ފްލެޓު ކުއްޔަށް ދޭ މީހުން ހޯދައި، ފްލެޓު އަތުލާނަން: އެފްޑީސީ

ސަރުކާރުގެ ގެދޮވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ކުއްޔަށް ދީފި ނަމަ ފްލެޓު އަތުލާނެ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިންޒާރު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް ހަވާލުކުރަން ފެށިތާ އަދި މިވީ ހަފްތާއެއްހާ ދުވަހެވެ.
ނަމަވެސް ބައެއް ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އެކި ފަރާތްތަކުން އިޝްތިހާރު ކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެެވެ. 
އެފްޑީސީއިން ގެދޮރުވެރިޔާ ފްލެޓުތަކަށް ކަނޑައަޅާފައިވާ ކުއްޔަކީ:
ދެ ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ.؛ ޑައުންޕޭމެންޓަށް 15،000ރ.
ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ.؛ ޑައުންޕޭމެންޓަށް 25،000ރ.
ނަމަވެސް ސޯޝަލް މީޑިއާގައި އެ ތަންތަން ކުއްޔަށް ދޭން އިއުލާން ކޮށްފައިވަނީ 25،000ރ.ގެ މަގުންނެވެ.
ބުނީ ކީކޭ؟ - ހަމްދާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެ ފްލެޓުތައް ކުއްޔަށް ދިނުމަކީ، ފްލެޓު ލިބުނު ފަރާތާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއްކަން ވަނީ ހަނދާންކޮށްދެއްވާފަ އެވެ.
"އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓުތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓުތައް،" ހަމްދާން ވިދާޅުވި އެވެ.
"އެއްބަސްވުމާ ހިލާފަށް ފްލެޓު ކުއްޔަށް ދޭ ނަމަ، ފްލެތު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުން ބާތިލުކޮށް، ފްލެޓު އަތުލެވޭނެ ވާހަކަ ދަންނަވަން."
ތަފްސީލު - މިކަމާ ގުޅޭގޮތުން އެފްޑީސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފްލެތުތަކަށް ދައްކަންޖެހޭ ފައިސާ މުޅިން ދައްކާ ނިމުމުގެ ކުރިން އެ ތަނެއް ކުއްޔެއް ދިނުމުގެ އިހުތިޔާރު، ފްލެޓު ލިބުނު ފަރާތަށް ނޯންނާނެ ކަމަށެވެ.
"މިގޮތުން ޔުނިޓު ލިބޭ ފަރާތާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ޔުނިޓު ލިބޭ ފަރާތުން ޔުނިޓު އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމާއި، އަދި އެއާ ހިލާފަށް ޔުނިޓު ލިބޭ ފަރާތުން އަމަލުކޮށްފި ނަމަ އެކަމެއް ބަލައި، ޔުނިޓުގެ ވެރިފަރާތް އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތާ މެދު ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ،" އެފްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގުޅުންހުރި - ގެދޮރުވެރިޔާ ފްލެޓު ލިބުނު ބައެއް މީހުން، ފްލެޓު ކުއްޔަށް ދޭން އުޅޭކަމުގެ އަޑު ފެތުރުމާ އެކު، އެފަދަ މީހުން ހޯދައި، ފްލެތު އަތުލާނެކަމުގެ އިންޒާރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ