށް އެއްބަސްވެ ހަމަލާތައް މިހާރަށް ހުއްޓި ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ވިސްނުމެއް ނެތްކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރީ މިދިޔަ އޭޕްރިލް މަހުގެ 15 ގައެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގަމުން އައި ޤަތުލުއާންމު ހުއްޓާލަންދެނެވެ. https://sun.mv/204807 ފާހަގަކުރެވޭ ގޮތުގައި، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލަން އިޒްރޭލުން އެއްބަސްވީ އިއްޔެއެވެ. މި އެއްބަސްވުމާ އެކު، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައި އޮންނަ އޮތުން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅޭތޯ 'ސަން' އިން ސުވާލުކުރުމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ގިނަ ގައުމުތަކުން ޤަބޫލުކުރާ ޓޫ ސްޓޭޓް ސޮއިލުޝަނަކަށް ނާންނަހާ ހިނދަކު އެފަދަ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. "އެހެންވީމާ އެފަދަ ހާލަތެއް މެދުވެރިނުވާހާ ހިނދެއްގައި ސަރުކާރަކުންނެއް އިޒްރޭލުގެ ޕާސްޕޯޓުގަ ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އޮތް މަނާކުރުމާ ގުޅޭގޮތުން އިތުރަށް ނުވެސް ވިސްނާނެ ހާލަތު ބަދަލުނުވާހާ ހިނދެއްގަ،" އުޝާމް ވިދާޅުވިއެވެ. ރާއްޖޭން އަބަދުވެސް އަންނަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅައިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުން ފަލަސްތީނު ބަލައިގަތުމަށްޓަކައި ވަކާލާތުކުރަމުންނެވެ. https://sun.mv/212416 އިޒްރޭލުން ހިންގަމުން އައި ޤަތުލުއާންމު ހުއްޓާލަން އެއްބަސްވުމާއެކު ޣައްޒާއިން އިޒްރޭލުގެ ސިފައިން ފައިބާނެއެވެ. އަދި، އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރާނެ ކަމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭން ފަށާނެ ކަމަށް، ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ބުނެފައިވެއެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން އައި ގިނަދުވަސްވީ ޤަތުލުއާންމުގެ ތެރެއިން އޮކްޓޫބަރު 7، 2023 ގެ ފަހުން މި ހިނގި މުއްދަތުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 67،000 މީހުން އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލާފައިވެއެވެ. މި މުއްދަތުގައި ޣައްޒާގައި ދިރިއުޅެމުން އަންނަ އެތައް ބައެއްގެ ގޮދޮރު ގެއްލި މުޅި ސަރަހައްދުގައި ބަނޑުހައިހޫނުކަން ވެސް އާންމުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ