ވާނުވާ ނޭނގޭ ކަމެއް ނޯންނާނެ، މޭޔަރު ކުރައްވަނީ ސިޔާސީ ތުހުމަތެއް: ނަރީޝް
މާލޭ ސިޓީ ކައުންސިލުގައި 'ވާނުވާ ނޭނގޭ' އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި މޭޔަރު އާދަމް އާޒިމް ދައްކަވަނީ ސިޔާސީ މަގުސަދެއްގައި ދައްކަވާ 'ސިޔާސީ ވާހަކަތަކެއް' ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ. ބައެއް ލިޔެކިޔުންތައް ގެއްލި، މައްސަލަ ބޮޑުވެފައި އޮތް މާލޭ ސިޓީ ކައުންސިލުން ދޫކުރި ތައްގަނޑެއް، އެ ތަނުގައި އޮތް ތައްގަނޑެއް، ނެތް ތައްގަނޑެއް އެއްވެސް އެއްޗެއް އެނގެން ނެތި ބޮޑު 'އަރަތަކަށް'ވެފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ކަމާ ގުޅިގެން ސުވާލުކުރުމުން މިހާރު ޔޫތު މިނިސްޓްރީގެ އެޑްވައިޒަރެއްގެ ގޮތުގައި މިނިސްޓަރު ފެންވަރުގައި ހުންނެވި ނަރީޝް ވިދާޅުވީ، މޭޔަރު އާޒިމް ކުރައްވަނީ ސިޔާސީ ތުހުމަތެއް ކަމަށެވެ. އެ ފަދަ މައްސަލައެއް އޮތްނަމަ ކުރިން، އޭނާ ވެސް ކައުންސިލުގައި ހުންނެވިއިރު އެ ވާހަކަަނުދެއްކެވީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި، އެ މައްސަލަ ފެންމަތިވެފައި އޮތްނަމަ އެ ކަންކަން ހައްލުކުރަން ކުރަނީ ކޮން ކަމެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ. https://sun.mv/210769 "އަޅުގަނޑު ވެސް އެ ތަނުގައި މޭޔަރު އައި ފަހުން ވެސް ގާތްގަނޑަކަށް ދޮޅު އަހަރު ހުރެފައި ނޫންތޯ މި ނުކުތީ. އެހެންވެއްޖިއްޔާ އެ ދުވަހު ފާހަގަނުކޮށް، އެ ދުވަހު ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާނުކުރި އެއްޗެއް މިއަދު ކުއްލިއަކަށް އެޖެންޑާކުރާނީ ސިޔާސީ ބޭނުމަކަށް ނޫންހެއްޔޭ އަޅުގަނޑު މި ދަންނަވަނީ،" ނަރީޝް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ވެސް އަދި ނަރީޝް ހަވާލުވެ ހުންނެވިއިރުގައި ވެސް 'ވާނުވާ ނޭނގޭ' ކަންތައްތަކެއް ނުވަތަ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގާފައި ނޯންނާނެ ކަމަށެވެ. ކައުންސިލްގެ އޮނިގަނޑު އޮންނަ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރައްވާނީ ސެކްރެޓަރީ ޖެނެރަލްކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، އޭރު އެ މަގާމުގައި ހުންނެވީ ލީގަލް ކައުންސެލްގެ މަގާމުގައި ކުރިން ހުންނެވި އަލީ ނަސީރު ކަމަށެވެ. އެހެންވެ، ގާނޫނީ ގޮތުން ކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު އެއްވެސް އެއްބަސްވުމެއްގައި ލިޔެކިޔުންތައް ހަމަނުވަނީސް ސޮއިނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ވާނުވާ ނޭނގޭވަރު ކަމެއް ނޫނެއް ނޫންތޯ؟،" އޭނާ ސުވާލު އުފެއްދެވިއެވެ. https://sun.mv/210199 ނަރީޝް ވިދާޅުވީ، ކައުންސިލް ބަދުނާމުވާ ގޮތަށް މޭޔަރު ވާހަކަދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެ ފަދައިން ވާހަކަދައްކަވަން ވާނީ ކަން ހިނގާފައި އޮތްގޮތް ރަނގަޅަށް ސާފުކުރުމަށް ފަހު ކަމަށެވެ. "އެ ހިންގަން ޖެހޭ ތަހުގީގެއް ހިންގާފައި، ފެންނަން ޖެހޭ އެއްޗެއް ނުފެނުނީމާ ނޫންތޯ ޕަބްލިކްގައި ކޮމެންޓެއް ކުރަންވާނީ؟ އެ ނޫންތޯ ޒިންމާދާރު ބޭފުޅުން ކަން ކުރައްވާ ގޮތަކީ؟،" އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އާޒިމް އެ ތުހުމަތުތައް ކުރައްވަނީ އޭނާ ނުވަތަ ރައީސް މުއިއްޒަށް ނޫން ކަމަށާއި ކައުންސިލްގެ އޮނިގަނޑު އޮންނަ ގޮތުން އެ ތުހުމަތުތައް އަމާޒުވަނީ ވެސް އިދާރީ ގޮތުން ކައުންސިލްގެ ކަންކަން ބަލަހައްޓަވަން ތިއްބެވި ހީވާގި މުވައްޒަފުންނަށް ކަމަށެވެ. މި ފަހުން ވަނީ މާލޭ މަސް މާރުކޭޓު ހަދަން ދެ ބަޔަކަށް ހަވާލުކުރި މައްސަލައެއް ފެންމަތިވެފައެވެ. https://sun.mv/210240 މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު, ސިޓީ ކައުންސިލުން މަސް މާރުކޭޓު ހަދަން ބަޔަކާ 6.1 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި އޮއްވައި ފަހުން, އެހެން ބަޔަކަށް ތިން މިލިއަން ޑޮލަރު އަގުބޮޑުކޮށް، 9.6 މިލިއަން ޑޮލަރަށް އެ އެއްބަސްވުން ހެދިކަން ވަނީ ހާމަވެފައެވެ. ފަހުގެ އެއްބަސްވުން ހަދާފައިވަނީ, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން, މޭޔަރެއް ނެތި ސިޓީކައުންސިލް ހިންގަމުން ދިޔަ ދުވަސްވަރުއެވެ. އެ ދުވަސްވަރު އެ ކައުންސިލްގެ ވެރިއަކަށް ހުންނެވީ ޑެޕިއުޓީ މޭޔަރަކަށް އޭރު ހުންނެވި, އަދި މިހާރު މި ސަރުކާރުގައި ވަޒީރެއްގެ ފެންވަރުގައި ހުންނެވި އަޙްމަދު ނަރީޝްއެވެ. ފަހުގެ އެއްބަސްވުމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތުމުން ބޮޑު 'އޮޅުންބޮޅުން' ގަނޑެއް ވަނީ ފެންމަތިވެފައެވެ. 'ސަން'ގެ ބާރުހަތަރެއް ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ތައްގަނޑުތަކަށް 'ވާނުވާ'އެއް ވެސް އެނގެން ނެތް ކަމަށެވެ. އެހެންވެ، އެ ތައްގަނޑު ބޭނުންކޮށްގެން ގޯސްތަކެއް ނުހަދާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "މި ތަނުގައި ކިތައް ތައްގަނޑު ކަމެއް ހަދާފައި އޮތީއަކީ، އަދި މި ތަނުން ކޮން މީހުންނަކަށް ކަމެއް ތައްގަނޑު ދޫކޮށްފައި އޮތީ އެނގޭކަށް ނެތް. އެއީ، ގާނޫނީ ގޮތުން ވެސް މައްސަލައެއް،" އާޒިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެހެންވެ، އެއްބަސްވުންތަކުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ. ކުރިން ކައުންސިލް ހިންގާފައި އޮތީ 'އިދާރީ ގޮތުން ވަރަށް ގޯސްކޮށް' ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ